ދީނީ އިލްމުވެރިންނާއި، ރާއްޖޭގެ ގިނަ ރައްޔިތުންގެ ގާނޫނުލްއުގޫބާތުގައި އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފުތަރު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ހުށަހެޅުމާއި ދެކޮޅަށް ކުރި މަސައްކަތުން ޕްރެޝަރު ބޮޑުވެ އެންމެފަހުން އެއިސްލާހު އުނިކޮށްފިއެވެ.
ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށް ޓަކައި ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލު ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ބިލަށް އިސްލާހުތައް ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެ އިސްލާހުތައް ހުށަހަޅުއްވަމުން އިންތި ވިދާޅުވީ އިސްލާހުތަކާ އެކު ބިލުގެ މާއްދާތައް އޭނާ އަލުން ޑްރާފްޓް ކުރެއްވީ އިސްލާމިކް މިނިސްޓްރީން ހުށަަހެޅި ކޮމެންޓްތަކާއި އާއްމު ހުށަހެޅި ކޮމެންޓްތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.
ކޮމެންޓްތަކަށް އެޑްރެސް ކުރައްވައިގެން ޑްރާފްޓްތަކެއް ހެއްދެވީ، އޭނާ ވިދާޅުވިގޮތުގައި ކޮމިޓީގެ މެމްބަރުންނަށް ފަސޭހައަކަށެވެ. އެއީ އޭނާ މީގެ ކުރިން ވެސް އަމަލުކުރައްވާފައިވާ ގޮތެކެވެ.
ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ ކަން އެނގެން އޮއްވާ އޭގެތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހެއްގެ އިސްލާމީ އަގީދާ އަށް ގެއްލުން ލިބިދާނެ ގޮތަށް އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން އިމްތިޔާޒް ހުށަހެޅުއްވި އެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅި ބިލްގައި ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް ގެނައުމަށް އޮތީ ހުށަހަޅާފައެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފައެވެ.
ހަމައެހެންމެ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކީ ކާފަރެއް ކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން އޮތީ ހުށަހަޅާފަ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީވެސް ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ.
ކޮމެންޓު ފޮނުވާ