އަންނަ ސީޒަނުން ފެށިގެން ބިދޭސީ ގޯލްކީޕަރުން ރާއްޖޭގެ ޓީމުތަކަށް ނުގެނެވޭ ގޮތަށް ނިންމާފައިވާ ނިންމުން ކްލަބްތަކުން ބޭނުންވެގެން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި ބިދޭސީ ކީޕަރުން ބޭނުންކުރެވޭ ގޮތަށް ވަގުތީ ހުއްދައެއް ދީފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ކޯވިޑް-19ގެ ސަބަބުން ދިމާވި ކަންތައްތަކާ ގުޅިގެން ކްލަބްތަކުން ބޭނުންނަމަ ބިދޭސީ ކީޕަރުން ގެނެވޭ ގޮތަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް މީގެ ކުރިން ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެފްއޭއެމްއިން ބުނެފަވަނީ އަންނަ ސީޒަނުގައި ބިދޭސީ ކީޕަރުން ޓީމުތަކުގައި ކުޅެވޭނެ ކަމަށެވެ.
މިދިޔަ ސީޒަން ޖޫން މަހު ފަށަން ނިމުމާ އެކު، އެ ސީޒަން ކުރިއަށްދާނީ މި އަހަރުގެ ކުރީކޮޅާ އެއްކޮށް ކަަމަށްވާތީ ބިދޭސީ ކީޕަރުން ނުގެނެވޭ ގަވާއިދަށް އަމަލުކުރަން ފަށާނީ މިސީޒަނުން ފަށައިގެން ކަމަށް އެފްއޭއެމުން ވަނީ ކުރިން ބުނެފައެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަޓީމުތަކުގެ ގޯލުން އަންނަ ސީޒަނުގައި ވެސް ފެންނާނީ ބިދޭސީ ކީޕަރުންނެވެ. ގިނަ ކްލަބްތަކުން މިހާރު އަންނަނީ ބިދޭސީ ކީޕަރުންނާ އެކު މަޝްވަރާ ކުރަމުންނެވެ.
މިހާތަނަށް ކޮންޓްރެކްޓް ހަދާފައިވާ ބިދޭސީ ކީޕަރަކީ ދާދި ފަހުން ގްރީން ސްޓްރީޓްސް އަށް ސޮއިކުރި ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް އެވެ. ބިދޭސީ ގޯލްކީޕަރުން ދެން ފެންނާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި މާޒިޔާ، ޓީސީ، އީގަލްސް އަދި ޔުނައިޓެޑް ވިކްޓްރީ ހިމެނެއެވެ.