ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ހަނި ގޮތަކަށް އޮސްޓްރިއާ އަތުން ސަލާމަތްވެ، އިޓަލީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 90 މިނެޓު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެއެވެ. އެހެކަމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި އިޓަލީއަށް އޮސްޓްރީއާ އަތުން ސަލާމަތްވެވުނީ 1-2 ގެ ހަނި ތަފާތަކުންނެވެ. މިއީ އިޓަލީން ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. އަދި އެންމެ ފަހުން ކުޅުނު 31 މެެޗުންވެސް އިޓަލީ ބަލިވެފައެއް ނުވެއެވެ. މިއީ އެ ގައުމުގެ ފުޓްބޯޅައިގެ އައު ރެކޯޑެކެވެ. ނަމަވެސް 11 މެޗަށްފަހު މިރޭގެ މެޗުގައި އިޓަލީ ކޮޅަށް މިރޭގެ މެޗުގައި މިވަނީ ލަނޑެއް ވަދެފައެވެ.
މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލްކޮށްގެން ކުޅުނީ އިޓަލީންނެވެ. ފުރަތަމަ ހާފުގައި އިޓަލީގެ ފޯވާޑް ޗީރޯ އިމޮބިލޭއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި އިމޮބިލޭ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.
މެޗުގެ 67 ވަނަ މިނެޓުގައި އޮސްޓްރިއާގެ މާކޯ އަނައުޓޮވިޗް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު، ރެފްރީ ވަނީީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.
ބަލާހިތްވާ ކަހަލަ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު އިޓަލީން ކާމިޔާބުކުރީ ފުރިހަމަ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެޑެރީކޯ ކިއޭސާއެެވެ. އިޓަލީން ލީޑު ފުޅާކުރި ލަނޑު ކާމިޔާބުކުރީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނެޓްގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެސީނާއެވެ. މި މެޗުގައި އޮސްޓްރިއާއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސާސާ ކަލައިޗިޗްއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި އިޓަލީ ވާދަކުރަން ޖެހޭނީ ޔޫރޯގެ ދެވަނަ ބުރުގައި ޗެމްޕިއަން ޕޯޗުގަލް އާއި ބެލްޖިއަމް ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.