ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މިރޭ ވޭލްސް ސިއްސުވާލުމަށްފަހު ޑެންމާކް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ނެދަލޭންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗުގައި ވޭލްސްގެ މައްޗަށް ނެދަލެންޑްސް ކުރިހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މިއީ 17 އަހަރަށް ފަހު ޑެންމާކް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ހޯދި ފުރަތަމަ ފަހަރެއެވެ.
މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެމުން ދިޔައީ ވޭލްސް އިންނެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ވޭލްސްގެ ކެޕްޓަން ގެރެތް ބޭލް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ. އަދި މެޗުގެ 18 ވަނަ މިނެޓުގައި އޭރިޔާ ބޭރުގައި ހުރެ ޖޭމްސް ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރ އަތަށެވެ. މެޗުގައި ވޭލްސްއަށް ލިބުނު ފުރުޞަތުގެ ބޭނުން ނުހިފި އުޅެނިކޮށް ޑެންމާކަށް ލިބުނު މަދު ފުރުޞަތުތަކުގެ ބޭނުން ހިފައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެގޮތުން ޑެންމާކަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކެސްޕާ ޑޯލްބާގްއެވެ. އޭނާ މި ލަނޑު ޖެހީ އޭރިޔާ ބޭރުގައި ހުރެ ގޯލުގެ އަރިމަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ދެވަނަ ހާފް ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ޑެންމާކުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އެގޮތުން 48 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ، ޑޯލްބާގްއެވެ. މެޗުގައި ޑެންމާކުން ޖެހި ތިންވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެލާއެވެ. އަދި ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ، ބްރައިތުވެއިޓްއެވެ. ރެފްރީ މި ލަނޑު ބަލައިގަނެފައިވަނީ ވީއޭއާރުވެސް ބެލުމަށްފަހުއެވެ.
މި މެޗުގެ ފަހު މިނެޓުގައި ވޭލްސްގެ ހެރީ ވިލްސަންއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. ވިލްސަން ކުޅެން އެރީވެސް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މި މޮޅާއެކު ޑެންމާކް ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ނެދެލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކޮމެންޓު ފޮނުވާ