ނެދަލެންޑްސް ބަލިކޮށް ޗެކް ރިޕަބްލިކް ކުއާޓާއަށްޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދާ ޗެކް ރިޕަބްލިކް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ހަންގޭރީގެ ޕުސްކަސް އެރީނާގައި ކުޅުނު މި މެޗު ޗެކް ރިޕަބްލިކުން ކާމިޔާބުކުރީ 0-2 ގެ ނަތިޖާއަކުންނެވެ.
މިރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ލަނޑު ޖަހާނެ ފުރުޞަތުތައްވެސް ދެ ޓީމުން ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ.
މި މެޗުން ބަލިވި ނެދަލެންޑްސްއަށް ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ވަނީ އިތުރު އުނދަގުލަކާއި ކުރިމަތިވެފައެވެ. އެއީ ޑިފެންޑަރު ޑިލައިޓް ޕެނަލްޓީ އޭރިއާ ކައިރިން ބޯޅައިގައި އަތްލުމުން އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ރެފްރީ ޑިލައިޓްއަށް ރަތް ކާޑު ދައްކާފައިވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ވެސް ބެލުމަށްފަހުއެވެ. ރަތް ކާޑު ދެއްކުމުން ޗެކް ރިޕަބްލިކަށް ވަނީ ނެދަލެންޑްސްގެ ޑިފެންސް ފޫއަޅުވާލުމަށް އިތުރު ހިތްވަރެއް ލިބިފައެވެ.
އެގޮތުން ނެދަލެންޑްސްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ކަޑެރަބެކް ފޮނުވާލި ބޯޅަ ގޯލަށް ވަނަ ނުދީ ސަލާމަތް ކޮށްދިނީ ޑަމްފްރިސް އެވެ. މިގޮތަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުން ދަނިކޮށް މެޗުގެ 68 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިއީ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ހޮލެޝްއެވެ. މި ލަނޑަށްފަހުވެސް ޗެކް ރިޕަބްލިކުން ވަނީ ނެދަލެންޑްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. ޗެކް ރިޕަބްލިކުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޝިކްއެވެ. މިއީ މިފަަހަރުގެ ޔޫރޯގައި ޝިކް ކާމިޔާބުކުރި ހަތަރު ވަނަ ލަނޑެއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކް ބައްދަލުކުރަން ޖެހޭނީ ވޭލްސް ބަލިކޮށް ކުއާޓާއަށް ދަތުރުކުރި ޑެންމާކާއި ދެކޮޅަށެވެ.