ކޯވިޑްގެ ނުރައްކާތެރިކަން ރާއްޖޭގައި އިންތިހާއަށް ގޯސްވެގެން ގޮސް، ކޯވިޑްގެ ޝިކާރައަކަށް އެތައް ބަޔަކުވެ، އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ވިޔަފާރިއެއް ބަގުރޫޓުވެ، ގައުމުގެ އިގްތިސާދީ ހާލަތު މިވަނީ އަރައި ނުގަނެވޭ ވަރުގެ ފުން ވަޅުގަޑަކަށް ވެއްޓިފައެވެ.
އަދި، މުޅި ދުނިޔެއަށްވެސް ކުރިމަތި ވެގެން ގޮސްފައިވާ، މި ނުރައްކާތެރި އާލަމީ ވަބާއާއި ދެކޮޅަށް ކުރަމުންދާ ހަގުރާމަ މިވަނީ ދޮޅު އަހަރާއި ގާތްކޮށްފައެވެ. މި ހަގުރާމާގައި ދޮޅު އަހަރާ ގާތްވެފައިވާއިރު، މި ބައްޔާ ދެކޮޅަށް ވެކްސިންތައް އީޖާދުކޮށް، އަދި ދުނިޔޭގެ ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުންނަށް ވެކްސިން ދެމުންދާއިރު، ކޯވިޑްގެ އާ ވޭރިއެންޓްތައްވެސް ދަނީ އުފަންވަމުންނެވެ.
އެހެންކަމުން، ދުނިޔޭގެ އެކި ގައުމުތަކަށް، ކޯވިޑްގެ އާ ރާޅުތައް އަންނަމުންދާއިރު، ދިވެހި ރައްޖެވެސް މިވަނީ، މި ނުރައްކާތެރި ވައިރަހުގެ އެތައް ރާޅަކާ ކުރިމަތި ލާން ޖެހިފައެވެ.
މީގެތެރެއިންވެސް ކުރިމަތިވީ އެންމެ ނުރައްކާތެރި ރާޅު ރާއްޖެއަށް ކުރިމަތިވެގެން ދިޔައީ، ފާއިތުވެދިޔަ 2 މަސްދުވަހުގެ ތެރޭގައެވެ. މިގޮތުން މޭ މަހާއި ޖޫން މަހަކީ، ރާއްޖޭގައި ކޯވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދެ މަސްދުވަހެވެ. ކޯވިޑްގެ މި ނުރައްކާތެރި ރާޅުގައި، ބައްޔަށް ޕޮޒިޓިވް ވާމީހުންގެ އަދަދު ދުވާލަކަށް 2 ހާސް މީހުންނަށްވުރެ އިތުރު ވެގެން ދިޔައެވެ. އަދި ބަލީގައި މަރުވާ މީހުންގެ ނިސްބަތް މަތިވެ، އެންމެ ނުރައްކާތެރި ރާޅުގައި، ދުވާލަކަށް 13 މީހުންވެސް ރާއްޖޭގައި މިބަލީގައި މަރުވެގެން ގޮސްފައި ވެއެވެ.
އެހެންނަމަވެސް، މޫސުމް ރަގަޅުވެ، ވައި މަޑުވެ، ކޯވިޑްގެ އެންމެ ނުރައްކާތެރި ރާޅުން އަރައިގަނެވިއްޖެކަމުގެ އިހުސާސްތައް މިއަދު މިވަނީ ކުރެވެން ފަށާފައެވެ.
ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ނިސްބަތް މިވަނީ ބައެއް ދުވަސް ދުވަހަށް ސަތޭކައަށްވުރެ ދަށް ކުރެވިފައެވެ. މިއަދު ކޮންމެ ދުވަހަކު، ބަލީގައި މީހުން ދުނިޔެ ދޫކުރަމުންނެއް ނުދެއެވެ. ފަހަރެއްގައި، މިއީ ގިނަބަޔަކަށް ލިބިގެން ގޮސްފައިވާ ހިންހަމަ ޖެހުމަކަށް ވެދާނެއެވެ.
އަދި، ހާލަތު އެތައް ތަނަކުން ރަގަޅު ވެގެން ދިއުމާ ގުޅިގެން ސަރުކާރުންވެސް މިވަނީ، ކޯވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑުތަނުން ލުއި ދޭން ނިންމާފައެވެ.
ވިސްނާލަންޖެހޭ އެތައް ކަމެއް
ރާއްޖެއަށް ކުރިމަތި ވެގެންދިޔަ ކޯވިޑް19ގެ އެންމެ ނުރައްކާތެރި ރާޅުން އަރައިގަނެވި، ހާލަތު އެތައް ތަނަކުން ރަގަޅު ވެގެން ދިއުމާއެކު، ކޯވިޑް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަަކަށް ލުއިދޭން ނިންމި ނިންމުމަކީ، ވިޔަފާރި ވެރިންނާއި، އަދި ލޮކްޑައުންގައި ގޭގައި ބަންދުވެފައި ތިބި އެތައް ބަޔަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިންހަމަ ޖެހުމެކެވެ.
އަދި، މިއީ ވިޔަފާރިތައް ބަންދުކޮށްގެން ތިބެން ޖެހުމުގެ ސަބަބުން، އެތައް ބަޔަކަށް ލިބެމުންދާ މާލީ ގެއްލުމުން އަރައިގަތުމަށް ބޭނުންވެފައި ތިބި އެތައް ބައެއްގެ އެދުމާއި އެއްގޮތަށް ސަރުކާރު އެޅުއްވި ރަގަޅު ފިޔަވަޅެއްގެ ގޮތުގައިވެސް ބަލައިގަންނަންވެސް އެބަ ޖެހެއެވެ.
އެހެންނަމަވެސް، މިއީ ކޯވިޑާއި ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް، މިއުސޫލުން ލުއިދިން ފުރަތަމަ ފަހަރު ނޫންކަންވެސް ފާހަގަ ކޮށްލެވެއެވެ. އަދި މިފަހަރުވެސް މި އުސޫލުން ބޮޑުތަކުން ލުއި ދިންއިރު، ފާއިތުވެދިޔަ ތަނުން ހާސިލް ކުރަންޖެހޭ އިބުރަތްތައް ނުހަނު ގިނަގުނަކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މިގޮތުން، ފާއިތުވެދިޔަ ތަނުގައި ސަރުކާރުން މި އުސޫލުން، ކޯވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިވަނީ، ފާއިތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށެވެ.
އެހެންނަމަވެސް އެފަހަރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެއްވި ދެއްވުމަށް އެތައް ބައއްގެ ފާޑުކިއުން އަމާޒުވެގެން ދިޔައީ، އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމާލުމަށް އެޕާޓީގެ ލީޑަރޝިޕް، ބެރު ދުންމާރީގައި ސަފާރީތަކުގައި، ރަސްދޫއަށް ކުރި ދަތުރާ ދިމާކޮށް، އެޕާޓީގެ ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ފަސޭހަ ވާނޭ ގޮތުގެމަތިން އެފަހަރު މި ލުއި ލިބިގެން ދިއުމާ ގުޅިގެންނެވެ.
ކޯވިޑްގެ ހާލަތު އާދައިގެ މިންވަރަކަށްވެސް ރަގަޅު ނުވަނީސް، އެއްފަހަރު ލުއި ދިނުމަށްފަހު، އެ ނިންމުމަށް 24 ގަޑިއިރުވެސް ނުވަނީސް، ގިނަބައެއްގެ ފާޑިކިއުމާއެކު، އެޗްޕީއޭގެ ނިންމުން އަބުރާ ގެންދިއުމަށްފަހު، އަނެއްކާވެސް، ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން އޭރު އަޅާފައިވާ ފިޔަވަޅުތައް އެކީއެކަށް ދޫކޮށްލި ކޮށްލުމަކީ އެންމެ ރަގަޅަށް ނިންމެވުނު ނިންމެވުންތަކެއް ނޫންކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ފަހުން ވިދާޅުވެފައި ވެއެވެ.
ހަމަ އެއާއެކު ދެން ފެނިގެން ދިޔައީ، އަވައްޓެރި އިންޑިއާގައި ކޯވިޑްގެ ނުރައްކާތެރި ވޭރިއެންޓެއް ފެތުރެން ފެށި މަންޒަރެވެ. އެހެންނަމަވެސް، އިންޑިއާގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ދިޔަ ނަމަވެސް، އިންޑިއާއިން ދުނިޔޭގެ އެހެން ގައުމުތަކަށ ދަތުރުކުރާ މީހުންގެ ކަރަންޓީން މަރުކަޒުތަކުގެ ގޮތުގައި ރާއްޖޭގެ ގެސްޓުހައުސްތައް ބޭނުންކުރުން ހުއްޓުމަކަށް އޭރު ގެނެވިފައެއް ނުވެއެވެ.
ނަތީޖާއަކަށްވީ، ބެލެވޭ ގޮތުގައި އިންޑިއާގެ، މި ނުރައްކާތެރި ވޭރިއެއްޓް ރާއްޖޭގެ ހަފޮޅުން އެތެރެ ވުމެވެ. އަދި، ގަބޫލުކުރެވޭ ގޮތުގައި، ރާއްޖެ އެންމެފަހުން ކުރިމަތި ލާންޖެހުނު ކޯވިޑްގެ ރާޅަކީ، އިންޑިއާގައި ފެތުރެމުންދިޔަ ނުރައްކާތެރި ވޭރިއެންޓް ރާއްޖެ އެތެރެވެގެން ކުރިމަތި ލާންޖެހުނު ރާޅެކެވެ.
އެހެންކަމުން، ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަލުތަކަށް ލުއިދިނުމުގައި، ވަގުތާއި ހާލަތަށް ބަލާ، ކޯވިޑްގެ ހާލަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަދަލުވަމުންދާ ގޮތްތަކަށްވެސް ރިއާޔަތްކޮށް ފިޔަވަޅުތަކަށް ލުއި ދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
އަދި ހަމަ އެފަދައިން، ފިޔަވަޅުތަކަށް ލުއި ދިނުމުގައި، އެޗްޕީއޭއަށް ސިޔާސީ ނުފޫޒު ފޯރާކަމަށް، ތުހުމަތު ނުކުރެވޭނޭ އުސޫލަކުން ލުއިދިނުމަކީވެސް މުހިންމު ކަމެކެވެ. މިއުސޫލުން، ކައުންސިލް އިންތިޚާބަށް ދިން ލުއިތައް ދެވިގެން ދިޔަކަމަށް އެޗްޕީއޭއަށް އެތައް ތުހުމަތެއް ކުރިވެރިގެން ގޮސްފައިވަނިކޮށް، ރާއްޖެއަށް ކޯވިޑްގެ 2 ވަނަ ރާޅަކާއި ކުރިމަތި ލާންޖެހުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ކުރެވުނު ތުހުމަތުތަކާއެކު، އެޗްޕިއޭއަށް ކުރިމަތި ވެގެންދިޔަ ޕްރެޝަރވެސް އެތައް ގުނައެއް މަތިވެގެން ދިއުމެވެ.
ހަމަހަމަކަން ގާއިކުރުން މުހިންމު
ސަރުކާރުން ކޯވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ޖުލައި 1އިން ފެށިގެން ލުއި ދިނުމަށް ނިންމާފައިވާއިރު، ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން ދަތުރުފަތުރު ކުރުމުގައި ހުރި ހުރަސްތައް މިވަނީ އެކީ ދޫކޮށްލެވިފައެވެ. އެހެންނަމަވެސް، މިއުސޫލު، ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިތިބޭ ފަރާތްތަކުގެ މައްޗަށް ނުހިގާތީ މިއީ ކޮންއުސޫލަކުން އެޅުއްވި ފިޔަވަޅެއްތޯ، ގިނަބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.
މީގެ ކުރިން އެޗްޕީއޭ އިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ފަރާތްތަކަށް ކަރަންޓީނަކާ ނުލައި ރަށްރަަށަށް ދަތުރު ކުރެވޭނެ އުސޫލެއް އާންމު ކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ކޮވިޑުގައި މަރުވާ މީހުންނާއި ބަލިޖެހޭ މީހުންގެ އަދަދު ހާހުން މައްޗަށް ދިޔުމުގެ ސަބަބުން ކަރަންޓީނާ ނުލައި އެއްވެސް ރަށަކަށް ނުދެވޭނެ ގޮތް ހަދައި ލުއި ދިން ފިޔަވަޅުތައް އަލުން ހަރުކަށި ކުރިއެވެ.
ސަރުކާރާއި އެޗްޕީއޭގެ އިރުޝާދުތަކުގެ އަޑު އަހައިގެން އިއްޔެ އާއި ހަމައަށް 316،704 މީހުން ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ. ދެވަނަ ޑޯޒް 189،529 މީހުން ވަނީ ޖަހައިފައެވެ. ސަރުކާރުން ބުނެފައިވަނީ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް ރާއްޖޭގައި އަދި ލުއި ދެވެން ނެތީ ބޭނުންވާ މިންވަރަށް މިހާތަނަށް ވެކްސިން އާބާދީގެ ނިސްބަތުން ދެވިފައިނުވާތީ ކަމަށެވެ. އާބާދީގެ 75 ޕަސެންޓަށް ވެކްސިން ދެ ޑޯޒް ޖަހާފައިވާނަމަ ލުއި ދެވުނީސް ކަމަށް ސަރުކާރުން ބުނެއެވެ.
އެހެންނަމަވެސް، ސަރުކާރުގެ އެދުމުގެ މަތިންނާ އަދި އަމިއްލަ ސަލާމަތަށްޓަކާ، ވެކްސިންގެ ދެޑޯޒް ފުރިހަަމަ ކޮށްފައިވާ ފަރާތަތަކަށް، ސަރުކާރުން މިދިން ލުއި، އެއްވެސް މިންވަރަކަށް ލިބިގެން ގޮސްފައި ނުވާ ސަބަބުތައް ސަރުކާރުން މިއަށްވުރެ ފުޅާކޮށް ހާމަ ކޮށްދެއްވަން ޖެހޭކަމަށް ފެނެއެވެ. ސަބަބަކީ، މިއީ، ވެކްސިން ޖަހާފައިވާ މީހުންނަށް ލުއި ދިނުމުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލް ކުރަމުންދާ އުސޫލެއްކަން އެގެން ނެތުމުންނެވެ. އަދި ބަލި ފެތުރިގެން ދިއުމުގައި، ވެކްސިން ޖަހާފައި ތިބޭ މީހުންގެ ދައުރު އޮތީ ކޮން ނިސްބަތަކުންކަންވެސް އެބަ ހާމަކޮށް ދެވެންޖެހެއެވެ. ސަބަބކީ ރައްޖޭގައި ޖަހަމުންދާ ވެކްސިންތަކަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާން ހުއްދަ ދީފައިވާ ވެކްސިން ތަކަކަށް ވާތީވެސް މެއެވެ.
One Response
އެހެން ވެއްޖިއްޔާ އެތަށް ލުއިތަކެއް ދޭނަމޭ ކިޔާ ދޮގުހަދާ އޮޅުވާލައިގެން އަހަރެމެން ގަޔަށް އެ "ގެރިގޮރު" ވެކްސިން ޖެއްސުވީ ކީއްވެހޭ..؟! އެހެން ނޫން ނަމަ އަހަރެމެންނަށް ފައްސި ވާން ފުރުސަތު ލިބި ތިޔަދިން ލުއިތައް ލިބުނީހެއްނު..؟! ވެކްސިން ޖަހައިގެން ބުނިހާ ގޮތެއް ހަދައިގެން ތިބި މީހުންނަށް ލަނޑު ތިދިނީ..! ފަރުވާ ކުޑަ ކަމުންނާ އެހެނިހެން ގޮތްގޮތުން ފައްސިވި މީހުންނަށް ހުރިހާ މޮޅެއް..!