ޓެރަރިޒަމްގެ ނުރައްކަލަކީ ފަހުގެ ޒަމާންތަކުގައި ގައުމުތަކަށް ކުރިމަތިވެގެން ދިޔަ އެންމެ ބޮޑު ނުރައްކަލެވެ. އަދި އެއީ، ދުނިޔޭގެ ގައުމުތައް، އެއިން އަރައި ނުގަނެވޭވަރުގެ ފުން ވަޅުގަޑަކަށް ވައްޓާލި، ވަރަށް ބޮޑު ވަބާއެއްވެސް މެއެވެ.
މީގެ ދިރިހުރި މިސާލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދުވެސް އެދަނީ ފެންނަމުންނެވެ. އަރަބި އިސްލާމީ ދުނިޔޭގައި ތަރައްގީއާއި ތަމައްދުނުގެ ރޮގުން އެންމެ ކުރިއަރަމުންދިޔަ، ސީރިއާއ، ލީބިއާ، އިރާގުފަދަ މަތިވެރި ހަޟާރަތްތައް އެބިންތަކުން އުފަންވެގެން އައި ބިންތަކުގައި ތަޅާފޮޅުމާއި، ބޮން ގޮއްވުމާއި، ޖާނުން ފިދާވުންފަދަ ނުރައްކާތެރި އަމަލުތައް އާންމުވެ، ޓެރަރިޒަމްގެ ހާއްޔަކަށް މި ގައުމުތައް ވެގެން ދިޔައީ، މިގައުމުތަކުގައި އުފެދުނު ސިޔާސީ ބައިބައިވުންތަކުގެ ފައިދާ ނަގާ، މިގައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވެރިވެގެން ދިޔަ ފިތުނަވެރިކަމުގެ ތެރެއިންނެވެ.
އަދި، ހަމައެފަދައިން، އަދުގެ ދުނިޔޭގައި ޓެރަރިޒަމްގެ ޝިކާރައަކަށް ވެގެން ގޮސްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އަފްއާނިސްތާނާއި، ސޫދާން ފަދަ ގައުމުތަކަކަކީ، މިގައުމުތަކުގައި އުފެދިގެންދިޔަ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަދެ، އެކަމުގެ ރުޅިވެރިކަމުގައި އެގައުމުތަކުގެ ރައްޔިތުން ސަރުކާރުތަކާ ދެކޮޅަށް ހަތިޔާރު އުފުލާ، ނިމުމެއްނުވާ އަހުލީ ހަގުރާމަތަކުގެ ތެރެއަށް ޢަރަގު ވެގެން ގޮސްފައިވާ ގައުމުތަކެވެ.
ހަމަ އެއާއެކީ ފާހަގަ ވާން އޮތްކަމަކީ، މިއަދު ޓެރަރިޒަމްގެ ޝިކާރައަކަށް ވެގެން ގޮސްފައިވާ އަރަބި އިސްލާމީ ދުނިޔޭގެ ގިނަ ގައުމުތަކުގައި، އަނިޔާވެރިކަމާއި، ބައިބައިވުންތައް އުފެދިގެން ގޮސްފައިވަނީ، އެގައުމުތަކުގައި ވެރިކަމަށް އިސްވެ ތިއްބެވި ވެރީން، ވެރިކަމުގެ ދަހިވެތިކަމުގައި، އުފެދިގެން އައި ޖީލުތަކަށް ފުރުސަތު ނުދީ، އާއިލީ ޚާއްދާނުގެ ވެރިކަންތައް ދެމެހެއްޓުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ވެރިންނާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު ހަތިޔާރު އުފުލާ، މިގޮތުން އުފެދުނު ހަމަ ނުޖެހުންތަކުގެ ފައިދާ ނަގާ، ޓެރަރިޒަމްގެ ނުރައްކާތެރި ވަބާ ގައުމުތަކުގެ ފެތުރި، ހާލަތު އެތައް ޒަމާނެއްގެ ފަހަތަށް ސޮއްސާލީއެވެ.
އަދި މި ހަމަނުޖެހުންތަކުގައި އެތައް ފުރާނައެއް ގެއްލި، އުމްރާނީ ގޮތުންނާއި، މާލީގޮތުންވެސް ބަރުދާސްތު ކޮށްލަންވެސް ދަތި، ބޮޑެތި ގެއްލުންތަކެއް ލިބި، ގައުމުތައް ހަފުސް ވެގެން ދިޔައީއެވެ.
ރާއްޖޭގައި ޓެރަރިޒަމް ނުރައްކާ
ޓަރަރިޒަމްގެ ނުރައްކާ މިއަދު ރާއްޖޭގައި އިންތިހާއަށް އޮތް ކަމުގައި އެންމެންނަށްވެސް އެބަ ގަބޫލު ކުރެއެވެ. އަދި، ފާއިތުވެދިޔަ މޭމަހުގެ 6 ވަނަ ދުވަހު، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ދެވުނު ޓެރަރިސްޓު ހަމަލާއަކީ، މިނުރައްކާ ރާއްޖޭގައި އޮތް މިންވަރު ވަރަށް ރަގަޅަށް ރަމްޒު ކޮށްދިން ހަމަލާއެކެވެ.
މަޖިލިސް ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލާފައިވަނީ، ރިމޯޓު ކޮންޓްރޯލްގެ ބޭނުން ކޮށްގެން، ގޮއްވާލާފައިވާ ބޮމެކެވެ. މި ބޮން ގޮއްވާލާފައިވަނީ، ރޭގަޑުގެ އެންމެ ކާރޫބާރޫ ބޮޑު ވަގުތުގައި، މާލޭގެ މަޖީދީ މަގުގެ މެދުގައެވެ. އަދި މިއީ މިހާތަނަށް ގޮވާތަކެތީގެ ބޭނުން ކޮށްގެން ފަހަކަށް އައިސް ރާއްޖޭގައި ދެވުނު ދެވަނަ ހަމަލާއެވެ. އެންމެ ފުރަތަމަ މިފަދަ ހަމަލާއެއް ދީފައިވަނީ، ފާއިތުވެދިޔަ ވެރިކަމުގައި ރައީސްޔާމިނަށް އަމާޒުކޮށް އެމަނިކްފާނު ދަތުރު ކުރައްވަމުން ގެންދެވި ލޯންޗް ކޮޅުގައެވެ.
ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާގެ ތަހުގީގާއި ގުޅޭގޮތުން، ފުލުހުން މިހާތަނަށް އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެގޭ ގޮތުގައި، މިހަމަލާ ގުޅިފައިވަނީ، ދީނީ ހަރުހަށި ފިކުރުތަކާއެވެ.
މާނައަކީ، ދީނީ ވިސްނުމުގައި، ބަޔަކު ނުވަތަ މީހަކު، މި ޓެރަރިސްޓު ހަމަލާ ނަޝީދަށް އަމާޒު ކޮށްފައިވަނީ، އެބައެއްގެ ހިތްތަކުގައި ނަޝީދާއި ގުޅޭގޮތުން އުފެދުނު ނަފްރަތެއްގެ ސަބަބުން، ނުވަތަ ޖަޒްބާތެއްގެ ސަބަބުން ކަމުގައި ނޫނީ ނުވާނެއެވެ.
ތެދެކެވެ. ދީނީ ފިކުރުގެ ބަޔަކު ކަމުގައި ވިނަމަވެސް، އަދި އެނޫން ބަޔަަކު މިހަމަލާގެ ޒިންމާ އުފުލަން ޖެހުނުނަމަވެސް، މިއިން އަންގައިދެނީ މި ކުޑަކުޑަ މުޖުތަމަޢުގައި ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް ފެތުރިފައި އޮތްކަމެވެ.
ގައުމުގައި، ސެކިއުރިޓީ އެންމެ ރަގަޅަށް ފޯރުކޮށްދެވިފައިވާ ބޭފުޅަކަށް އަމާޒުކޮށް، އަދި ފުރަމާލޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުގައި ބޮމެއް ގޮއްވާލެވޭއިރު، ދެން ސަލާމަތާއި ރައްކާތެރިކަމުގެ ކަށަވަރުކަން އޮތީ ކާކަށްތޯ، މިއީ މިއަދު އެތައް ބަޔަކަށް ކުރަން މަޖުބޫރުވެފައިވާ ސުވާލެކެވެ.
ސިޔާސީ ބައިބައިވުން
ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ރާއްޖެ މިއަދު މިއޮތީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބައިބައި ވެފައިކަމެވެ. ކޮންމެ ބަޔަކުވެސް ކުރިއެރުވުމަށް މަސައްކަތް ކުރަނީ އެބަޔަކުން ތާއީދު ކުރާ ޕާޓީއެވެ. އެއެއް މިއެއް ބަލާލުމެއް ނެތި، ތާއީދު ކުރަން ބޭނުންވަނީ، އެމީހަކު ތާއީދު ކުރާ ލީޑަރަކަށެވެ. ޢާފިލްކަން މިއަދު މިއޮތީ އޭގެ އިންތިހާއަށް އާންމު ވެފައެވެ.
އަދި ހަމައެއާއެކު، ދީނީ އިލްމުވެރިންވެސް، މިއަދު ބަސްބުނާތަން ފެންނަނީ، ދީނީ ޕްލެޓްފޯމު ދޫކޮށް ސިޔާސީ ޕްލެޓްފޯމަށް އަރުއްވައި ތިއްބަވައިގެންނެވެ. ނަތީޖާއަކަށް ވަނީ، ދީނީ ބައެއް އިލްމުވެރިންވެސް، ކޮންމެ ބާވަތެއްގެ ހުއްޖަތެއް ކޮންމެ ކަހަލަ މައްސަލައަކާ ގުޅޭގޮތުން ދެއްކެވި ކަމުގައި ވިނަމަވެސް، އެކަމެއް ސިޔާސީ ކޮށްލުމުގެ ދޮރު މިއަދު މިއޮތީ އިންތިހާއަށް ހުޅުވިފައެވެ.
ނަތީޖާއެއްގެ ގޮތުން، ދީނީ ގޮތުންނާއި ސިޔާސީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތައް ސިޔާސީ ކުރިމަތިލުންތަކަށް ބަދަލުވެ، އުފެދޭ ސިޔާސީ ހަމަނުޖެހުންތައް، ޒާތީ ބޮޑެތި ހަސަދަތަކަށް ބަދަލުވެ، ބަދަލު ހިފުމުގެ ޝުއޫރު ގަދަވެ، މިކަންކަން ބަދަލުވެގެންދަނީ، އަނިޔާވެރިކަމާއި، އަނިޔާދިނުމާއި، އަދި އެންމެފަހުން ޓެރަރިޒަމްގެ އަމަލްތަކަށެވެ.
އަދި މިހާލަތްތަކުގެ ނާޒާއިޒް ފައިދާ ނެގުމުގެ ފުރުސަތު މިފަދަ ހާލަތްތަކަށް ބަލަބަލާ ތިބޭ މީހުންނަށް އިންތިހާއަށް ފަހިވެގެން ދެއެވެ. ހަމަ އެފަދައިން، މިގޮތުން އުފެދޭ ސިޔާސީ ބައިބައި ވުމާއި، ބޮޑެތި ޚިޔާލު ތަފާތުވުންތަކާއި، އަދި ހަސަދައިގައި، ގައުމުގައި އޮތް އެއްބައިވަންތަކަން ބަލިކަށިވެ، ހީނަރު ވެގެންދިއުމުން، އެގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތަކަށް ވަދެގަތުމުގެ މަގު އިންތިހާއަށް ފަހިވެގެން ދެއެވެ.
އޭރަކު އޮންނަ ވެރިކަމެއް ދިފާއުކޮށް ދިނުމުގެ ވައުދުތަކާ އެކީއެވެ. އަދި އޭގެ ނަތީޖާއަކަށް ވެގެންދަނީ، ބޭރުގެ ނުފޫޒުން ގައުމު މިނިވަންކުރުމުގެ ނަމުގައި، ހުއްޖަތު ދައްކާ އަމިއްލަ ގައުމުގައި، ޖިހާދު ކުރުމުގެ ނަމުގައި، ވެރިކަމާއި ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ބަޔަކު މީހުން ތެދުވެ، ގައުމު ދާޚިލީ ބޮޑު އަދަވަޅަކަށް ވެއްޓިގެން ދިއުމެވެ.
މިއީ ވަކި ގައުމަކަށް ތަފާތުކޮށް އޮތް ހާލަތެއް ނޫންކަން، ޚުދު މިރާޖޭގެ އަދުގެ ހާލަތަށް ވިސްނާލުމުންވެސް މިހާލަތުން ވަރަށް ރަގަޅަށް ސާފުވާން އެބައޮތެވެ.
ސިޔާސީ ދެކޮޅުވެރިކަމަށް މަޝްވަރާގެ ހައްލު ނެތުމަކީ އެންމެ ބޮޑު ނުރައްކާ
2008ވަނަ އަހަރު ދިވެހިން އާގާނޫނު އަސާސީ ބަލައިގަތުމަށްފަހު ބަލައިގަތް ޒަމާނީ ޑިމޮކްރަސީއަށް ފަހު ސިޔާސީގޮތުން ގައުމަށް ހަމަޖެހުމެއް އައިސްފައެއް ނުވެއެވެ. އަދި ވަކީން ޚާއްސަކޮށް ފާހަގަވާން އޮތް ކަމަކީ، އަހަރަކަށް ފަހު އަހަރެއް، ދައުރަކަށްފަހު ދައުރެއް، މި ދެކޮޅުވެރިކަމާއި ސިޔާސީ ހަސަދަވެރިކަން ރާއްޖޭގައި އިތުރުވެގެން ގޮސްފައިވާ ކަމެވެ.
އެއްވެސް އިރަކު އެއްވެސް ވެރިކަމެއްގައި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ދެކޮޅުވެރިކަމަށް ނިމުން ގެނައުމަށްޓަކާ މަޝްވަރާގެ ހައްލެއް ހޯދުމަކީ، ރާއްޖޭގެ ސިޔާސީ ވެރިންގެ މެދުގައި އޮތް ސަގާފަތެއް ނޫންކަންވެސް މިއަދު ހާލަތަށް ބަލާލުމުންވެސް ވަރަށް ރަގަޅަށް މިއަދު މިއޮތީ ސާފުވެ ފެންނާށެވެ.
މަޖިލިސް ރައީސް ނަޝީދަށް އަމާޒުކޮށް ދެވުމުނު ޓެރަރިސްޓު ހަމަލާއަށްފަހު، އެމަނިކްފާނަށް އިންސާފު ހޯދާ ދިނުމަށް ގޮވާލާ ފަރާތްތަކުން ކުރާ ޝަކުވާއަކީ، ދީނީ ގޮތުން އުފައްދާ ނަފްރަތުގެ ސަބަބުން ޓެރަރިޒަމަށް ހުޅުވިފައިވާ ދޮރުތައް އިންތިހާއަށް ހުޅިވިގެން ގޮސްފައިވާ ކަމުގެ ޝަކުވާއެވެ.
ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ދީނީ އިލްމުވެރިންނާ ނަޝީދާއި ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ފިނިކަމެއް އައިސްފައިވާ މަންޒަރެއް އަދިވެސް ފެންނާކަށް ނެތެވެ. އެންމެ ފަހުން ނަޝީދުގެ ފުރިހަމަ ތާޢީދާއެކު، މަޖިލީހަށް ހުށަހެޅިގެން ގޮސްފައިވާ ނަފްރަތުގެ ބިލުގެ ސަބަބުންވެސް، ޚާއްސަކޮށް ދީނީ އިލްމުވެރިންނާއި، އަދި އިތުރު އެތައް ބައެއްގެ ނަފްރަތުވަނީ، މަޖިލީހުގައި ހިގަމުންދާ މިމަސައްކަތަށް އަމާޒުވެފައެވެ.
ރަގަޅު ވާހަކަފުޅެކެވެ. ނަފްތަރު އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމަކީވެސް ހުއްޓުވަންޖެހޭ އަމަލްތަކެވެ. ހަމަ މިބީދައިން، ދީނީ އިލްމުވެރިންގެ އިރުޝާދުތަކާއެކު، މިފަދަ އަމަލްތައް ހުއްޓުވުމަށްޓަކާ ފިޔަވަޅު އެޅުއްވުމަކީވެސް ކޮންމެހެންވެސް މުހިންމެ ކަމެކެވެ. އަދި ހަމަ އެފަދައިން، ދީނީގޮތުން، ދީނީ އިލްމުވެރިން ނުރުހުންވާ ޒާތުގެ ވާހަކަތަކަށްވެސް ނިމުން އަންނަން ޖެހޭނެއެވެ.
ގައުމެއްގައި ދާޚިލީ ކަންކަމާ ގުޅޭގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތަކަށް މަޝްވަރާގެ ހައްލު ނުހޯދޭ ކަމަށްވާނަމަ، އުފެދިގެންދާނީ މަތި މައްޗަށް ނަފްރަތެވެ. އަދި އޭގެ ނަތީޖާއަކަށްވެގެން ދާނީ، ދޫދިނުމެއް ނެތި، އެއްބަޔަކު އަނެއްބައެއްގެ ކިބައިން ބަދަލު ހިފުމަށް ކަމަރު ބަނުމެވެ. އަދި އޭގެ ނަތީޖާއަކީ، ޓެރަރިޒަމްގެ އޮށް އިންދާ، ހެދި ބޮޑުވެ، އަދި ޓެރަރިޒްމްގެ ވަބާ މުޅި ގައުމަށް ފެތުރުގެން ދިއުމެވެ.
މިއީ ހަގީގަތުގައިވެސް މިއަދު ވިސްނާ ފިކުރުނުކޮށް ތިބެ، އެއްބަޔަކު އަނެއްބަޔަކަށް އަމާޒުކޮށް ގަދަބަސް ބުނެ، ގަދަކަން މިއަދު ދައްކައިފިނަމަ، މާދަމާ މީގެ ހިތި ނަތީޖާ އެތައް ޒަމާންތަކަށް ފެތުރިގެންދާނޭ، މިއަދު ހައްލު ހޯދަންޖެހިފައިވާ ބޮޑެތި މައްސަލަ ތަކެވެ.
މިއަދުގެ ސިޔާސީ ބައިބައިވުންތަކަށް ހައްލު ނުހޯދިއްޖެނަމަ، ހަގީގައިތުގައިވެސް މިބައިބައިވުންތަކުން ހުޅުވައިދެނީ ޓެރަރިޒަމަކަށް އޮތް ދޮރުތަކެވެ. އެއިން ފެންދެނީ، ޓެރަރިޔަމުގެ އޮށް އިންދާ ހެދިބޮޑުވަމުންދާ އޭގެ ގަހަށެވެ.