މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ފަހު ޖާގަ ޔޫކްރެއިނަށް ލިބިއްޖެއެެވެ.
ރޭ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު، ޔޫކްރެއިނަށް ފަހު ޖާގަ ލިބުނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ހަތަރު ވަނަ ހޯދައިގެންނެވެ. ހަ ގްރޫޕްގެ ތިން ވަނަ އަށް ދާ ޓީމުތަކުގެ ރޭންކިން އިން އަނެއް ބުރަށް ހޮވުނު ހަތަރު ޓީމަކީ ޔޫކްރެއިންގެ އިތުރުން ޕޯޗުގަލް އާއި ސްވިޒަލެންޑް އަދި ޗެކް ރިބަޕްލިކްއެވެ.
ތިން ވަަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން ކެޓީ މުޅިން އަލަށް މި މުބާރާތުގައި ވާދަކުރި ފިންލެންޑާއި ރޭ ސްޕެއިން އަތުން ތަފާތު ބޮޑުކޮށް ބަލިވި ސްލޮވާކިއާ އެވެ. ޔޫކްރެއިންއާ އެއްވަރަށް ސްލޮވާކިއާ އާއި ފިންލެންޑަށް ތިން ޕޮއިންޓް ލިބުނު ނަމަވެސް ޔޫކްރެއިން ލަނޑުގެ ތަފާތުން ކުރީގައި އޮތުމުން އެ ޓީމު އަނެއް ބުރަށް ދިޔައީއެވެ.
މިއީ ޔޫކްރެއިންގެ ނަމުގައި އެ ޓީމު ކުޅެން ފެށި ފަހުން މި މުބާރާތުގެ ދެ ވަަނަ ބުރުން ފުރުސަތު ލިބުނު ފުރަތަަމަ ފަހަރެވެ.