މެސީގެ އެއްބަސްވުމުގެ މަޝްވަރާތައް އަވަސްކޮށްފި

މެސީގެ އެއްބަސްވުމުގެ މަޝްވަރާތައް އަވަސްކޮށްފި

Author
އިބްރާހީމް ސާޢިދު
27 ޖޫން 2021 03:57
0

ބާސެލޯނާ އިން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް އަވަސްކުރަން ނިންމައިފި އެވެ.

ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އަންނަނީ މެސީ އެ ކްލަބާ އެކު އައު ކޮންޓްރެކްޓެއްގައި ސޮއިކުރަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވިދާޅުވަމުންނެވެ. އެކަަމަކު، މިހާތަނަށް މެސީ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ނުނިމެ އެވެ. އެހެންވެ، ބާސެލޯނާގެ ބައެއް ސަޕޯޓަރުންގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ އޮތީ ތިން ދުވަހެވެ. އެހެންވެ, ބާސެލޯނާ އިން މެސީގެ ކޮންޓްރެކްޓްގެ މަޝްވަރާތައް ވީ އެންމެ އަވަހަށް ނިންމާލަން ވަނީ އަމާޒު ހިފާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މަސައްކަތް ކުރީ މީގެ ތިން ދުވަސް ކުރިން މެސީ އޭނާގެ 34 ވަނަ އުފަން ދުވަސް ފާހަގަކުރިއިރު، ބާސެލޯނާގެ އާ ކޮންޓްރެކްޓްގެ ކަންކަން ރަސްމީކޮށް އިއުލާނުކުރާށެވެ. އެކަމަކު އެކަން ނުކުރެވުނީ ބާސެލޯނާގެ މުސާރަތައް މި ވަގުތު ވަރަށް ބޮޑުކޮށް ހުރުމުން އެ ކޮންޓްރޯލް ކުރުމަށް ވަގުތު ބޭނުންވާތީ އެވެ.

މެސީއާ އެކު ބާސެލޯނާ އިން އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ސޮއިކުރަން ނިންމާފައިވާއިރު، އެކަން ކުރެވެން އޮތީ ބާސެލޯނާގެ މުޅި ސްކޮޑުގެ މުސާރަތައް އުސޫލުތަކާ އެއްގޮތަށް ކޮންޓްރޯލް ކުރުމަށް ފަހު އެވެ. މެސީއާ އެކު ބާސެލޯނާ އިން އާ ކޮންޓްރެކްޓްގައި ސޮއިކުރި ނަމަވެސް އެ އެއްބަސްވުން ރަޖިސްޓްރީ ކޮށްދޭން ލަލީގާ އިން ނިންމާފައިވަނީ ބާސެލޯނާގެ މުޅި މާލީ ހާލަތާއި މުސާރައިގެ ކަންތައްތަކުގެ ފުރިހަމަ ރިޕޯޓްތައް ލިބުމުންނެވެ. އެއީ މެސީ އަކީ ބާސެލޯނާގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ ކަމަށްވާތީއާ ވެސް އެކު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.