އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް މާދަމާ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހާޒިރުވާން އަންގާފައި ވަނީ އިދިކޮޅު ކޯލިޝަންގެ މަސައްކަތްތައް ހުއްޓުވައި، ކޯލިޝަންގެ ފަރާތުން މަޤާމުތަކަށް ހޮވިވަޑައިގެންފައިވާ ބޭފުޅުންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
ނިމާލް އޭސީސީއަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓުގައިވަނީ މާދަމާ ހެނދުނު 11:30 އަށް އެ ކޮމިޝަނަށް ހާޒިރުވުމަށެވެ. އަދި ތުހުމަތު ކުރެވޭ މައްސަލަ ކަމަށް ބަޔާންކޮށްފައި ވަނީ ބ. އޭދަފުށީ އިންޖީނުގެއަށް މުވައްޒަފުން އިތުރުކުރުމަށްޓަކައި، އެއްވެސް އިއުލާނެއް ނުކޮށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މުވައްޒަފުން ނަގަމުންދާކަމަށް ބުނާ މައްސަލަ ކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ވިދާޅުވީ، އެ ކޯލިޝަނުން ދެކޭ ގޮތުގައި އެއީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ގޮތުގައި އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ބިރުދެއްކުމުގެ ގޮތުން ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.
ނިމާލް އަކީ ރައީސް ޔާމިންގެ ސަރުކާރުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އަދި ކ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ނިމާލަކީ އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑުގައި އިންނަވާ މެމްބަރުވެސް މެއެވެ.
ކޮމެންޓު ފޮނުވާ