ދޭދޭ ގައުމުތަކުގައި ހުންނަ އެމްބަސީތަކަކީ، ދޭދޭ ގައުމުތަކުގެ ގުޅުން ރަމްޒު ކޮށްދޭ މުހިންމު ބިނާތަކެވެ. އަދި މި ބިނާތަކަކީ، މި ތަންތަނުގައި ހިނގާ ކަންކަމުގެ މައްޗަށް އެމްބަސީ ނިސްބަތްވާ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި، ގައުމުތަކުން ހިންގާ ތަރައްގީގެ މުހިންމު މަޝްރޫޢުތަކާއި އަދި މިނޫނަސް ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި އެތައްކަމެއް އެތަންތަނުގެ މައްޗަށް ބިނާވެގެން ވާ ކަންކަމެވެ.
ގައުމުތަކުގައި ހުންނަ އެމްބަސީތަކަކީ، ހަމަ އެކަނި އެތަންތަނުން ދޭ ކޮންސިއުލަރ ޚިދުމަތްތައް (އެމްބަސީ ހުންނަ ގައުމުގައި ދިރިއުޅޭ އެމްބަސީ ނިސްބަތްވާ ގައުމުގެ ރައްޔިތުންނާ ގުޅުން ހުރި މަސައްކަތް)ތަކުގެ މައްޗަށް އެކަނި ބަރޯސާވާ ކަންކަން ނޫންކަން އެގެނީ، މިއަދުވެސް ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ސިޔާސީ ގުޅުން ކަޑާލުމާއި ގާއިމް ކުރުމުގެ ރަމްޒެއްގެ ގޮތުން، ސަފީރުން އަބުރާ ގެންދިއުމާއި، އަދި އަނބުރާ އަލުން މަސައްކަތަށް ނެރުން ފަދަ ކަންކަމުން މުހިން ބާރުގަދަ މެސެޖްތައް އެއްގައުމުން އަނެއް ގައުމަށް ފޯރުކޮށް ދެމުންދާތީއެވެ.
މިސާލެއްގެ ގޮތުން، ދާދިފަހުން އެމެރިކާއާއި ރަޝިއާއާއި ދެމެދު އުފެދުނު، އަދިވެސް ހައްލެއް ހޯދިފައިވާ ނުވާ މައްސަލަތަކަށް ބަލާލަމާތޯއެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑްން، ރަޝިއާގެ ރައީސަކީ ގާތިލެއްގެ ގޮތުގައި ސިފަކުރުމުން، މި ދެގައުމުގެ ދެމުދުގައި އެތަކެއް ޒަމާންތަކެއް ވަންދެން ގާއިމްވެފާ އޮތް ސިޔާސީ ގުޅުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރިއެވެ. އަދި މިގުޅުން މިއިން ޒަމާނަކުވެސް ހީނަރުވެފައި ނުވާ މިންވަރަށް ހީނަރުވެގެން ދިޔަކަން އެންމެ ފުރިހަމަޔަށް ރަމްޒު ކޮށްދިނީ، އެމެރިކާގެ ރައީސްގެ މި ބަސްފުޅާމެދު ހިންމަ ނުޖެހޭކަން ފާޅުކޮށް، ރަޝިއާއިން އެމެރިކާގައި ހުންނަވާ ސަފީރު އެގައުމަށް އަބުރާ ގެންދިއުމުންނެވެ. ދެގައުމުގެ ގުޅުމުގެ ހަގީގީ ހާލަތު ރަމްޒުކޮށްދިނީ، ރަޝިއާއިން އެޅި މި ފިޔަވަޅުންނެވެ.
ހަމަ އެފަދައިން، ދޭދޭ ގައުމުތަކުގެ މެދުގައި ސިޔާސީ ގުޅުން ގާއިމް ކުރުމާއެކު އެންމެ ފުރަތަމަ އަޅާފިޔަވަޅަކަށް ވެގެންދަނީ ގުޅުން ގާއިމް ކުރެވޭ ގައުމެއްގައި އެމްބަސީއެއް ގާއިމް ކުރުމެވެ. އަދި އެ އިމާރާތް ވެގެންދާނީ، އަމިއްލަ ގައުމާއި، ޔޫއެންގެ ހެޑްކުއާރޓަރ ފިޔަވާ، ބައިނަލް އަގުވާމީގޮތުން ގާނޫނީ ހައިސިއްޔަތެއް އޮވެގެން އެހެން ގައުމުގެއްގެ ގައުމީ ދިދަ ވިހުރުވާލެވެން އޮންނަ ހަމައެކަނި އުސޫލު ނުވަތަ ފުރުސަތު ކަމުގައިވެސްމެއެވެ.
އެމްބަސީތަކުގެ ޑިޕލޮމެޓިކް އިމިއުނިޓީ
ގައުމުތަކުގައި ހުންނަ އެމްބަސީތަކަކީ، ވަކި ޚާއްސަ ޑިޕްލޮމޓިކް އިމިއުނިޓީއެއްގެ ހިމާޔަތުގައި ހުންނަ އިމާރާތްތަކެކެވެ. ހަމައެކަނި އިމާރާތެއްވެސް ނޫނެވެ. އިމާރާތުގައި މަސައްކަތް ކުރާ ޑިޕްލޮމެޓިކް މުވަޒަފުންނަކީވެސް މި އުސޫލުން، ބައިނަލް އަުވާމީގޮތުން ބަަލައިގަންނަ، ވަކި ޚާއްސަ އިމްތިޔާޒުތަކަކާއި، އިނާޔަތްތަކެއް ލިބިދީފައި ތިބޭ ބައެކެވެ. މިގޮތުން، އެމްބަސީ ހުންނަ ގައުމެއްގެ އެމްބަސީތަކުގައި މަސައްކަތް ކުރާ، ޑިޕްލޮމެޓިކް މުވައްޒަފުން، އެވަގުތަކު ވަޒީފާ އަދާކުރަމުންދާ ގައުމަކަށް ޓެކްސް ދެއްކުމުން އިސްތިސްނާ ވުމާއި، އަދި ކުރިމަތިވާ އެހެނިހެން މައްސަލަތަކަށް ޖަވާބު ދާރީވުމުގައި އަމަލް ކުރެވޭ އުސޫލުތައް ތަފާތުވުންފަދަ، ޚާއްސަ އިމްތިޔާޒްތަކެއް ބައިލަނަލް އަގުވާމީ ގޮތުން ލިބިދީފައި ހުރެއެވެ.
ސަބަބަކީ، ބޭރުގެ ގައުމުތަކުގައި ގާއިމްވެފައި ހުންނަ މިޝަންތަކަކީ، ގައުމުތައް ތަމްސީލު ކުރާ ތަންތަން ކަމުގައި ވެފައި، އެތަންތަނުގެ މަސްލަހަތު ގިނަ ފަހަރަށް މުޅި ދުނިޔޭގެ ސުލްހަ މަސްލަހަތާއިވެސް ގުޅި ލާމެހިގެން ދާތީވެސްމެއެވެ.
މިގޮތުން، ބޭރުގެ ގައުމުތަކުގައި ގާއިމްވެފައި ހުންނަ މިޝަންތަކަށް ބައިނަލް އަގުވާމީގޮތުން ޚާއްސަ އިމްތިޔާޒުތަކެއް ލިބިދެނީ ވިއެނާ ކޮންވެޝަންގައި ގައުމުތަކުން އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށެވެ.
މި ކޮންވެންޝަންއަކީ، 1963 ވަނަ އަހަރުގެ މާރޗްމަހުގެ 4 ވަނަ ދުވަހުން އެޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު "ޔުނައިޓެޑް ނޭޝަން ކޮންފަރެންސް އޮން ކޮންސިއުލާރ ރިލޭޝަންސް"އިން އެކުލަވާލާ އެއަހަރުގެ އެޕްރިލް މަހުގެ 24 ވަނަ ދުވަހު ޔޫއެންގެ ހުރިހާ މެމްބަރު ގައުމުތަކުން ބަލައިގެންފައިވާ ކޮންވެންޝަނެކެވެ.
މިގޮތުން ޖުމްލަ 79 މާއްދާގެ މައްޗަށް އެކުލެވިގެންވާ މި ކޮންވެންޝަންގެ 31ވަނަ މާއްދާ (އާރޓިކަލް 31)ގައި ބަޔާން ކުރަނީ އެމްބަސީއެއް (ނުވަތަ ކޮންސިއުލާ މަސައްކަތް ކުރާ އިމާރާތެއް) ހުންނަ ގައުމަކުން އެއިމާރާތަށް، އެމްބަސީ ނިސްބަތްވާ ގައުމުގެ ހުއްދައަކާ ނުލާ އެއްވެސް މީހަކު ވަނަނުދީ، ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދޭން ޖެހޭނެ ކަމުގައެވެ. އަދި މި އިމާރާތައް އެއްވެސް ގެއްލުމެއްވެސް ލިބުނަނުދީ ބެލެހެއްޓުމަކީވެސް އިމާރާތް ހުންނަ ގައުމެއްގެ މައްޗަށް މި ކޮންވެންޝަންއިން ލާޒިމް ކޮށްފައިވާ ކަމެކެވެ.
މާނައަކީ، ގައުމުތަކުގައި ހުންނަ އެމަބަސީތަކަކީ، ބޭރު ގައުމެއްގެ ބިމުގައި ހުރި އިމާރާތެއްކަމުގަ ވިޔަސް، ހަގީގަތުގައި، އެތަންތަނަކީ، އެމްބަސީ ނިސްބަތްވާ ގައުމުގެ ފުރިހަމަ އިހުތިސާސްތަކުގެ ތެރޭގައި ހުންނަ ތަންތަން ކަން، ވިއެނާ ކޮންވެންޝަންގައި ގައުމުތަކުން ބަލައިގެންފައވާ ކަންކަމުން ވަރަށް ރަގަޅަށް ދޭހަވެގެން ދެއެވެ.
މިގޮތުން، އެމްބަސީތަކުގެ ހައިސިއްޔަތާއި އަދި އެތަންތަނަކީ ނިސްބަތްވާ ގައުމުތަމަކަށް އެކަނި ނިްބަތްވާ ތަންތަންކަން ރަމްޒުކޮށްދޭ، އަދި އާދަޔާ ޚިލާފު ބޮޑެތި ކަންކަންވެސް މާދުރު ނޫން މާޒީތަކުގައި ހިގާފައިވެސް އެބަހުއްޓެވެ.
މިގޮތުން އެންމެ ބޮޑަށް ފާހަގަ ވާން އޮތްކަމަކީ، 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު، ތުރުކީގައި ހުންނަ ސައުދީ އެމްބަސީގެ ތެރޭގައި، ސައުދީ ރައްޔިތެއް ކަމުގައިވާ ޖަމާލް ޚަޝޯގީ މަރާލި މަރާލުމެވެ. ވަރަށް ސާފުކޮށް އެގެން އޮތްކަމަކީ، މި ބޮޑު ޖަރީމާ ހިންގާނެ ތަނެއްގެ ގޮތުގައި ތުރުކީގައި ހުންނަ ސައުދީ އެމްބަސީ، މިކަން ކުރި މީހުން އިޚްތިޔާރު ކޮށްފައިވަނީ، މިވަރުގެ ބޮޑު ޖަރީމާއެއް ހިންގުމުގައި، އެންމެ ފުރިހަމަ ރައްކާތެރިކަމެއް ލިބިގެންވާ ތަނަކީ ޑިޕްލޮމެޓިކް މިޝަންކަމުގައި ދެކިގެން މިލާއިންސާނީ ޖަރީމާ ހިންގާފައި އޮތްކަމެވެ.
މި ބޮޑު ޖަރީމާ ހިންގުމަށް، ތުރުކީގައި ހުންނަ ސައުދީ ޑިޕްލޮމެޓިކް މިޝަން އިޚްތިޔާރު ކޮށްފައިވާ މައިގަޑި ސަބަބަކީ، އެއްވެސް ތަހުގީގަކަށްވެސް، އަދި އެނޫން ހާލަތެއްގައިވެސް، ސައުދީ ސަރުކާރުގެ ހުއްދައަކާއި ނުލާ، ތުރުކީގެ ސަލާމަތީ ބާރަކަށްވެސް، މިއިމާރާތުގެ ތެރެއަށް ވަދެ ނުގަނެވޭނެތީކަން މިއީ ސަފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.
އަލީ ވަހީދުގެ ޝަރީއަތް އިގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގައި
ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކަކީ، ކިތަންމެ ބޮޑު ޑިޕްލޮމެޓިކް އިމިއުނިޓީއެއް ލިބިދީފައިވާ ތަންތަން ކަމުގައިވި ނަމަވެސް، އެތަންތަނަކީ ވަކި ޚާއްސަ އުސޫލުތަކަކުން ހިންގާ ތަންތަނެވެ. އަތަންތަނުގައި ކުރެވޭނެ ކަންކަމާއި އަދި ނުކުރެވޭނެ ކަންކަން ސާފުކޮށް ބަޔާންކުރެވިފައި ހުރެއެވެ. އަދި ޑިޕްލޮމެޓިކް މިޝަންތަކަކީ، ބައިނަލްއަގުވާމީ ގޮތުން، "އެންމެ ހުރުމަތްތެރިކަން" ލިބިގެންވާ ތަންތަންވެސް މެއެވެ.
އެހެންކަމުން، މިއުސޫލުން ބަލާއިރު، މި ތަންތަނުގައި މީހުންގެ ތަހުގީގުތައް ހިންގުމާއި، ތަހުގީގަށް ސުވާލުކުރުމަށް ޑިޕްލޮމެޓިކް މިޝަންތައް ބޭނުން ކުރުމާއި، މިތަންތަނުގައި މީހުން ބަންދު ކުުރުމާއި، އަމުދުން ޝަރުއީ މަޖިލިސްތަކުގެ ގޮތުގައި މިތަންތަން ބޭނުން ކުރުމަކީ، އެއްވެސް ޒަމާނެއްގައި ހިގާފައި ހުރި ކަންކަމުގެ ގޮތުގައި ބެެލެވިފައެއް ނުވެއެވެ.
އެހެންނަމަވެސް، ސިޔާސީ ގޮތުން ވަކިފަރުދެއްގެ ފުރާނައަށް ނުރައްކަވާފަދަ ހާލަތްތަކުގައި، އެފަރުދަކަށް ސިޔާސީ ހިމާތްތެރިކަން ފޮރުކޮށް ދިނުމަކީ، ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ލިބިދީފައި އޮންނަ އިޚްތިޔާރަކަށް ވެގެންދާތީ، އެކިހާލަތްތަކުގައި، އެމްބަސީތަކުގައި ވަކިވަކި ފަރުދުނަށް ގައުމުތަކުން ސިޔާސީ ހިމަޔަތް ފޯރުކޮށް ދީފައި އެބަހުއްޓެވެ.
އެހެންމަވެސް، ތަހުގީގީ އިދާރާތަކެއްގެ ގޮތުގައި އެމްބަސީތަކުގެ ބޭނުން ކުރުމާއި، އަދި ކުށްކުށުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހިންގޭ ތަހުގީގުތަކުގައި، އެމްބަސީތައް ޝަރުޢީ މަޖިލިސްތަކަށް ބަދަލުކޮށް، ޝަރީއަތް ކުރުމަށް އެތަންތަނުގެ ބޭނުން ކުރުމަކީ، ބައިނަލް އަގުވާމީ ގޮތުން ކަޑައެޅިފައި ހުރި އުސޫލުތަކާވެސް މުޅިން ޚިލާފު ކަންކަމެވެ.
ތަހުގީގުތައް ހިންގުމަކީ، ނުވަތަ ޝަރީއަތް ކުރުމަކީ، ކޮންމެ ގައުމެއްގެވެސް ގާނޫނު އަސާސީން ކަނޑައަޅާފައި އޮންނަ އިހުތިސާސްގެ ތެރޭގައި ހިންގަންޖެހޭ ކަންކަމަށް ވެފައި، އަދި ވިއެނާ ކޮންވެންޝަންއިން ޑިޕްލޮމެޓިކް މިޝަންތަކަށް ލިބިދީފައި އޮންނަ ޚާއްސަ އިމްތިޔާޒަކީވެސް، ޑިޕްލޮމެޓިކް މިޝަންތައް ނިސްބަތްވާ ގައުމުތަކުގެ ޖިނާއީ އަދުލުގެ ނިޒާމު އެތަންތަނުގެ މައްޗަށް ހިނގާނެކަމަށް ބުނުމުގެ ބަދަލުގައި، ތަނާއި ތަނުގައި ދިރިއުޅޭ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށް ދީފައިވާ ހިމާޔަތާއި ރައްކާތެރިކަމަކަށް ވާތީ، ޝަރީއަތް ކުރުމާއި ހުކުމް ތަންފީޒުކުރުމަށް މިތަންތަން ބެނުން ކުރުމަކީ މިދެންނެވި މުވާހަދާގެ ރޫޙާއިވެސް ޚިލާފު ކަންކަމުގެ ގޮތުގައި ނޫނީ ނުބެލެވޭނެއެވެ.
މިގޮތުން އަލީ ވަހީދުގެ މައްޗަށް، އިގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީގައި މިހާރު ކުރިޔަށްދާ ޝަރީއަަތަކީ، ބައިނަލް އަގުވާމީ އުސޫލުތަކާއި ފުށުއަރާ، އަދި މުސްތަގުބަލުގައި، ބޭރުގެ ގައުމުތަކުގައި ހުރި ދިވެހި މިޝަންތަކަށް ކުރިމަތިވާނެ ބޮޑު މައްސަލައެއްގެ ގޮތުގައިވެސް ބެލެވެއެވެ.
ހަމައެއާއެކު، އަލީވަހީދުގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކަކީ، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކަމަށްވެފައި، މިފަދަ ތުހުމަތެއް ކުރެވިފައިވާ ފަރާތެއްގެ ޝަރީއަރް އެމްބަސީގައި ކުރިޔަށް ގެންދިއުމުގެ ފުރުސަތު ފޮރިން މިނިސްޓްރީން ދިނުކަމަކީ، ތުހުމަތު ކުރެވޭ ފަރާތަށް ލިބިދޭ ހިމާޔަތެއްގެ ގޮތުގައި ނޫންގޮތަކަސްވެސް ބެލެވޭކަށް ނެތެވެ.
ހުރިހާ ގޮތަކުން ބެލިކަމުގައި ވިނަމަވެސް، މިއީ، ގާއިމްކުރެވިފައިވާ ޑިޕްލޮމެޓިކް އުސޫލުތަކެއް މުގުރާލުން ކަމުގައިވާއިރު، މިއީ ކުރިޔަށް އޮތްތަނުގައި ދިވެހި އެމްބަސީތަކަށް ކުރިމަތިވެގެންދާނެ ބޮޑު ގޮންޖެހުމަކަށް ނޫނީީ ނުވާނެއެވެ.
ހުކުމް ތަންީޒުކުރުން
އިގިރޭސިވިލާތުގައި މިހާރު ކުރިޔަށްދާ ޝަރީއަތާ ގުޅޭގޮތުން ޕީޖީ ހުސެއިން ޝަމީމު ވިދާޅުވެފައިވަނީ، ރައްޖޭގެ ގާނޫނޫ ބާރު ސީދާގޮތުން ނުހިގާތަނެއްގައި ޝަރީއަތް ކުރިޔަށް ނުގެންދެވޭނެ ކަމުގައެވެ. އަދި މިހާލަތުގައި، ކޯޓުގެ ހުރުމަތް ކަޑާލިއަސް ކުރެވޭނެ ކަމެއްވެސް ނެތްކަމުގައެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޝަމީމު ފާހަގަ ކުރައްވާފައިވަނީ، މި އެމްބަސީގައި މި ޝަރީއަތް ކުރިޔަށް ގެންގޮސްގެން، ހުކުމެއް އަޔަސް އެހުކުމް ތަންފީޒު ކުރެވޭނެ ގޮތެއްވެސް ނެތްކަމުގައެވެ. ނަތީޖާއެއްގެ ގޮތުން، މިމައްސަލަ އިސްތިއުނާފް ކުރުމަށްވެސް ޕީޖީވަނީ ނިންމަވާފައެވެ.
އަލީވަހީދުގެ، ޖިންސީ ފުރައްސާރައިގެ މައްސަލަ އިގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީގައި ކުރިޔަށް ދާނީ ފޮރިނގް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް އޮވެގެންކަން އެއީ ކަށަވަރުވެ ޔަގީން ވާކަމެކެވެ. އެހެންކަމަށްވާއިރު، މިފަދަ ޝަރީއަތެއްގެ ނަތީޖާ، ނުވަތަ ހުކުމަކާ ހަމައަށް ދާއިރު، މިހުކުމްވެސް ތަންފީޒުވާނެ ގޮތުގެ ޔަގީންކަން ފޮރިންގ މިނިސްޓްރީން ޔަގީންކޮށްދެނީ ކޮންގޮތަކަށްތޯ މިއީ ސާފުވާންޖެހޭ ކަމެކެވެ. ސަބަބަބީ، މިފަދަ ޝަރީއަތްތަކަށް އެދޭނޭ، އެކި ގިންތީގެ ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން މުސްތަގުބަލުގައި ތިބޭނޭކަން ޔަގީންވާތީވެސް މެއެވެ. އަދި މިފަދަ ފަރާތްތަކުން އެމްބަސީތަކުގައި ތިބެގެން ޝަރީއަތްކުރަން، އެފުރުސަތު ހޯދަން އެމްބަސިތަކަށް ދާނެކަމީވެސް ކަށަވަރުވެ ޔަގީންވާކަމެކެވެ.
ކޮންމެއަކަސް އެގެން އޮތް ކަމަކީ، ކޯޓުން ލިޔެކިޔުންތައް ހޯދައިގެން ފުރައިގެން ރާއްޖެއިން ބޭރަށް އަލީވަހީދަށް ދިއުމުގެ ފުރިސަތުވެސް ފަހިވެގެން ގޮސްފައި އޮތްކަމެވެ. އަދި ގިނަބަޔަކު ގަބޫލުކުރި ގޮތަށް އެބުރި ވަޑައިގެންފައިވެސް ނުވާކަމެވެ. އަދި އެބުރި ވަޑައިގެންފައި ނުވާއިރު، ދިވެހި ރާއްޖޭގައި މުޅިން އަލަށް އަމަލްކުރެވެން ފެށުނު އުސޫލެއްގެ ތެރެއިން، ބޭރުގެ އެމްބަސީއެއްގައި އަލީ ވަހީދުގެ ޝަރީއަތް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށް ދެވިފައިވެސް ވާކަމެވެ.
މިހުރިހާ ކަމަކުން ސާބިތުވެ ފެންނާން އޮތީ މުހިންމު އެއްކަމެކެވެ. ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ހާލަތެެވެ. އިންސާފާއި ހަަހަމަކަން ގާއިމް ވުުގެ ފުރުސަތު ޖުޑިޝަރީ ތެރޭގައި އޮތް މިންވަރެވެ.