ވެކްސިން ޖަހައިގެން ދަތުރުކުރުމުގެ ހުއްދަ ދެވޭނީ 75 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރީމަ: ނަސީމް

ވެކްސިން ޖަހައިގެން ދަތުރުކުރުމުގެ ހުއްދަ ދެވޭނީ 75 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރީމަ: ނަސީމް

ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ޖަހާމީހުނަށް ކަރަންޓީންވުމާއި ނުލައި ދަތުރުކުރުމަށް ހުއްދަ ނުދީ ވަނީ އެކަށީގެންވާ ވަރަށް މީހުން ރާއްޖޭގައި ވެކްސިން ދެޑޯޒް ފުރިހަމަ ނުކުރާތީ ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒު ޖަހައިގެން ދަތުރު ކުރެވޭނެ އުސޫލެއް އޮތުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ނަމަވެސް އެ ފުރުސަތު ހުޅުވާލެވޭނީ ބަލި ފެތުރުމުގެ ފުރުސަތު ކުޑަވާ ވަރެއް ޔަގީން ކުރުމަށް ފަހު ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ވެކްސިން ޖަހައިގެން ދަތުރުކުރާއިރު ކަރަންޓީންވާން ނުޖެހޭފަދަ އުސޫލެއް ކަނޑައަޅާ އަމަލުކުރަން ފެށޭނީ ރާއްޖޭގެ އާބާދީގެ 75 އިންސައްތައް މީހުން ވެކްސިންގެ ފުރިހަމަ ކުރުމުން ކަަމަށެވެ. ކޯވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން މިހާތަނަށް ފުރިހަމަ ކޮށްފައި ވަނީ ރާއްޖޭގެ އާބާދީގެ 38 އިންސައްތަ މީހުނެވެ.

ރަށުގެ އާބާދީގެ 60 އިންސައްތަ މީހުން ކޯވިޑް ވެކްސިން 2 ޑޯޒް ހަމަކޮށްފައި ވާނަމަ އެރަށަކަށް، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރެވޭނެ ގޮތްތަކެއް މީގެ ކުރިން ކަނޑައަޅާފައި ވެއެވެ. ނަމަވެސް ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމުން އެޅި ފިޔަވަޅުތަކުގެ ތެރޭ އެ އުސޫލަށް އަމަލުކުރުން ވަނީ ހުއްޓާލާފައެވެ.

ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ވެކްސިންގެ ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ވެކްސިން ޖެހި މީހުނަށް ބޭނުންވާވަރަށް އެ ވެކްސިނުގެ ދެވަނަޑޯޒް ނުލިބުމުގެ މައްސަލަ އެވެ. އެގޮތުން ލައްކަ އަކަށްވުރެ ގިނަ މީހުން މިހާރުވެސް ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒްގެ އިންތިޒާރުގައި ރާއްޖޭގައި އެބަތިއްބެވެ.

ނަމަވެސް މިފެށޭ ޖުލައި މަހުގެ 12 އާއި 20 އާ ދެމެދު އެސްޓެރަޒެނެކާ ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޝީލްޑްއަކީ, އެސްޓްރާޒެނަކާގެ ފޯމިއުލާއިން ތައްޔާރު ކުރި ވެކްސިންއަކަށްވުމުން، ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ޖެހި ފަރާތްތަކަށް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނަކާ ވެކްސިން ޖެހޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވަނީ ލަފާ ދީފައެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ މީހުނަށް ކަރަންޓީން ނުވެ ދަތުރުކުރެވޭނެ އިންތިޒާމް ހަމަނުޖެހުނު ނަމަވެސް، ކޯވިޑަށް ޕޮޒިޓިވްވެ ރަނގަޅުވާތާ 60 ދުވަސް ނުވާ މީހުނަށް ކަރަންޓީން ވުމަކާނުލައި ދަތުރުކުރުމުގެ ހުއްދަ ޖުަލައި މަހުން ފެށިގެން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރިސޯޓް ތަކަކީ 100ޕަސެޓް ވެކްސިން ފުރިހަމަ ކުރެވި ފައިވާ ތަންތަން އެތަނުގައި މަސައްކަތް ކުރާމުވައްޒަފު 22ދުވަހު ކަރަންޓީނުގަ ބެހެއްޓުމުން ނަސީމުއަށް ލިބޭއުފަލަކީ ކޮބާ ނޫނީ އެމުވައްޒަފުން އަބިދަރިންކައިރިޔަށް ނުދެވޭ ގޮތައް ތިހަދަނީ ކޮން ފައިދާ ގަގެއް ހޯދުމުގެ ބޭނުމަތޯ އިސްތިފުފާދީ …

Leave a Reply

Your email address will not be published. Required fields are marked *