ޗެމްޕިއަން ޕޯޗުގަލް ކަޓުވާލުމަށްފަހު ބެލްޖިއަމް ކުއާޓާ ފައިނަލަށް

ޗެމްޕިއަން ޕޯޗުގަލް ކަޓުވާލުމަށްފަހު ބެލްޖިއަމް ކުއާޓާ ފައިނަލަށް

Author
ޔޫސުފް
28 ޖޫން 2021 02:53
0

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލުގެ ޖާގައެއް ބެލްޖިއަމުން ހޯދައިފިއެވެ.

ސެވިއްޔާގެ އެސްޓާޑިއޯ ލަ ކަރްތޫޒާގައި ކުޅުނު މެޗު ބެލްޖިއަމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުންވެސް މަސައްކަތް ކުރީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓައިގެން އިދިކޮޅުގެ ގޯލަށް ނުރައްކާ ކުރުމަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން އުފެއްދި ހަމަލާތަކަށް ބަލާއިރު ފުރަތަމަ ހާފުގައި ޕޯޗުގަލްއަށް ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ކުރިޔަށް ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ކީޕަރ ވަނީ ދިފާޢުކޮށްފައެވެ. އަދި މެޗުގެ ކުރީކޮޅު ބެލްޖިއަމްގެ ކެޕްޓަން ހަޒާޑް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބެލްޖިއަމުން ކާމިޔާބުކުރީ ފުރަތަމަ ހާފް ނިމެން ކުޑައިރުކޮޅަކަށް ވެފައިވަނިކޮށެވެ. މެޗުގެ 42 ވަނަ މިނިޓްގައި މި ގޯލު ޖެހީ ތޯގަން ހަޒާޑްއެވެ. ހަޒާޑް މި ލަނޑު ޖެހީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލުގެ އަރިމަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ޕޯޗުގަލްގެ ކުޅުން ވަނީ ފުރަތަމަ ހާފަށްވުރެއް ބޮޑަށް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ޖޮޓާ ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑިތަމިން ބޭރަށް ދިޔައިރު އޭގެ ފަހުން ޔާއޯ ފެލިކްސް ބޮލުން ޖެހި ބޯޅަ އަމާޒުވީ ސީދާ ކީޕަރ އަތަށެވެ.

ދެވަނަ ހާފުގައި އަނިޔާވެގެން ބެލްޖިއަމްގެ ކެވިން ޑިބްރޭނާ ބަދަލުކުރި ފަހުން އެޓީމު ފެނުނީ ބޮޑަށް ފަހަތަށް ޖެހިގެން ތިބި މަންޒަރެއެވެ. ދެވަނަ ހާފުގައި ވަރަށް ރަނގަޅަށް ކުޅެމުން ދިޔަ ޕޯޗުގަލުން ފުލުފުލުގައި ދިޔައީ ބެލްޖިއަމްގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެ ގޮތުން މެޗުގެ ފަހު ކޮޅުގައި ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒް ބޮލުން ޖެހި ބޯޅަ ކީޕަރު ކޯޓުއާ މަތަކުރިއިރު، ޕޯޗުގަލްގެ ރަފައެލް ގަރޭރޯ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުން މޮޅުވެ ބެލްޖިއަމް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު، ކުއާޓާ ފައިނަލުގައި ބެލްޖިއަމް ނުކުންނާނީ އޮސްޓްރިއާ ބަލިކޮށް ކުއާޓާއިން ޖާގަ ހޯދި އިޓަލީ އާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.