ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޗެމްޕިއަން ޕޯޗުގަލްއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ޖެހި ލަނޑުތަކުން މޮޅުވެ ޖަރުމަނުން ފެންވަރު ދައްކާލާއިފިއެވެ.
ޖަރުމަނުގައި މިރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ މައްޗަށް ޖަރުމަނުން ކުރިހޯދީ 2-4 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ދެވަނަ ބުުރަށް ދަތުރުކުރުމުގެ ފުރުޞަތު ޕޯޗުގަލްއަށް އޮތެވެ. އަދި މުބާރާތުގައި އިތުރަށް ކުރިޔަށްދާން ބޭނުންނަމަ މިރޭގެ މެޗު ކާމިޔާބުކުރަން ޖަރުމަނަށް އޮތީ މަޖުބޫރުވެފައެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވެފައި އޮތުމުންނެވެ.
މިރޭގެ މެޗު ފަށައިގެން ޖަރުމަނުން ވަނީ ރަނގަޅަށް ކުޅެ ޕޯޗުގަލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 6 ވަނަ މިނެޓުގައި ރޮބިން ގޮސެން ވަނީ ޖަރުމަނަށް ލަނޑެއްވެސް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ މި ލަނޑު ބަލައި ނުގަތުމަށް ނިންމާފައެވެ.
ޖަރުމަނުން ރަނގަޅަށް ކުޅެމުން ދަނިިކޮށް ޕޯޗުގަލްއިން އުފެއްދި ކައުންޓަރ އެޓޭކެއްްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ޖަރުމަނު ކޮޅަށް ރޮނާލްޑޯ ޖެހި ފުރަތަމަ ލަނޑެއެވެ. އަދި މިފަަހަރުގެ ޔޫރޯގައި ރޮނާލްޑޯ ޖެހި 3 ވަނަ ލަނޑެއެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖަރުމަނުން ވަނީ 2 ލަނޑު ޖަހާ ލީޑު އަތުލާފައެވެ. މި ލަނޑަކީވެސް ޕޯޗުގަލްގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑުތަކެކެވެ. އެގޮތުން މެޗުގެ ނަތީޖާ ހަމަހަމަވި ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ގޯލަށް ވަނީ ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒްގެ ފައިގައި ޖެހިފައެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން ޖަރުމަނުން ލީޑު ނެގިއެވެ. މިއީވެސް ޕޯޗުގަލް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެގޮތުން މި ލަނޑު ވަނީ އޭރިއާ ތެރެއަށް ތޯމަސް މުލާ ފޮނުވާލި ބާރު ހަމަލާއެއްގައި ޕޯޗުގަލްގެ ޑިފެންޑަރު ގުރޭރޯގެ ފައިގައި ޖެހިފައެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ޖަރުމަނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ޖަރުމަނަށް މި ލަނޑު ކާމިޔާބުކޮށްދިނީ، ކައި ހަވާޓްޒްއެވެ. ޖަރުމަނުން ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ 60 ވަަަނަ މިނިޓްގަ އެވެ. ކިމިކް ނަގައިދިން ހުރަހަކުން މި ލަނޑު ޖެހި ގޮސެން ބޮލުންނެވެ.
މި ނަތީޖާއާއެކު ގްރޫޕް އެފްގެ ދެވަނައަށް ޖަރުމަނު ކުރިޔަށް ޖެހިލާފައިވާއިރު، ޕޯޗުގަލް ވަނީ ދެވަނައަށް ވެއްޓިފައެވެ. ޕޯޗުގަލް ތިން ވަނައިގައި އޮތީ ބައިކޮޅަށް ވަދެފައިވާ ލަނޑު ގިނަ ވުމުންނެވެ. މިރޭ ކުޅުނު މެޗުން އެއްވަރުވެ، އެއް ޕޮއިންޓާއި އެކު ހަންގެރީ އޮތީ ގްރޫޕުގެ ފުލުގައެވެ. އަދި ފުރަތަމަ މެޗުން މޮޅުވެ، މިރޭ މެޗުން އެއްވަރުކޮށް ފްރާންސް އޮތީ "މަރުގެ ގްރޫޕު" ގެ އެއް ވަނައިގައެވެ.
ކޮމެންޓު ފޮނުވާ