މާތް ރަސްކަލާންގެ އަށް ފުރައްސާރަކުރިއިރު ވެރިން އެއްޗެއް ނުބުނުމަކީ ޚިޔާނާތެއް – ރައްޔިތުންގެ އިއްތިހާދު

މާތް ރަސްކަލާންގެ އަށް ފުރައްސާރަކުރިއިރު ވެރިން އެއްޗެއް ނުބުނުމަކީ ޚިޔާނާތެއް – ރައްޔިތުންގެ އިއްތިހާދު

ގުޅުންހުރި

އެއްކައުވަންތަ ﷲއަށް ފުރައްސާރަކޮށް ބޭއަދަބީ ބަހުން ދީނަށް މަލާމާތްކުރިއިރުވެސް ﷲ ގަންދީ ހުވާކޮށްގެން ތިއްބެވި ޤައުމުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ ދީނަށް ވެވުނު ވަރަށްބޮޑު ޚިޔާނާތެއްކަމުގައި ރައްޔިތުންގެ އިއްތިހާދުން ބުނެފިއެވެ.

ރައްޔިތުންގެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ މަގެއް މަތީގައި މަސްތުވެގެން ހުރި ބޭރު މީހަކު، ޢާލަމްތަކުގެ ވެރި ހުސްޠާހިރުވަންތަ އިލާހަށް ފުރައްސާރައިގެ ކުފުރުގެ ބަސްތައް ރައްދުކޮށްފައިވާކަމީ އީމާންކަމުގެ ޒައްރެއްގެ މިންވަރު ހުރި އެއްވެސް މީހަކަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

"މިވަރުގެ ކަމެއް ހިނގައި ދިޔައިރު ދައުލަތުގެ ދީން ޙިމާޔަތް ކުރަން މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި އެއްވެސް ބަޔަކު ހަމަ އެކައްޗެކޭ ވެސް ނުބުނެ ތިބިތި ތިބުމަކީ މާތް ﷲ އާއި އެކަލާނގެ ދީނުގެ ޙައްޤުގައި ވެފައިވާ އެންމެ ނުބައި ދަރަޖައިގައި ހިމެނިގެންދާ ވަރުގެ ޚިޔާނާތެއް ކަމުގައި މެނުވީ ނުވާނެ. އަދި އެއީ ދިވެހިންގެ ޘަޤާފަތާއި އާދަކާދައަކަށް ވެސް ވެވޭ ބޭވަފާއެއް ކަމުގައި ރައްޔިތުންގެ އިއްތިޙާދުން ޞިފަ ކުރަން" ރައްޔިތުންގެ އިއްތިހާދުގެ ބަޔާނުގައި ވެއެވެ.

މުސްލިމުންގެ ޙައިޘިއްޔަތުންނާއި ދިވެހި ދައުލަތުގެ ޙައިޘިއްޔަތުންނާއި ސިޔާސީ ޕާޓީތަކުގެ ޙައިޘިއްޔަތުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ޙައިޘިއްޔަތުންނާއި އަދި އަމިއްލަ ފަރުދީ ޙައިޘިއްޔަތުން ވެސް މިކަމާ އިންކާރުކޮށް އަޑުއުފުލައި އެންމެ ހަރުކަށި ފިޔަވަޅުމަށް ބާރު އެޅުމަކީ މިވަގުތު އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ އެންމެ އިސް ދީނީ އަދި ޤަވްމީ ވާޖިބެއްކަމަށް ބަޔާނުގައި ވެއެވެ.

"ޤައުމުގައި މިހިނގާ ލާދީނީ ހުރިހާ ކަމެއްވެސް ގޮސް މި ނިމެނީ އެމް.ޑީ.އެން އާއި އެޖަމާޢަތުގެ ފިކުރުގެ މީހުންނާ މެދު ރާއްޖޭގެ މުއައްސަސާތަކުން ޤާނޫނީ ފިޔަވަޅު ނާޅައި ލަސްކުރަމުންދިޔަ އަދި ލަސްކުރަމުންދާ ލަސްކުރުމާއި. 10 ޑިސެންބަރ 2011 ގައި މަދު ބަޔަކު ހެދިގޮނޑުދޮށަށް އެއްވެ މާތް ﷲ އަށް ޝިރުކު ކުރުމަކީ ވެސް ޙައްޤެއް ކަމަށް ޞިފަކޮށް އެކަން ކުރުމުގެ ހުއްދައަށް އެދި ގޮވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެބައިމީހުންނާ މެދު ވެސް އެއްވެސް ދަޢުޘާއެއް އުފުލައި ފިޔަވަޅެއް އެއްވެސް ފަރާތަކުން އަޅާފައެއް ނުވޭ" މިޔަބާނުގައި ވެއެވެ.

މިބަޔާނުގައި ބުނެފައިވަނީ ކުފުރުގެ ރިޕޯޓު ލިޔުނު އެމް.ޑީ.އެން އާއި އެއަށް ތާޢީދުކޮށް އަދި ޒިނޭކުރުން ހުއްދަކުރަން އަޑުއުފުލާ އުތެމަގެ ތަޙްޤީޤު ފޯރާފައިވާ ހިސާބު ލިޔުމުން ހޯދުމަށް ޕީ.ޖީގެ ލަފާގެ މަތިން އެދި ރައްޔިތުންގެ އިއްތިޙާދުން ކުރި މަސައްކަތަށް ހުރަސް އެޅިގެން ދިޔަދިޔުން ވެސް މިކަމުގެ ޢަލާމާތަކަށް ފުދޭކަމަށް ބުނެފައިވެއެވެ.

މިބަޔާނުގައި ވަނީ މަސްތުގެ ހާލުގައި ހުރެ މާތް ﷲ އަށް ފުރައްސާރަކުރި ބިދޭސީ މީހާއާ މެދު ކަންކުރި ގޮތް ކުށްވެރިކޮށް ދިވެހި އެންމެހާ ރައްޔިތުން މިކަމާ މެދު ހޭވެރިވެ ތިބެ، ރާއްޖޭގެ މިނިވަންކަމާއި އަމަންއަމާން ކަމާއި އިސްތިޤްލާލު އެއާ ވަކި ނުކުރެވޭ މިންވަރަށް ގުޅިލާމެހިފައިވާ އިސްލާމް ދީނާއި ޤާނޫނީ ބާރު ކަނޑުވާލަން ހިންގޭ ކަންކަމާ ދެކޮޅަށް އައު ހިތްވަރަކާ އެކީ ތެދުވުމަށް ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *