ގާނޫނަކުން ހަތަރެސްފައި ބަނދެލުން، ހައްލެއްތަ؟

ގާނޫނަކުން ހަތަރެސްފައި ބަނދެލުން، ހައްލެއްތަ؟

ދިވެހިރާއްޖެ ދުށް ޅަފަތުގެ ޑިމޮކްރަސީއާއެކު، އަންނަން ފެށި އެންމެ ބޮޑު ބަދަލަކީ، އެ ނިޒާމު ފުރިހަމަ ކުރުމަށްޓަކާ ހަދަންޖެހޭ ގާނޫނީ އޮނިގަޑު ފުރިހަމަ ކުރުމުގެ މަސައްކަތެވެ. އަދި އާ ގާނޫނު އަސާސީއަށްފަހު، އެގާނޫނު އަސާސީ ފުރިހަމަޔަށް ހިންގުމަށްޓަކާ އެގާނޫނު އަސާސީ ވުޖޫދަށް އައުމަށްފަހު، ވަކި މުއްދަތެއްގެ ހަދަންޖެހޭ ގާނޫނުތަައް ހެދުމަށް މުއްދަތު ކަނޑައެޅި އެހެންނަމަވެސް އެމުއްދަތައްވެސް ގާނޫނުތައް ހަދާ ނިންމާލެވިފައެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން، ގާނޫނު އަސާސީގައި ކަޑައެޅި ބަޔާން ކުރެވިފައިވާ އެތަކެއް އަސާސީ ހައްގުތަކެއް އެންމެ ފުރިހަމަކަމާއެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމުގައިވެސް އަދިވެސް ގޮންޖެހުންތަކާ ވަނީ ކުރިމަތި ލާންޖެހިފައެވެ.

އެހެންނަމަވެސް، ގާނޫނު އަސާސީން ހަދަން ލާޒިމް ކޮށްފައިވާ ގާނޫނުތައް އޭގެ މުއްދަތައް ފާއިތުވެދިޔަ މަޖިލިސްތަކަށް ހަދާ ނިންމާލެވިފައި ނުވިނަމަވެސް، ގާނޫނުތައް ފަރުމާކުރުމުގެ މަސައްލަތް ހުއްޓުމެއް ނެތި ހުރިހާ ސަރުކާރަކުންވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި އެއީ ކުރަންޖެހޭ މުހިންމު މަސައްކަތެއްވެސް މެއެވެ.

އެހެންނަމަވެސް، އާގާނޫނު އަސާސީން ދިވެހި ރާއްޖެއަށް ވަރަށް ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ގެނެސްދީފައި ވިނަމަވެސް، އެގާނޫނު އަސާސީ ވުޖޫދުވެގެން އައިތާ 13 އަހަރު ފާއިތުވެގެން ދާއިރު، ގާނޫނު އޮނިގަޑުގެ ތެރެއިން ފެންނަމުންދާ، ޑިމޮކްރަސީއާއި އެންމެ ބީރައްޓެހި އެއް ސިފައަކީ، ހާލަތުގެ ފައިދާ ނަގާ، ތިމާ ނުރުހޭ ހަމަ ކޮންމެ ކަމަކީ، ޖިނާއީ ކުށަކަށް ހެދުމެވެ.

މާނައަކީ، ނުރުހޭ ކަންކަމުގައި، ނުރުހޭ މީހާއަކީ ކުއްވެރިއެއްކަމުގައި ތިމާގެ ނަޒަރުން ދުށުން އެއީ، ޑިމޮކްރަސީއައި ބީރައްޓެހި ކަމަކަށްވިޔަސްވެސް، އެކަން އެމަގަށް ކުރަން ބޭނުންވާ ބަޔަކު ތިބިކަން އިއްޔެވެސް އަދި މިއަދުވެސް މިދަނީ ވަރަށް ސާފުކޮށް ފެންނަމުންވެ.

ނަފްރަތުގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން: ވިދާޅުވަނީ އެއީ ދީނީ ބިލެއް ކަމަށް

ކުރީ ސަރުކާރުން، އަބުރާބެހުން ޖިނާޢީ ކުށަކަށް ހެދުން

ރައީސް ޔާމިންގެ ސަރުކާރުގައި އެމަނިކްފާނު އެންމެ ނުރުހުންވި އެއްކަމަކަށް ވެގެން ދިޔައީ، މީޑިއާތަކުން އެމަނިކްފާނަށާއި އަބިކަބަލުންނަށް ނިސްބަތްކޮށް ކިޔަމުންދިޔަ ފާޑު ކިޔުންތަކެވެ.

ރަގަޅު ވާހަކައެކެވެ.

ދިވެހިރާއްޖޭގެ މީޑިއާތައް ހިގަމުން އަންނަނީ އެންމެ ޕްރޮފެޝަނަލްކޮށް ނޫންކަން މިއީވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ނަތީޖާއެއްގެ ގޮތުން، ނޫސްވެރިކަމަށް ލިބިދީފައި އޮންނަ އަސާސީ ހައްގު ކަމުގައިވާ، މަސްދަރު ރައްކާތެރިކުރުމުގެ ބޭނުން ނާޖާއިޒު ގޮތުގައިކޮށް، މީހުންގެ އަބުރު ކަތިލުމުގެ ބޭނުމުގައި ދޮގު ޚަބަރާއި މައުލޫމާތު އާންމުކުރުން ހަގީގަތުގައިވެސް ރާއްޖޭގައި ވެގެން ގޮސްފައިވަނީ، ބޮޑު މައްސަލައަކަށެވެ.

އަދި އޭރު މީޑިއާތަކުން ރައީސް ޔާމީނާ ދެކޮޅަށް އަމާޒުކުރުމުންދިޔަ ހުރިހާ ބަދުނާމަކީ އެންމެ ރަގަޅު ނޫން މައުލޫމާތުތައް ކަމުގައި ވެގެން ގޮސްފައިވެސް ހުރެދާނެއެވެ. އެހެންނަމަވެސް މީޑިއާތަކުން ގެނެސްދޭ ކޮންޓެންޓް ރެގިއުލޭޓް ކުރާނެ މުވައްސާތައް ގާނޫނު އަސާސީން ވުޖޫދު ކޮށްފައި އެބަހުއްޓެވެ. އަދި މީޑިއާތަކުން މީހުންގެ އަބުރަށް އަރައިގަންނަން ފެށީމާ، އެމީޑިއާތަކަށް ފިވަޔަޅު އެޅޭނެ ގޮތްތައް ބަޔާންކޮށް ގާނޫނުތައް ހަދާ، އޭގާނޫނުތަކުން މީޑިއާތައް ރެގިއުލޭޓްވެސް ދަނީ ކުރަމުންނެވެ.

އެހެންނަމަވެސް، އޭރު، މީޑިއާތަކުން، އިންތިހާއަށް ރައީސް ޔާމީނަށް އަމާޒުކޮށް ކިޔަމުންދިޔަ ފާޑުކިއުންތައް އެމަނިކްފާނަށް ހަޖަމެއް ނުކުރެވުނެވެ. ސަރުކާރުން ނިންމެވީ، މީޑިއާތަކުން އެމަނިކްފާނާއި އަނބިކަބަލުންނަށް އަމާޒުކޮށް ކިޔަމުންދިޔަ ފާޑުކިއުންތައް ހުއްޓުވުމަށްޓަކާ އަބުރާ ބެހުން ޖިނާޢީ ކުށަކަށް ހަދާށެވެ.

މާނައަކީ، އަބުރާ ބެހުމަކީ ޖިނާޢީ ކުށަކަށް ހެދުމުން، ފާޑުކިޔާ މީހާ ދައްކާ ވާހަކަ އޭނާއަށް ސާބިތު ނުކުރެވުނީމާ، ފާޑުކިޔުން ރައްދުވީ މީހާ އެކުރީ ޖިނާޢީ ކުށަކަށް ހަދާ، އޭނާ ޖަލު ގޮޅިޔަށް ދާންޖެހުމެވެ.

އަދި މިއަދަބުގެ ބިރުވެރި ކަމުގައި، މީޑިއާތަކުން އޭރުގެ ސަރުކާރަށް އަމާޒުކުރަމުންދިޔަ ފާޑުކިޔުންތައް ހުޓާލާ ހަތިޔާރު ބަހައްޓާ، ސަރުކާރަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތައް ހުއްޓުމަކަށް އަންނާނޭކަމުގައިވެސް އޭރުގެ ސަރުކާރުން ހިސާބު ޖެހިއެވެ.

އަދި، މި އުއްމީދުގައި މަޖިލީހުން އަބުރުގެ ބިލް ފާސްވެސްކުރިއެވެ. އެތައް ބައެއްގެ ނުރުހުމާއި، އާންމު ރައްޔިތުންގެ ރުޅިވެރިކަންވެސް ވަރިހަމަ ކޮށްފައެވެ. އަދި ޚުދު އޭރުގެ މަޖިލިހުގައި އޮތް ޕީޕީއެމްގެ ސުޕަރ މެޖޯރިޓީގެ ބައެއް މެމްބަރުންގެވެސް ނުރުހުމާއެކީގައި ވެސްމެއެވެ.

ނަތީޖާއަކީ ކޮބައިތޯއެވެ. މިޑީއާތަކުން ރައީސް ޔާމީނަށާއި އަނބިކަބަލުންނަށް އަމާޒުކޮށް ކިޔަމުންދިޔަ ފާޑުކިޔުންތަކަށް ހުއްޓުމެއްވެސް ނުގެނެވުނެވެ. އަދި ކިޔެއްތައް، މީޑިއާތަކުން ކިޔަމުން އައި ފާޑިކިޔުންތައް ވީ އިތުރެވެ. ކުރަމުން އައި ފުރައްސާރަވެސް ވެގެން ދިޔައީ އިތުރެވެ. އަދި އަބުރުގެ ބިލުން މީޑިއާތަކަށް އަދަބު ދިނުމަކުން މައްސަލައަށް އައި ހައްލެއްވެސް ނުވެފުނުނެވެ. އޭގެ ބަދަލުގައި، މީޑިއާތަކުންނާއި، އާންމު ރައްޔިތުން ސަރުކާރަށް ކުރަމުން އައި ނަފްރަތުވީ އިތުރެވެ.

ރައީސް ޔާމިންގެ ދައުރުގައި އަބުރުގެ ބިލް ފާސްކުރީ ޔާމިންގެ ދެކަނބަލުންނަށް އަމާޒުކޮށް ކިޔަމުންދިޔަ ފާޑު ކިއުންތައް ހުއްޓުވުމަށް

އަދި، އޭރުގެ މަޖިލިހުން ފާސްކުރި އަބުރުގެ ބިލާއެކު، އޭރުގެ ސަރުކާރުގެ ތެރެއިން، ޚާއްސަކޮށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރެއިން، އެހެން ބޮޑު ބަދަލެއްވެސް ފެނިގެން ދިޔައެވެ.

އަބުރުގެ ބިލާ ދެކޮޅަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ފާޅުގައި ދެތުވިއެވެ. ޕާލަމެންޓްރީ ގްރޫޕުގައި ރެނދުލީއެވެ. ބޮޑު ގޮންޖެހުމަކާ ސަރުކާރަށް ކުރިމަތިލާން ޖެހުނީއެވެ.

ފަހުން ފެނިގެންދިޔަ މަންޒަރަކީ، އަބުރުގެ ބިލާހަމައިން، ރައީސްޔާމިން ޕީޖީ ގުރޫޕުގައި އަޅަންފެށި ރެނދު ބޮޑުވަމުން ބޮޑުވަމުން ގޮސް، މި ރެނދު ހަގީގަތުގައި ވެގެން ދިޔައީ އެ ވެރިކަން ވެއްޓުމަށް މެދުވެރިވީ އެއް ސަބަބު ކަމުގައެވެ.

ފެނިގެންދިޔަ މަންޒަރަކީ، ވަކި ވަކި ފަރުންދުންނާއި ގުޅުހުންހުރި ޖަޒުބާތުރަކުގައި، ހިންހަމަ ނުޖެހޭ ކަންކަން ހައްލުކުރުމަށް، ގާނޫނުން ހަތަރެސްފައި ބަނދެލުމަށް ވިސްނާ ވިސްނުމުގެ ނުރައްކާތެރިކަމެވެ. އިންސާނުންގެ ދޫން ބަންދުކުރުމާއި، ބަސް ބުނުމަށް ދަތި ކުރުމާއި، ބަސް ނުބުނެވޭ ގޮތް ހެދުމުގެ ސިޔާސަތަކީ، ޚުދުމުކްތާރު އަދި ނާކާމިޔާބު ސިޔާސަތެއް ކަމެވެ.

 

ނަފުރަތުގެ އަމަލު މިއަދު ޖިނާޢީ ކުށަކަށް

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައަޅައްވާފައިވާ ބިލަކީ، އެބިލަކާމެދު މުޖުތަމަޢުގެ ތެރޭގައި އެތައް ގޮތަކުން ދެކޮޅުވެރިކަން އުފެދިފައިވާ ބިލެކެވެ.

އަދި މިބިލް ފާހަގަ ވެގެން ދަނީ، ފަހަކަށް އައިސް މަޖިލީހަށް ހުށަހެޅިގެންދިޔ ބިލަތަކުގެ ތެރެއިން، ގިނަ ބައެއްގެ ނަފްރަތު އެބިލަކަށް އެންމެ ބޮޑަށް އަމާޒުވެގެންދިޔަ އެއް ބިލް ކަމުގައިވެސް މެއެވެ.

އެމްޑީޕީގެ އިސް ސަފުގައި ހިނެނި ވަޑައިގަންނަވާ، އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެވެސް އަރިސް މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވޭ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، ދީނީ ބައެއް ކަންކަމުގައި ބަސް ބުނާ މީހުން ގާނޫނީ ގޮޅިއަކަށް ފެތި، އަދަބު ލިބުމުގެ ފުރުސަތު ހުޅުވިގެން ދެއެވެ.

މިގޮތުން މި ބިލުގައި ވާގޮތުން، “އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުން ނުވަތަ، އިސްލާމީ އަގީދާއާއި ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފްރަތު އުފެއްދުން، ނުވަތަ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުން” މި ހުރިހާ ހާލަތްތަކަކީވެސް ޖިނާއީ ކުށްތަކުގެ ގޮތުގައި މި ބިލުގައި ބަޔާން ކޮށްފައި ވެއެވެ.

ގިނަ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ތުޅާދޫ ދާއިރާގެ މެމްބަރު، ނަފްރަތުގެ އަމަލު ހުއްޓުވުގެ ނަމުގައި މިބިލް މަޖިލީހަށް ހުށަހެޅުއްވީ، ރައީސް ނަޝީދަށް އަމާޒުކޮށް، ބައެއް ފަރާތްތަކުން ލާދީނީއަށް ގޮވުން ހުއްޓުވުުގެ ބޭނުމުގައެވެ.

ރަގަޅު ވާހަކައެކެވެ. އެއެއް މިއެއް ބަލާލުމެއް ނެތި، އެއްވެސް މީހަކަށް އަމާޒުކޮށް ލާދީނީއަށް ގޮވުމަކީ، ކޮންގެންވާނެ ކަމެއް ނޫނެވެ. އަދި ލާދީނީއަށް ގޮވާ ގޮވުން އަމާޒުުވާ ފަރާތްތަކުންވެސް، ދީނީގޮތުން ޚިޔާލު ތަފާތުވާޒާތުގެ ވާހަކަތަކުން ދުރުވާންވެސް ޖެހޭނެއެވެ.

ނަފްރަތުގެ ބިލާ އެންމެ ބޮޑަށް ދެކޮޅު ހަދަމުންދާ އެއްބަޔަކީ ދީނީ އިލްމުވެރިން

އަދި ހަމައެއާއެކު، މުސްލިމުން ކާފަރު ކުރުމާއި، އަދި އެއްވެސް ޝަރީއަތަކާ ނުލާ މީހުންގެ ލޭ ހުއްދަކުރުންފަދަ ކަންކަމުން މުޖުތަމަޢު ދުރުވާންވެސް ޖެހޭނެއެވެ. އަދި މިކަންކަން ގާނޫނަކުން ހުއްޓުވުުގެ ވިސްނުން ހުރި ކަމުގައިވި ނަމަވެސް، މި އަމަލުތައް ހުއްޓުވުމަށް ހަދާ ގާނޫނުގެ ނަތީޖާއެއްގެ ގޮތުން، އަނެއްކޮޅުން ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިމާޔަތެއް ލިބިގެންދާނަމަ އެއީވެސް ބޮޑުވެގެންވާ މައްސަލައެކެވެ.

 

ހައްލަކީ ކޮބާ؟

ކަމުގެ ހަގީގަތަކީ، ކަންކަމުގައި މެދުމިނުގެ ހައްލު ހޯދުމަކީ މުހިންމު ކަމެއްކަމެވެ. ތިމާ ހިތް ނުރުހޭ ކަންކަމުގައި، ގަދަބާރުން ކަންކަމުގެ ހައްލު ހޯދުމަކީ، ވަރަށްވެސް ޚުދުމުޚްތާރު ވިސްނުމެއް ކަމެވެ.

މަޖިލީހަށް މިހާރު ހުށަހެޅިފައިވާ "ނަފްރަތުގެ ބިލަކީ" އެ ބިލަކާއި އެތައް ބަޔަކު ދެކޮޅު ހަދަމުންދާ ބިލެކެވެ. އާންމު ރައްޔިތުންގެ އިތުރުން، ދީނީ އިލްމުވެރިންނާއި، އެމްޑީޕީ ފިޔަވާ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިންނާއި، ރަށްތަށުގެ ކައުންސިލްތަކުންވެސް މި ބިލާ ދެކޮޅު ހަދައެވެ.

އަދި ވަކީން ޚާއްސަކޮށް، އެމްޑިޕީގެ ސުޕަރ މެޖޯރިޓީއެއްއޮތްް ޕާލަންޓްރީ ގްރުޕުގެ ބައެއް މެމްބަރުންވެސް ވަނީ ފާޅުގައި މިބިލާ ދެކޮޅު ހަދާފައެވެ.

ރާއްޖޭގެ ގިނ ރަށްތަކުގައި ދަނީ ނަފްރަތުގެ ބިލާ ދެކޮޅަށް އަޑު އުފުލަމުން

މާނައަކީ، މިއީ މަޝްވަރާ އިންތިހާއަށް ބޭނުންވާ ބިލެކެވެ. އަދި މަޝްވަރާގެ އުސޫލުންވެސް، ބިލަށް އެކަށީގެންވާ، ގިނަބަޔަކަށް ގަބޫލުކުރެވޭ ހެޔޮ ބަދަލެއް ނުގެނެވިއްޖެނަމަ، މިބިލުގެ ޒަރީއާއިން އުފެދޭ ނަފްރަތާއި ދެކޮޅުވެރިކަން އިންތިހާއަށް ބޮޑު ވެގެެންދާނެކަމީ ސާފުކޮށް ފެންނާ އޮތް ހަގީގަތެކެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ޚުދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރުޕުގެ ތެރޭގައިވެސް ޚިޔާލުތަފާތުވުން ނުއުފެދި ދިއުމަކީ ވުމަށްވުރެ ނުވުން ދުރުގައި އޮތްކަމެއް ކަމުގައި ނޫނީ ދެންނެވޭނެއެވެ.

ހޯދަންޖެހޭނީ އަބަދުވެސް މެދުމިނުގެ ހައްލެކެވެ. ގާނޫނަކުން އަތް ބަދެވުނަސް، ގާނޫނަކުން އިންސާނުންގެ ދޫ ބަންދު ކުރެވިދާނެކަމަށް ވިސްނާ ވިސްނުމަކީ ހަގީގަތުގައިވެސް ޑިމިކްރަސީގެ ވިސްނުމެއް ނޫނެވެ. އެއީ ހަގީގަތުގައިވެސް ވަރަށް ޚުދުމުޚްތާރު ވިސްނުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *