ފަހު ވަގުތު ސްވިޑެން ބަލިކޮށް، ޔޫކްރެއިން ކުއާޓާ ފައިނަލަށް

ފަހު ވަގުތު ސްވިޑެން ބަލިކޮށް، ޔޫކްރެއިން ކުއާޓާ ފައިނަލަށް

Author
ޔޫސުފް
30 ޖޫން 2021 03:17
0

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުުރުގެ ފަހު މެޗުގައި ނަތީޖާ ނެރުމަށް ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރެއިން ދެވަނަ ހާފުގެ ފަހު މިނެޓުގައި ސްވިޑެން ކޮޅަށް ލަނޑު ޖަހައި، ޔޫކްރެއިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ގްލަސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މި މެޗު ޔޫކްރެއިނުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ 90 މިނެޓު ހަމަވިއިރު 2 ޓީމުވެސް ވަނީ 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތިޖާ ނެރުމަށް އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފަހު ހާފުގެ އިތުރު ވަގުތުގައި ޑޮވްބީކް ވަނީ ލަނޑެއް ޖަހާ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫކްރެއިން ކުއާޓާ ފައިނަލަށް ގެންގޮސްދީފައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ސްވިޑެންއަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެމިލް ފޯސްބާގް ފޮނުވާލި ހަމަލާ ބްލޮކްވެފައިވާ އިރު، ރީބައުންސް ބޯޅައިން ޑީޖާން ކުލުސެވްސްކީ ފޮނުވާލި ހަމަލާވެސް ވަނީ ބްލޮކްވެފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔޫކްރެއިނުންނެވެ. މި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޒިންޗެންކޯއެވެ. މި ލަނޑަށްފަހު ސްވިޑެން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްވިޑެން އިން ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފައެވެ. މި ލަނޑު 43 ވަނަ މިނެޓުގައި ސްވިޑެންއަށް ކާމިޔާބުކޮށްދިނީ، ފޯސްބާގްއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކޮށްފައެވެ. ނަމަވެސް 90 މިނެޓުގެ ތެރޭގައި އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ 2 ހާފް ކުޅެން ޖެހުނެއެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ސްވިޑެންގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން އެޓީމަށް ވަނީ އިތުރު ދަތިތަކާއި ކުރިމަތިވެފައެވެ. މި ރަތް ކާޑަކީ ޔޫކްރެއިންގެ ބެސެޑިންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ސްވިޑެންގެ ޑެނިއެލްސަނަށް ރެފްރީ ދެއްކި ރަތް ކާޑެކެއެވެ. ފުރަތަމަ މި ކުޅުންތެރިޔާއަށް ރެފްރީ ދެއްކީ ރީނދޫ ކާޑެކެއެވެ. ނަމަވެސް ވީއޭއާރުން މި ފައުލް އަކީ ސީރިއަސް ފައުލެއް ކަމަށް ރެފްރީގެ ސަމާލުކަމަށް ގެނައުމުން ދަނޑުގައި ހުރި ވީއޭއާރު ސްކްރީނުން އިތުރަށް ބެލުމަށްފަހު ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާ އެ ކުޅުންތެރިޔާ ދަނޑުން ފޮނުވާލާފައެވެ.

މި މެޗުގައި ޔޫކްރެއިންގެ މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު ވަގުތުގައެވެ. ޒިންޗެންކޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ޔޫކްރޭން ލީޑު ނެގީ ޑޮވްބީކް ޖެހި ލަނޑުންނެވެ.

ޔޫކްރެއިން ކުއާޓާ ފައިނަލުގައި ކުޅެން ޖެހޭނީ ޖަރުމަނު ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރި އިންގްލެންޑާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.