ބާސެލޯނާ އިން ފްރާންސްގެ އޮލިމްޕިކް ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ތަރި މެމްފިސް ޑިޕާއިގެ ސޮއި ހޯދައިފިއެވެ.
27 އަހަރުގެ ޑިޕާއި އަންނަނީ ލިޔޯންގައި އޭނާގެ މޮޅު ކުޅުން ދައްކަމުންނެވެ. މި ސީޒަނުގެ ފްރެންޗް ލީގުގައި އޭނާ ވަނީ ލިޔޯނަށް 20 ގޯލު ޖަހައިދީފަ އެވެ. ހިލޭ ޓްރާންސްފާއެއްގައި ލިޔޯން ދޫކޮށް ޑިޕާއި ބާސެލޯނާ އަށް ސޮއިކުރީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ. ޑިޕާއި ހޯދަން އިނގިރޭސި އަދި އިޓަލީގެ ބައެއް ކްލަބްތަކުން މަސައްކަތްކުރި ނަމަވެސް އޭނާ ބާސެލޯނާ އަށް ބަދަލުވާން ނިންމީ ނެދަލެންޑްސްގެ ކުރީގެ ކޯޗު އަދި ބާސެލޯނާއާ ހަވާލުވެ ހުރި ރޮނާލްޑް ކޫމަންއާ އެކު މަސައްކަތް ކުރަން ބޭނުންވާތީއެވެ.
ޑިޕާއި އެންމެ ފުރަތަމަ ކުޅުނީ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އަށެވެ. އެ ޓީމުގައި ހުރެ 2014/2015 ވަނަ އަހަރު ނެދަލެންޑްސް ލީގުގައި 22 ގޯލު ޖެހުމާ އެކު، 2015 ވަނަ އަހަރު އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑުން 25 މިލިއަން ޕައުންޑް ދީފައި ޑިޕާއި ގަތެވެ. ޑިޕާއި އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި އޭނާ 2017 ވަނަ އަހަރު ޖެނުއަރީ މަހު ލިޔޯނަށް ބަދަލުވިއެވެ.
ޑިޕާއި އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ސޮއިކުރި ހަަތަރު ވަނަ ކުޅުންތެރިޔާއެވެ.