ބައެއް ރަށްރަށުގައި އަދިވެސް ޕީޕީއީއާއި، މާސްކު ނެތުމުގެ ޝަކުވާ އެބައޮތް: ޑރ.ފައިސަލް

ބައެއް ރަށްރަށުގައި އަދިވެސް ޕީޕީއީއާއި، މާސްކު ނެތުމުގެ ޝަކުވާ އެބައޮތް: ޑރ.ފައިސަލް

Author
މުޙައްމަދު ޝަޒައިމް
23 އޮކްޓޯބަރ 2020 10:09
0

އަދިވެސް ބައެއް ރަށްރަށުގައި N95 މާސްކާއި، ޕީޕީއީ ނެތިގެން އެތަކެތި ހޯދުމަށް އެދެމުންދާކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ.އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ބައެއް ރަށްތަކުން ޕީޕީއީއާއި N95  މާސްކު ނުލިބިގެން މިއަދުވެސް އެތަކެތި ހޯދުމަށް މާލެއަށް ގުޅައިގެން އެދިފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލެއިން ރަށްރަށަށް ދާމީހުން ކަރަންޓީން ކުރެވޭނެ ގޮތާއި، ފަރުވާދެވޭ އިންތިޒާމާއި، ޚާއްސަކޮށް ބަލީގެ ނުރައްކާތެރިކަން އޮތް މިންވަރަށް ބަލައި ކޮންމެ ރަށެއްގައިވެސް މާސްކާއި، ޕީޕީއީ ހުންނަން ވާނެކަމަށެވެ. މިތަކެއްޗަކީ މިވަގުތު ރަށްރަށަށްދާ މީހުން ކަރަންޓީންގައި ތިބޭއިރު ބަލިވިޔަސް އަދި އެހެން ކަމެއް ދިމާވިޔަސް ފަރުވާދިނުމަށްދާ ސިއްޚީ އެހީތެރިންނަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތިކަމަށެވެ.

ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ގިނަ އަދަދެއްގެ ޓެސްޓް ކިޓްތަކާއި، މާސްކާއި، ޕީޕީއީ ކިޓްތައް ބޭރުގެ ފަރާތްތަކުން ހަދިޔާކޮށްފައިވެއެވެ. މިތަކެއްޗަކީ މިބަލީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެއްޗެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19އާ ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިންނާއި، އެނޫން ޖަމްއިއްޔާ ޖަމާއަތްތަކުންނާއި، ޤައުމުތަކުންވެސް އެކިގޮތްގޮތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސައި އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާޢަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ރަށްރަށުގައި ބޭނުންވާ ވަސީލަތްތައް ނެތްކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.