އާދީއްތަ ދުވަހުން ފެށީގެން ގެއްލިގެން ހޯދަމުން ދަނިކޮށް، ރޭ ދަންވަރު މަރާލައި އެއްލާލައި އޮއްވާ ފެނުނު 13 އަހަރު ކުއްޖާއަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާކަން އެގިއްޖެއެވެ.
މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު އައި.ޖީ.އެމް.އެޗަށް ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ދަނީ ޓެސްޓްތަކެއް ހަދަމުންދަމުންނެވެ. ނަމަވެސް މިކަމުގެ މައުލޫމާތެއް ފުލުނުންވެސް އަދި ހޮސްޕިޓަލުންވެސް ދީފައި ނުވެއެވެ. ކުއްޖާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އެންމެ ބޮޑެތި ޒަހަމްތަކެއް ހުރީ މޫނުމަތީގައުކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އައި.ޖީ.އެމް.އެޗްއިން ބުނެފައިވަނީ، ކުއްޖާގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު ހެނދުނު 6:15 ހާއިރުކަމަށެވެ. އަދި މިވަގުތުވެސް ކުއްޖާގެ ހަށިގަނޑު އޮތީ ހޮސްޕިޓަލުގައިކަމަށެވެ.
13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ.
މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަޙައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުންގެ ތަޙްޤީޤު ޓީމުން ވަނީ ކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިންކަމަށްވެއެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ