ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވްވެ، މާދަމާ ރޭ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗު ގެއްލިއްޖެއެވެ.
ޕެރިސިޗް ޕޮޒިޓިވްވުމާ އެކު ޔުއެފާ އާއި ކަމާބަހޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި މިހާރު މުޅި ޓީމުން އަމަލުކުރަމުން އަންނަނީ ޔުއެފާގެ ހާއްސަ ޕްރޮޓޮކޯލާ އެއްގޮތަށް ކަމަށް ކްރޮއޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފައެވެ. ޔުއެފާ އިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެ ކުޅުންތެރިއަކު 10 ދުވަހުގެ އައިސޮލޭޝަނެއް ފުރިހަމަަ ކުރަން ޖެހޭނެއެވެ.
ޕެރިސިޗް މިހާރު ހުރީ އައިސޮލޭޝަނުގައެވެ. ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޔޫރޯގެ ދެ ވަނަ ބުރުގައި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްރޮއޭޝިއާ ސްކޮޑު ކުރި ޓެސްޓްތަކުންނެވެ. ކޮންމެ މެޗެއްގެ ކުރިން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުން ކޮވިޑަށް ޓެސްޓްކުރަން ޖެހޭއެވެ.
ޕެރިސިިޗް ޕޮޒިޓިވްވި ނަމަވެސް އެ ޓީމުގެ އެހެން ކުޅުންތެރިންނާއި ސްޓާފުންް ނެގެޓިވްއެވެ. ޕެރިސިޗް ވަނީ މިދިޔަ އަންގާރަ ދުވަހު ކްރޮއޭޝިއާ އިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 3-1 އިން ސްކޮޓްލެންޑް ބަލިކުރި މެޗުގައި ކުޅެފައެވެ. އެ މެޗުގައި ލަނޑު ވެސް ޖެހި ޕެރިސިޗަކީ ކްރޮއޭޝިއާ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި ޗެކް ރިޕަބްލިކާއި ކްރޮއޭޝިއާ އެއްވަރުވި މެޗުގައި ވެސް ލަނޑު ޖަހާފައެވެ.