މީހުން މެރުމާއި، މީހުންނަށް ލާއިންސާނީ ބޮޑެތި އަނިޔާތައް ދިނުމަކީ، ހުރިހާ މުޖްތަމަޢެއްގައިވެސް ބޮޑެތި ޖަރީމާތަކެވެ.
އަދި، ވަކީން ޚާއްސަކޮށް، މަރުގެ ހާދިސާތަކަކީ، އެކަންކަމުގެ ހަގީގަތް ހޯދުމަށްޓަކާ ގިނަ ފަހަރަށް ބޮދެތި ތަހގީގުތައް ހިންގަންޖެހޭ، އެފަދަ ހާދިސާތަކުގެ ސަބަބުން، މުޖުތަމަޢުތަކުގައި ބިރުވެރިކަން އުފެދިގެންދާ ނުރައްކާތެރި ހާދިސާތަކަކަށް ވަތީ، މަރުގެ ހާދިސާތައްފަދަ ބޮޑެތި ޖަރީމާތައް ހުއްޓުމަކަށް ގެނައުމަކީ، ހުރިހާ މުޖުތަމަޢެއްގައިވެސް، ހުރިހާ ގައުމެއްގައިވެސް އެންމެ ބޮޑަށް އިސްކަންދޭ އެއް ކަންތަކެވެ.
ރާއްޖޭގައި ފަހަކަށް އައިސް މަރުގެ ހަދިސާތައްވަނީ ގިނަ އަދަދަކަށް ހިގާފައެވެ. އަދި ވަކީން ޚާއްސަކޮށް ފާއިތުވެދިޔަ 18 ވަރަކަށް އަހަރަކީ، ރާއްޖޭގައި ގިނަ އަދަދަކަށް ގަސްތުގައި މީހުން މެރުމުގެ ހަދިސާތައް ހިގާފައިވާ އަހަރުތަކެކެވެ.
މިގޮތުން ބަލާއިރު، ފާއިތުވެދިޔަ 18 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން މެރުމުގެ 70އާއި ގާތްކުރާ އަދަދަކަށް ހާދިސާތައް ހިގާފައި އެބަހުއްޓެވެ. މިފަދަ ގިނަ ހާދިސާތަކަކީ، މަސްތުވާތަކެތީގެ ހާދިސާތަކާއި، ގޭންގު މާރާމާރީތަކާއި ނުވަތަ، މިނޫނަސް މިފަދަ ކަންކަމާއި ގުޅުންހުރި ހާދިސާތައްކަންވެސް ފާހަގަ ކޮށްލެވެއެވެ. މީގެތެރޭގައި އަނިޔަވެރިކޮށް މަރާލެވިފައިވާ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީއާއި، ނޫސްވެރިޔާ ޔާމިން ރަޝީދުގެ އިތުރުން ގެއްލުވާލެފިފައިވާ ރިޟުވާންވެސް ހިމެނެއެވެ.
އަދި، ފާއިތުވެރިޔަ 8 ވަރަކަށް އަހަރުގެ ތެރޭގައި މިގޮތުން ހިގާފައިވާ ހާދިސާތައް އިތުރުވެފައިވި ނަމަވެސް، ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިސްބަތުން މަރުގެ ހާދިސާތައް ރާއްޖޭގައި ހިގާފައި ހުރި މިންވަރު މަދު ކަމުގައި ދަންނަވަންޖެހެއެވެ.
އެހެންނަމަވެސް އެންމެ ބޮޑަށް ފާހަގަ ވާން އޮތްކަމަކީ، ފާއިތުވެދިޔަ 18 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި 60 އަށްވުރެ ގިނަ، އަނިޔާވެރި މަރުގެ ހަދިސާތައް ހިގާފައިހުރިއިރު، މީގެ ތެރޭގައި ހިމެނޭ އެންމެ އަނިޔާވެރި މަރުގެ ގިނަ ހާދިސާތަކަށް އިންސާފު ގާއިމް ކުރެވިފައި ނުވާކަމެވެ.
އެކިއެކި ސަރުކާރުތަކުން އިންސާފު ގާއިމް ކޮށްދިނުމަށް ތަފާތު އެކި ވައުދުތައް ވަމުން އައިނަމަވެސް، އިންސާފު ގާއިމްކުރުމުގައި ހުރިހާ ސަރުކާރަކުންވެސް ފެއިލް ވެފައިވާ ކަމެވެ.
ހުރި ހުރަސްތައް
ތެދެކެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ދޯދިޔާކަމާއި މުއައްސަސާތައް ފެއިލްވުމާއި އިހުމާލާއި އެކި ކަހަލަ ގޮންޖެހުންތަކާއި މައްސަލަތަކާއި ސަބަބުތަކާ ހެދި އިންސާފު ނުލިބިފައި ނުވަތަ އިންސާފު ލިބުން ލަސްވެފައި އެތައް އާއިލާއެއް އެބަ ތިއްބެވެ. އެކަމަކު އެ މީހުންގެ ވޭނާއި ކެކުޅުން އަޑުއަހަނީ ކާކު ހެއްޔެވެ؟ މައްސަލަތައް ކުރިއަށް ނުގޮސްގެން ކުރާ އާދޭސްތަކަށް އިޖާބަދެނީ ކޮން ބައެއް ހެއްޔެވެ؟ އިންސާފު ހޯދަން އޮތީ އެ މީހުންނަށް ކޮން މަގެއް ހެއްޔެވެ؟ ގިނަ މީހުންނަށް އަމިއްލަ އިޚްތިޔާރެއް، މިނިވަންކަމެއް ވެސް ނެތެވެ. މިއީ އިއްޔެވެސް މިއަދުވެސް އިވެމުންދާ އަޑުތަކެވެ.
މިހަކު ލާއިންސާނީކޮށް މަރާލެވޭ ކޮންމެ ފަހަރަ މަރުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލާ އަޑު ގަދަވެއެވެ. އަދި ބޮޑެތި ކުށްވެރިން ޖަލުން މިނިވަންވާ ވާހަކައާއި، ޝަރުޢީ މަރުހަލާގެ ތެރެއިން ދޫވެގެންދާ ކަމުގެ ޝަކުވާތަކުގެ އަޑުތައް ގަދަވެގެން ދެއެވެ. މިއިން ކޮންމެ ފަހަރަކުވެސް މިވާހަކަތައް ދެއްކުމަށްފަހު ޝަކުވާތަކުގެ އަޑުތައް ހިނދިގެން ދެއެވެ.
2008ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ ގާނޫނު އަސާސީގައިވާ ގޮތުން، ދިވެހި ރައްޖޭގެ ގާނޫނުތަކުގެ މަސްދަރަކީ އިސްލާމީ ޝަރީއަތެވެ. ގާނޫނުތައް ހަދަން ޖެހޭނީވެސް، އަދި ހުކުމް ކުރެވެން ވާނީވެސް އިސްލާމީ ޝަރީއަތުގެ އަސްލުތަކުގެ މައްޗަށެވެ.
މާނައަކީ، ރައްޖޭގައި މަރަށް މަރު ހިފެން ޖެހެއެވެ. މަުގެ ހުކުމް ތަންފީޒު ކުރަން ޖެހެއެވެ.
ދެތެކެވެ. މަރުގެ އަބަދަކީ، އިންސާފުގެ ތަރާދުން ކިރާނަމަ، އެންމެ ފަހުގެ މަރުހަލާއެވެ. ހައްގުން ވިޔަސް، ނުހައްގުން ވިޔަސް، ޝަރީއަތަކަށްފަހު، މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެވުމަށްފަހު، އެމީހާގެ މައްޗަށް ދެން ތަންފީޒުކުރެވޭނެ އިތުރު އަދަބެއް، އަދި އެއަދަބަކަށް ބަދަލު ގެނެވޭނޭ ގޮތެއް ނޯންނާނެތީ، މަރުގެ ހުކުމް ތަންފީޒު ކުރެވެން ވާނީ، އެންމެ އަދުލުވެރި ނިޒާމުގެ ތެރެއިންނެވެ.
އަދި ރާއްޖޭގައި، އަދުލުގެ ނިޒާމްގެ ތެރެއިން މަރުގެ އަދަބު އިއްވެމުން ދޭވެސްމެއެވެ. އެތައްބަޔަކަށް މަރުގެ ހުކުމް އިއްވާ، ތަންފީޒު ނުކުރެވި ޖަލުގައި އެބަތިބިވެސް މެއެވެ. އެހެންކަމުން، ރައްޖޭގައި މިވަގުތި އަމަލް ކުރެވެމުންދާ ގާނޫނީ ނިޒާމުގެ ތެރޭގައި މަރުގެ ހުކުމް އިއްވެމުންދިޔަ ނަމަވެސް، ރައްޖެއަކީ މިހުކުމް ތަންފީޒު ކުރެވެމުންދާ ގައުމެއް ނޫނެވެ.
ހަމަ މިއާއެކު ފާހަގަ ކޮށްލަން ޖެހޭކަމަކީ، މަރުގެ ހުކުމާ ދެކޮޅަށް ވަކާލާތު ކުރާބަޔަކު ރައްޖޭގެ ސިޔާސީ މަތި ފަޑީގައި ތިބިކަމެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދެކޮޅު ހެދުމަކީ، ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކުރާ ބައެއް ޖަމިއްޔާތަކުން ވަރަށް ބޮޑަށް ދެކޮޅު ހަދަމުންދާ ކަމެއްވެސްމެއެވެ. މިފަދަ ގިނަ ފަރާތްތަކުގެ ޝަކުވާއަކީ، ރާއްޖެފަދަ ބައެއް ގައުމުތަކުގައި، މަރުގެ ހުކުމް ތަންފީޒުކުރެވޭ ވަރުގެ އަދުލުވެރި ޝަރުޢީ ނިޒާމެއް ނެތްކަމެވެ. އެކަމަށް ބޭނުންވާ ފުރިހަމަ ގާނޫނީ އޮނިގަޑެއް ނެތްކަމެވެ.
އެހެންނަމަވެސް ފާހަގަވާން އޮތްކަމަކީ، ރައްޖޭގައި ބޮޑެތި ކުށްތަކަށް އަރައިގަތުުގެ އެންމެ ބޮޑު އެއް އަސްލަކީ، ހުކުމް ތަންފީޒު ނުކުރެވި ދިއުމާ، ގާނޫނީ އޮނިގަޑުގެ ތެރޭގައި ހެދިފައި ހުރި ބާގަޑުތަކުން ދެމިގަނެގެން ދިއުމުގެ ފުރުސަތު ކުށްވެރިންނަށް އޮތުމެވެ.
މިބާގަޑުތައް ބައްދާ، ގާނޫނުތައް ފުރިހަމަކޮށް، ކުށްވެރިންނަށް ހައްގުވާ އަދަބު ދިނުމުގެ މަސްއޫލިއްޔަތު އުފުލުމަށް ކޮންމެ 5 އަހަރަކުން އެއްފަހަރު ރައްޔިތުން މަންދޫބުންވެސް އެބަ އިންތިޚާބު ކުރެއެވެ. މަސްއޫލިއްޔަތު ބަޔަކާ ހަވާލު އެބަ ކުރެއެވެ. އެބަޔަކަށް އެ މަސްއޫލއިްޔަތު ނުއުފުލޭ ކަމަށްވާނަމަ، ހައްލެއް ކޮބައިތޯއެވެ؟
ހައްލު
ބޮޑެތި ކުއްވެރިން މުޖުތަމަޢުގެ ތެރެއަށް ދޫވެފައި ތިބުމަކީ، މުޅި މުޖުތަމަޢު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެކެވެ. އަދި އެކީ، އޭގެ ފަހަތުން މީހުން ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ދެވޭ ހިތްވަރެއްވެސް މެއެވެ.
މިއަދުގެ ހަގީގަތަކީ، ދިވެހި ރާއްޖޭގައި، ޝަރުޢީ މަރުހަލާގެ ތެރެއިން، ބޮޑެތި ކުށްވެރިންނަށް ދެމިގަނެވިފައި ވާކަމެވެ. އެއީ ފުލުހުންގެ ތަހުގީގީ މަރުހަލާގެ ދޯދިޔަކަމުގެ ސަބަބުން ކަމުގައި ވިނަމަވެސް، އަދި ޝަރީޢަތުގެ މަރުހަލާގައި، ހަދާ ޑީލްތަކުގެ ތެރެއިން ކަމުގައިވި ނަމަވެސް، ކުށްވެރިން މުޖުތަމަޢުގެ ތެރެއަށް ދޫވެފައި ތިބުމަކީ، މިއަދުވެސް މުޖުތަމައަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެވެ.
ހަމަ އެފަދައިން، ކޮންމެ ރިޔާސީ އިންތިޚާބަލާ ދިމާކޮށް ރާއްޖޭގައި ކުށްވެރިންނަށް މާފް އެބަ ދެވެއެވެ. މިގޮތަށް މާފް ދެވޭ ގިނަ މީހުންނަކީ، އެވަގުތަކު ހުންނަވާ ރައީސަކު، ކުށްވެރިންގެ އާއިލާތަކުގެ ތާއީދު ހޯދުމަށް އަމާޒުކޮށް ދޭ އަފޫ އާންމުތަކެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ހަމަ މިއުސޫލުން، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި، އުމުރަށް ޖަލަށް ލެވިފައިތިބި ކުށްވެރިންނަށްވެސް މާފް ދެވިފައި އެބަހުށްޓެވެ.
އެހެންކަމުން، ރާއްޖޭގައި ހިގަމުންދާ މީހުން މެރުންފަދަ ބޮޑެތި ޖަރީމާތަކާ ގުޅުންހުރީ ހަމައެކަނި އެއަމަލް ހިންގާ ފަރާތާ އެކަންޏެއް ނޫނެވެ. މިފަދަ ބޮޑެތި ޖަރީމާތައް ނުހުއްޓުވި ދިއުމާ ރާއްޖޭގެ މުޅި ސިޔާސީ މަސްރަޙާ ގުޅުން އެބައޮތެވެ. ކުށްވެރިން މިނިވަން ކުރުމަށް ސިޔާސީ ވެރިންގެ މައްޗަށް އޮތް ނުފޫޒާއި، މަރުގެ ހުކުމް ތަންފީޒު ވެގެން ދިޔަ ނުދިނުމަށް، ސިޔާސީ ބައެއް ފަރާތްތަކުން ވަކާލާތު ކުރަމުންދާ ދިއުމާ، އަދި ރާއްޖޭގެ ގާނޫނީ އޮނިގަޑު މިފަދަ ކަންކަމަށް ތަސައްރަފް ނުފުދޭކަމަށް މިފަދަ ފަރާތްތަކުން ދައްކަމުންދާ ހުއްޖަތްތަކަކީ، ހަގީގަތުގައިވެސް ބޮޑެތި ޖަރީމާތައް ހުއްޓުވުމުގައި ރާއްޖޭގައި ކުރިމަތި ވެފައިވާ ބޮޑެތި ގޮންޖެހުންތަކެވެ.
ފާހަގަ ކޮށްލެވެން އޮތްކަމަކީ، މަރަށް މަރު ހިފުންފަދަ، މުޖުތަމަޢުގެ ސަލާމަތާ ގުޅުންހުރި ބޮޑެތި އަދަބުތައް ތަންފީޒުވެދިއުން ނޫން ހައްލެއް މިއަދު ފެންނާން ނެތްކަމެވެ. މިކަންކަމުގެ ހުއްޖަތަކަށް، ގަނޫނީ އޮނިގަޑު އުޒުރަކަށް ދައްކަވާ ގިނަ ބޭފުޅުން މިއަދު އެތިއްބެވީ ގާނޫނު ހައްދަވާށެވެ.
ޝަކުވާ ކުރެއްވުމަކީ، މަސްއޫލިއްޔަތުން ބަރީއަވެވެން އޮތް ކަމެއް ނޫނެވެ. ގާނޫނު އޮނިގަޑު ފުރިހަމަ ކުރައްވާށެވެ. ދައުލަތުގެ މުވައްސަސާތަކުން، ވަކި މީހެއްގެ ލޮލަށް ކަނދުރާއަކަށް ބެލުމެއް ނެތި ހުކުމް ތަންފީޒު ކުރައްވާށެވެ.
އިހާނާތްތެރި ގޮތަކަށް އިއްޔެ މަރާލީ 13 އަހަރުގެ ކުއްޖެކެވެ. މާދަމާ، ހަމަ އެފަދައިން ތިމާގެ ދަރިފުޅު، އަދި ޚުދު ތިމާވެސް އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެގެން ހިގައި ދާނެއެވެ. އޭގެ ކުރިން މައްސަލަ ހައްލުކުރުމަކީ، ވެރީންގެ ޒިންމާއެކެވެ.
One Response
މިކަމަށްވެސް އަމިއްލަ ދޫފުޅުން ބަސްފުޅު ވިދާޅުވާ ހަމައެކަނި ބޭފުޅަކީ ރ. ޔާމީން