މަރުގެ ގްރޫޕްގައި ހިމެނުނު ޖަރުމަނުވެސް މުބާރާތުން ކަޓައިފި، އިންގްލެންޑް ކުއާޓާއަށް

މަރުގެ ގްރޫޕްގައި ހިމެނުނު ޖަރުމަނުވެސް މުބާރާތުން ކަޓައިފި، އިންގްލެންޑް ކުއާޓާއަށް

Author
ޔޫސުފް
29 ޖޫން 2021 11:25
0

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުުރުގައި ވަރުގަދަ ޖަރުމަނު ކަޓުވާލުމަށްފަހު އިންގްލެންޑުން ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޖަރުމަނުގެ މައްޗަށް އިންގްލެންޑުން ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މަރުގެ ގްރޫޕްގެ ގޮތުގައި ބެލި ގްރޫޕް އެފްގައި ހިމެނުނު ހުރިހާ ޓީމެއް މި މުބާރާތުން ވަނީ ކަޓާފައެވެ. ގްރޫޕް އެފްގައި ހިމެނުނު ޓީމް ތަކަކީ، ޗެމްޕިއަން ޕޯޗުގަލް އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަދި ޖަރުމަނުގެ އިތުރުން ހަންގޭރީއެވެ. ޕޯޗުގަލް މުބާރާތުން ކެޓީ ދެވަނަ ބުރުގައި ބެލްޖިއަމް އަތުންނެވެ. އަދި ދުނިޔޭގެ ޗެމްޕިއަން ފްރާންސް މި މުބާރާތުން ކެޓީ ރޭ ސްވިޒަލެންޑް އަތުން ބަލިވުމުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނަށްވުރެއް ބޮޑަށް އިންގްލެންޑުގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޕެނަލްޓީ އޭރިޔާ ބޭރުން އިންގްލެންޑުގެ ރަހީމް ސްޓާލިން ފޮނުވާލި ބާރު ހަމަލާ ޖަރުމަނުގެ ކީޕަރ ނޯޔާ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ހެރީ މެގުއާއަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނަށް އެންމެ ހުސް ފުރުޞަތެއް ލިބުނީ އެޓީމުގެ ޓީމޯ ވާނަރ އަށެވެ. ވާނަރ ފޮނުވާލި ބޯޅަ އިންގްލެންޑުގެ ކީޕަރ ވަނީ ދިފާޢުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ޖަރުމަނުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން ކައި ހަވާޓްޒް ފޮނުވާލި ބާރު ހަމަލާ އިންގްލެންޑުގެ ކީޕަރ ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ. މި މެޗުގައި އިންގްލެންޑަށް ލީޑު ނެގުނީ 75 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މިފަހަރުގެ ޔޫރޯގައި އިންގްލެންޑް ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިންއެވެ. މި ލަނޑަށް ފަހު މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ޖަރުމަނަށް ވަނީ ރަނުގެ ފުރުޞަތެއް ލިބި އޭގެ ބޭނުން ކުރެވޭގޮތް ނުވެފައެވެ. އެގޮތުން ޖަރުމަނުގެ މުލާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ކުރިޔަށް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މި މެޗުގައި އިންގްލެންޑުން ލީޑު ފުޅާކުރި ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ.

ޔޫރޯގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ބައްދަލުކުރަން ޖެހޭނީ ދެވަނަ ބުރުގެ ފަހު މެޗުގައި މިރޭ ސްވިޑެން އާއި ޔޫކްރެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.