ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިއަދު އިތުރު ވަގުތުގައި ކަސެމީރޯ ޖެހި ގޯލުން 2-1 އިން ކޮލަމްބިއާ ބަލިކޮށް ބްރެޒިލުން ޖެހިޖެހިގެން 10 ވަނަ މެޗުން މޮޅުވެއްޖެއެވެ.
މެޗުގެ ފުރަތަމަ ލީޑުނެގީ ކޮލަމްބިއާ އިންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި ހުއާން ކުއަޑްރާޑޯ ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ވެއްޓިގެންފައި ލުއިސް ޑިއާޒްއެވެ. މިއީ އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ބްރެޒިލް ކޮޅަށް ކުރިން ގޯލެއް ވަން ފުރަތަމަ ފަހަރެވެ. މެޗުގެ 78 ވަނަ މިނިޓްގައި ބްރެޒިލަށް އެއްވަރުކޮށްދިނީ ރޮބާޓޯ ފިރްމީނޯ އެވެ. މެޗުގެ އިތުރު ވަގުތަށް ދެއްކި 10 މިިނިޓްގެ ތެރެއިން ވެސް ފަހު މިނިޓްގައި ބްރެޒިލް މޮޅުކޮށްދިން ގޯލު ޖެހީ ކަސެމީރޯއެވެ.
ކޮޕަ އެމެރިކާ ގްރޫޕް ބީގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް އޮތީ ނުވަ ޕޮއިންޓާ އެކުއެވެ. ދެ ވަަނައިގައި އޮތް ކޮލަމްބިއާ އާއި ތިން ވަނައިގައި އޮތް ޕެރޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެެެވެ. ކޮލަމްބިއާ ވެސް ވަނީ އަނެއް ބުރުން ފުރުސަތު ލިބިފަ އެވެ. ބްރެޒިލް އެންމެ ފަހުން ބަލިވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާ އަތުންނެވެ.
ރޭގެ މޮޅާ އެކު އެ ޓީމުން ވަނީ ޖެހިޖެހިގެން 10 މޮޅު ހަމަކުރުމުގެ އިތުރުން މި ފަހަރުގެ މުބާރާތުގެ ސައްތަ އިން ސައްތަ ރެކޯޑް ވެސް ދަމަހައްޓައިފަ އެވެ. މި މެޗަށް ނުކުތްއިރު ވެސް ބްރެޒިލަށް އޮތީ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވެފައެވެ.