ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރައި ހޯދައި ދެވެންދެން އެ މައްސަލަ މަޖިލީހުން ބެލުމަށް މަޖިލިސް ރައީސް ނަޝީދު އެދިވަޑައިގެންފައިވާތީ މިމައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން ކޮމިޓީގައިވަނީ މަޝްވަރާ ކޮށްފައެވެ.
ޖުޑީޝަރީ ކޮމިޓީގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީންވަނީ މިމައްސަލާގައި ހިމެނޭ ލިޔެކިޔުންތައް ކަމާއިބެހޭ އިދާރާތަކަށް ދަންނަވައިގެން ލިޔުމުން ހޯދުމަށް ނިންމާފައެވެ. އަދި މިހަފްތާގައި ކޮމިޓީއަށް ޕީޖީ ހުސެއިން ޝަމީމް ހާޒިރުކުރުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. ޕީީޖީ ޝަމީމް މިމައްސަލާގައި ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރާއިރު، ނިމިގެން މިދާ ހަފްތާގައި ޕީޖީ ވަނީ މިނިވަން މުއައްސަސާ ކޮމިޓީއަށްވެސް ހާޒިރުކޮށްފައެވެ. އެދުވެސް ޕީޖީ ވިދާޅުވީ މިމައްސަލާގަިއ ކޯޓަކަށް ހުށަހަޅައިގެން ދައުވާކުރެވޭ ވަރަށް ހެކި އޭސީސީއަށް ހުށަހެޅިފައި ނުވާކަމަށެވެ.
ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާނުކުރަން ނިންމީ ޖިނައީ ދައުވާއެއް އުފުލޭވަރާއި ގާތަށްވެސް ހެކި އޭސީސީއަށް ހުށަހެޅިފައި ނެތުމުން މިމައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.
ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބު ހަމާކުރައްވައި ޕީޖީ ޝަމީމް ވިދާޅުވީ ޤާނޫނާއި ޚިލާފް ކޮންމެ ކަމަކީ ކޮރަޕްޝަނަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް ވަކި މަންފާއެއް އެކަމުގައި އެކުލެވޭނަމަ އެކަމެއް ކޮރަޕްޝަނަށް ވާނެކަމަށެވެ. ޕީޖީ ވިދާޅުވީ އެއޮފީހުން މަސައްކަތް ކުރަނީ އިދާރީ ގޮތުން މިކަމުގައި އަމަލުކޮށްފައިވާ މީހުން އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް ނޫންކަމަށެވެ. އެއޮފީހުގެ ޒިންމާއަކީ ޖިނާއީ ގޮތުން މިމައްސަލާގައި ދައުވާ ކުރެވޭނެ ހާލަތެއް އޮތްތޯ ބެލުންކަމަށެވެ. ނަމަވެސް އޭސީސީން ފޮނުވާފައިވާ ތަހުގީގަށް ބަލައި މިމައްސަލާގައި ދަޢުވާ ކުރެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ