ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ

ކްރޮއޭޝިއާ ކަޓުވާލުމަށްފަހު ސްޕެއިން ކުއާޓާ ފައިނަލަށް

ކްރޮއޭޝިއާ ކަޓުވާލުމަށްފަހު ސްޕެއިން ކުއާޓާ ފައިނަލަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ކްރޮއޭޝިއާ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުތަކުން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގެ 90 މިނެޓު ހަމަވިއިރު މެޗުގެ ނަތީޖާ އަކީ 3-3 އެކެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ޖެހި 2 ލަނޑާއެކު 3-5 ގެ ނަތީޖާއަކުން ސްޕެއިނުން ވަނީ ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

ސްޕެއިން ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ޔޫރޯ ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން އެ ޓީމު މުބާރާތް ކާމިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ.

މިރޭގެ މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ސްޕެއިން ޓީމުންނެވެ. ނަމަވެސް ސްޕެއިން ޓީމަށް ހެދުނު ގޯހަކުން މެޗުގައި ލީޑު ނެގީ ކްރޮއޭޝިއާ އިންނެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ސްޕެއިންގެ ޕެޑްރީ ކީޕަރު ސިމޮން އަށް ޖައްސާލި ބޯޅަ ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ. މިއީ މިފަހަރުގެ ޔޫރޯގައި ބައިކޮޅަށް ވަން ނުވަ ވަނަ ލަނޑެއެވެ. ނަމަވެސް ސްޕެއިނުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިނީ، ޕަބްލޯ ސަރާބިއާއެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ސްޕެއިނުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކްތައްވެސް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ސެޒާ އަޒްޕިލިކުއޭޓާ ވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ. ސްޕެއިން 3 ވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޓޮރޭޒްއެވެ. ސްޕެއިނުން 2 ލަނޑުގެ ލީޑެއް ނެގި ނަމަވެސް ކްރޮއޭޝިއާއިން ވަނީ އުއްމީދު ކަނޑާނުލާ ސްޕެއިންނަށް ވަރުގަދަ ފައިޓެއް ދީފައެވެ. އެގޮތުން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިސްލާވް އޮރްސިޗް ވަނީ މެޗުގެ 85 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ކްރޮއޭޝިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި މާރިއޯ ޕަސަލިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ވަނުމާއެކު ކްރޮއޭޝިއާގެ ބެންޗުންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

90 މިނެޓުގެ ތެރޭގައި ނަތީޖާ ނުނެރެވުމުން ދެން ޖެހުނީ އިތުރު ވަގުތުގެ 15 މިނެޓުގެ 2 ހާފު ކުޅޭށެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްޕެއިނުން ވަނީ 2 ލަނޑު ޖަހާ ކްރޮއޭޝިއާ ސިއްސުވާލާފައެވެ. މި ދެ ލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އަދި މިކޭލް އޮޔާޒަބާލް އެވެ. އޮޔާޒަބާލް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އެންމެފަހުގެ ވޯލްޑްކަޕް ރަނަރަޕް ކްރޮއޭޝިއާ ކައިރިން ޔޫރޯގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ސްޕެއިން ހޯދި މި މޮޅާއެކު މުބާރާތުގެ ކުއާޓާފައިނަލުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ މިރޭ ފްރާންސް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *