މިއަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި އަސްލަމާއި ސުވާލުކުރަނީ

މިއަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި އަސްލަމާއި ސުވާލުކުރަނީ

Author
ހުސައިން
04 އޮކްޓޯބަރ 2020 09:44
0

އެއްމަސް ދުވަހުގެ މެދު ކެޑުމަކަށްފަހު މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާއަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އާއި ސުވާލު ކުރުމަށް އެޖެންޑާ ކޮށްފި އެވެ.

މާދަމާގެ ޖަލްސާގައި މިނިސްޓަރ އަސްލަމާއި ސުވާލު ކުރުމަށް ހުށަހަޅުއްވާފައިވަނީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ. މިނިސްޓަރ އަސްލަމާއި ކުރައްވާ ސުވާލަކީ ދާދިފަހުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރި ވިއްސާރާގައި އުދަ އަރާ އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި، ލ.މާވަށް ހިމެނޭތީ ލ.މާވަށަށް އުދައަރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފެށޭ ތަރީހެއް އޮޅުން ފިލުވުމަށެވެ. އަދި މާވަށުގެ ބިން ހިއްކުމަށްޓަކައި ކުރަންޖެހޭ ސަރވޭ ނިމި ކުރެހުންތަކަށް ކައުންސިލުގެ ރުހުންވެސް ލިބިފައިވާތީ މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ތާރީޚަކީ ކޮބައިކަން އޮޅުން ފިލުވުމަށެވެ.

މީގެއިތުރުން މާދަމާގެ ޖަލްސާއަށް ވަނީ ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް، ގ.ފަރުކަނި، ޑޮކްޓަރ ޢާޞިމް އަޙްމަދު، ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ
ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށްވެސް އެޖެންޑާކޮށްފަ އެވެ.

މާދަމާގެ ޖަލްސާގައި ހިއުމަންރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ މެމްބަރެއްގެ މަޤާމުގެ މުއްދަތު ހަމަވުމާއި ގުޅިގެން ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ ނަންތައް ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާ މަޖިލިސް ޖަލްސާތައް ފަށާއިރު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށައެޅުނު މަސައްކަތުގެ %68 މަސައްކަތް ނިންމައި މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުގައެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރުގެ ތެރޭގައި 21 ޤާނޫނު، 9 ގަރާރު، ސަރުކާރުން ހުށަހަޅުއްވާފައިވާ 18 މައްސަލަ، ރިޔާސަތުން ހުށަހަޅުއްވާފައިވާ 11 މައްސަލަ، 16 ކުއްލި މައްސަލަ މަޖިލީހުގެ މެންބަރުން ހުށައެޅުއްވި 3 މައްސަލަ، އެހެން މައްސަލަތަކާއި ގުޅޭ 29 މަސައްކަތް އަދި ވަޒީރުންނާ 30 ސުވާލުކުރައްވާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.