ހިޔާ ފްލެޓްގެ ފިނިޝިންއަށް 9 މަސް ދިނުމަށް ސިޓީ ކައުންސިލުން އެދިއްޖެ

ހިޔާ ފްލެޓްގެ ފިނިޝިންއަށް 9 މަސް ދިނުމަށް ސިޓީ ކައުންސިލުން އެދިއްޖެ

ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ވެރިން އެތަންތަނުގެ ފިނިޝިން މަސައްކަތްތައް ނިންމަން 9 މަސް ދުވަސް ދިނުމަށް މާލޭ ސިޓީ ކައުންސިލުން އެޗްޑީސީއާއި ރައީސް އޮފީހުގައި އެދިއްޖެ އެވެ.

ހިޔާ ފްލެޓްގެ ދެ ކޮޓަރީގެ ފްލެޓްތައް ހައްގުވެރިންނަށް ހަވާލުކުރަން ނިންމާފައި ވަނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށް، ތަށިމުށި ނުޖަހައި، ފަންކާ އާއި ލައިޓުތައް ވެސް ހަރު ނުކޮށެވެ. އަދި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

އެހެންކަމުން އެޗްޑީސީން ނިންމާފައި ވަނީ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތައް ފްލެޓް ލިބޭފަރާތްތަކުން ނިންމުނަށް ފީއެއް ނުނަގައި ތިން މަސް ދުވަސް ދިނުމަށެވެ.

މިކަމާއި ގުޅޭގޮތުން މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް، ފްލެޓް ލިބޭފަރާތުން އަމިއްލައަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން ތިން މަސް ތެރޭގައި މަސައްކަތް ނިންމޭނީ މަދު ބަޔަކަށް ކަމަށެވެ.

"މަދުވެގެން 9 މަސް ދުވަސް ފިނިޝިންގ އަށް ދިނުމަކީ ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމެއް ކަމުން އެކަމަށް މިއަދު އެޗްޑީސީ އާއި ރައީސް އޮފީހުގައި ވާނީ އެދިފަ"

– ޑރ. މުޢިއްޒު

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަމަހުގެ 14 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހިޔާ ފްލެޓްތަކުގެ އަގުގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައިވަނީ 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓްގެ ގޮތުގައި މަހަކު 7،500ރ. ދައްކާ ގޮތަށެވެ. އަދި ފްލެޓްތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000ރ. ނަގަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. ނަމަވެސް ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ނިންމަވާފައިވާކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެއީ ފިނިޝިންގ މަސައްކަތަށް ކަނޑައަޅާފައިވާ 3 މަސްދުވަހެވެ.

މިދިޔަ މަހު ބޭއްވި ބައްދަލުވުމެއްގައި ހިޔާ ފްލެޓްތަކަށް ދައްކަންޖެހޭ ކުލި މަހަކު 6،000 ރުފިޔާއަށް ވުރެ ބޮޑު ނުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިކަމަށް، ޑރ. މުޢިއްޒު އޭރު ވަނީ ވިދާޅުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *