"ނަފްރަތު ބިލު" ނަފްރަތު އުފައްދާ ބިލަކަށް ވެގެން ނުވާނެ!

"ނަފްރަތު ބިލު" ނަފްރަތު އުފައްދާ ބިލަކަށް ވެގެން ނުވާނެ!

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައަޅައްވާފައިވާ ބިލަކީ، އެތައް ގޮތަކުން ގިނަ ބައެއްގެ ޚިޔާލުތަފާތުވުން އެބިލަކާ ގުޅޭގޮތުން ދިވެހި މުޖުތަމައުގެ ތެރޭގައި އުފެދިގެން ގޮސްފައިވާ ބިލެކެވެ.

މިގޮތުން ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، މި ބިލާއި ގުޅޭގޮތުން ޚިޔާލު ފާޅުކުރަމުންދަނީ ހަމައެކަނި އިދިކޮޅު ސިޔާސީ ފަރާތްތަކުން ނޫންކަމެވެ. މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ދުވަހުން ފެށިގެން، މުޖުތަމަޢުގެ އެތައް ގިންތިއެއްގެ މީހުންނެއް ދަނީ، މި ބިލާ ގުޅޭގޮތުން ތަފާތު ޝުއޫރުތައް ފާޅު ކުރަމުންނެވެ.

މީގެތެރޭގައި، ދިނީ އިލްމުވެރިންގެ އިތުރުން، ކައުންސިލްތަކާއި، އަދި މިނޫނަސް ސިޔާސީ ދާއިރާއާއި ދުރުގައި މަސައްކަތްކުރާ އެތަކެއް ބަޔަކު ހިމެނޭ ގޮތުން މި ބިލާއި ގުޅޭގޮތުން ކަންބޮޑުވުންތައް ފާޅުކުރަމުން ދެއެވެ.

އަދި ހަމައެއާއެކު ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ، "ނަފްރަތުގެ" ބިލަކީ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލަކަށް ވެގެންދިޔަ ނަމަވެސް، ސަރުކާރު ހިންގާ ކޯލިޝަންގެ އެހެން ޕާޓީތަކުންވެސް ފާޅުގައި މި ބިލާ ދެކޮޅު ހަދާފައިވާ ކަމެވެ.

މީގެތެރޭގައި ހިމެނޭ، އަދާލަތު ޕާޓީން ބުނެފައިވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައެޅި އިޞްލާހުގެ ބިލަކީ އެއްވެސް ވަރަކަށް އަދާލަތު ޕާޓީއާއި މަޝްވަރާކުރެވިގެން ހުށައެޅި ބިލެއް ނޫންކަމަށެވެ. އަދި މި ބިލާއި ގުޅޭގޮތުން އަދަލަތު ޕާޓީގެ މަޝްވަރާ މަޖިލިހުންވަނީ ގަރާރެއްވެސް ނެރެފައެވެ.

މި ގަރާރުގައި ވާގޮތުން، “ނަފްރަތުގެ ޢަމަލު” ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު އެ ޕާޓީގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށް، ހައްލު ހޯދުމަށާއި އިސްލާމްދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތް ކުރުމާއެކު، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކަށް އެކަން ކުރަން އަދާލަތު ޕާޓިން ވަނީ އިޤްރާރު ވެފައެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން ވަނީ ނަފްރަތުގެ ބިލާ ދޮކޮޅަށް ގަރާރެއްވެސް ނެރެފަ

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމުހޫރީ ޕާޓީންވެސްވަނީ މި ބިލާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އަދި އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްވަނީ، މި ބިލަކީ ސަރުކާރުގެ ދެމިއޮތުމާވެސް ގުޅިފައިވާ ބިލެއްގެ ގޮތުގައި ސިފަކުރެވޭ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

 

ބިލުގައި ވަނީ ކީކޭ؟ ބިލު ހުށަހެޅުއްވި މެމްބަރު ވިދާޅުވަނީ ކީކޭ؟

ނަފްރަތު އުފެއްދުން ހުއްޓުވުމުގެ ނަމުގައި، މަޖިލީހަށް ހުށަޅާފައިވާ ބިލުގައި ވާގޮތުން، "އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުން ނުވަތަ، އިސްލާމީ އަގީދާއާއި ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފްރަތު އުފެއްދުން، ނުވަތަ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުން" މިއީވެސް ކުށެއްގެ ގޮތުގައި މި ބިލުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ، އަދި ވަކީން ޚާއްސަކޮށް، ދީނީ ގިނަ އިލްމުވެރިންގެ ކަންބޮޑުވުން މި ބިލާއި ގުޅޭގޮތުން އުފެދިފައިވާ މައްސަލައަކީ، ދީނަށް ފުރައްސާރަވުން އިންތިހާއަށް އިތުރުވަމުންދާ މުޖަތަމަޢެއްގައި، ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިމާޔަތް ލިދެވޭކަމަށް ބެލެވޭ މޭރުމަކުން ބިލް ފަރުމާ ކުރެވިފައި އޮތް އޮތުމެވެ.

އެހެންނަމަވެސް، ބިލް މަޖިލީހަށް ހުށަހެޅުއްވި މެމްބަރު ވިދާޅުވެފައިވަނީ، ނަފްރަތުގެ އަމަލް ބަޔާންކުރާ ބިލަކީ އިސްލާމީ ބިލެއްކަމުގައެވެ.

ބިލާމެދު ބަހުސްކުރަން ހުޅުވާލުމުގެ ކުރިން ވާހަކަދައްކަވަމުން ޙިސާން ވިދާޅުވީ، ބިލް ޑިޒައިން ކޮށްފައި ވަނީ ހަމައެކަނި ޑިމޮކްރެޓިކް ނިޒާމުތަކަކަށް ނޫން ކަމަށެވެ. އަދި ދީނީގޮތުން މިކަންކަން އޮތްގޮތް ވަރަށް ރަނަގަޅަށް ބަލައި ރަސޫލާގެ ހަދީޘް ފުޅުތަކާއި އެކަންކަމާމެދު އިމާމުން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރިއާޔަތްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މި ބިލް ސްޕޮންސާ ކުރަން ނިންމެވީ ކީއްވެގެންތޯ ގިނަބަޔަކު ސުވާލުކުރަމުން ގެނދާކަމަށާއި އޭނާއަށް ދަސްވެފައި އޮތީ އިންސާނާގެ ލެޔަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ކަމަށް ޙިސާން ވިދާޅުވިއެވެ. އެހެންކަމުން މީހަކު މަރަން ނުގޮވޭނެ ކަމަށާއި އަދި މީހަކު ނުރައްކަލަކަށް ހުށަހެޅިދާނެ އަމަލެއް ކުރެވިގެން ނުވާނެ ކަމަށްވެސް ޙިސާން ވިދާޅުވިއެވެ.

އެހެންނަމަވެސް، ބިލް މަޖިލީހަށް ހުށަހެޅުއްވި މެމްބަރު މިމޭރުމުން ވާހަކަ ދެއްކެވިނަމަވެސް، ބިލުގައި އޮތީ، މީހުންގެ ލޭ ހިތައް އެރިހާ ގޮތަކަށް ހުއްދަ ނުކުރެވޭ ވާހަކަ އެކަނި ނޫންކަންވެސް ފާހަގަ ކޮށްލެވެއެވެ. ބިލުން ބުނެދޭ ވާހަކަތައް އެއަށްވުރެ މާބޮޑަށްވެސް، ފުޅާވެފައި، ގިނަބައެއްގެ ކަރަށް މަހާލެވޭ މަޅިފައްޗެއްގައި ގޮތުގައި މި ބިލް ސިފަކުރެވި، އަދި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބިދޭވޭ ހިމާޔަތެއްގެ ގޮތުގައި ގިނަބަޔަކު މިބިލް ސިފަކުރެއެވެ.

މިގޮތުން، ދީނީގޮތުން އުފެދޭ ޚިޔާލުތަފާތުވުން އެއްކައިރީގަ ބާއްވާފަ، ދީނުގައި ނަހީ ކުރައްވާފައިވާ އެތައް ކަމަަކަށް އަރައިގަންނަމުންދާ މީހުންވެސް ދިރިއުޅެމުންދާ މުޖުތަމައެއްގައި، މިފަދަ މީހުންނާ ދިމާލަށް މީހަކު ބުނެލާ ބަހަކުން، ބުނާމީހާ ކުއްވެރިވެގެން ދިއުމުގެ ދޮރު އިންތިހާއަށް މިފަދަ ބިލަކުން ހުޅުވިގެން ދިއުމަކީ، ގަސްތުގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް، ނުވަތަ ދީނުގައި ނަހީކުރައްވާފައިވާ ކަންކަމަށް ފާޅުގައި އަރައިގަންނަ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިންހަމަ ޖެހުމަކަށް މިބިލް ވެގެންދާ ކަމަށް، މި ބިލާމެދު ހިންހަމަ ނުޖެހޭ އެތައްބަޔަކު ދަނީ ދެކެމުންނެވެ.

 

ނަފްރަތުގެ ބިލުން އުފެދެނީ ނަފްރަތު!

ގަބޫކުރަން ޖެހޭ ހަގީގަތަކީ، ދިވެހި މުޖުތަމަޢުގައި، ދީނީ ގޮތުން އާންމު މިންގަޑުތަކަށްވުރެ މަތިން ވިސްނާ ބަޔަކު އުޅެމުންދިޔަ ނަމަވެސް، ގިނަ ދިވެހިންނަކީ، އަދި ދިވެހި މުޖުތަމަޢަކީ، ދީނުގެ ހަމަތައް ގަބޫލުކުރާ، އަދި ދީނަށް ނުހަނު ލޯބިކުރާ ރައްޔިތަކުން ދިރިއުޅޭމުންދާ މުޖުތަމައެއް ކަމެވެ. އަދި މާޒީން ފެންނަން ހުރި ހަގީގަތްތަަށް ބަލާއިރު، އިސްލާމްދީނަށް ނަސްރު ނުލިބޭ އެއްވެސް ކަމަކީ ދިވެހިން ބަލައި ނުގަންނާނެ ކަންތައްތަކެއް ކަމީވެސް ކަށްވަރުވެ ޔަގީންވާ ކަމެކެވެ.

ފަހަރުގައި، މި ބިލުން ހާސިލްކުރަން ބޭނުންވާ މަގުސަދަކީ، ދީނުގެ ނަމުގައި އަމިއްލަ އަމިއްލައަށް މީހުންގެ ލޭހުއްދަ ކުރުން ހުއްޓުވުމާއި، އެއްވެސް އަސާސެއް ނެތްގޮތަށް މީހުން ދީނުން ބޭރުކުރުންފަދަ އެތައްކަމެއް ހުއްޓުމަކަށް ގެނައުން ކަމުގައިވި ނަމަވެސް، މި ބިލް މިވަގުތު ފަރުމާ ކުރެވިފައި އޮތް ގޮތުން، މެދުމިނުގެ އުސޫލުތައް ގަބޫލުކުރާ މީހާވެސް، ކަޑައެޅިގެން ދީނަށް ފުރައްސާރަ ކުރާ މީހަކާ ދިމާލަށް ބުނެލާ ބަހަކުން އޭނާ ކުއްވެރިވެގެންދާ ނަމަ، މި އިސްލާހުގައި މައްސަލަ ހުރިކަމަށް މިއަދު ހަގީގަތުގައިވެސް ގަބޫލުކުރަން ޖެހެއެވެ.

އަދި ކަމުގެ ހަގީގަތަކީ، ވެސް ދީން ދޫކޮށް، ކަލަގު ވޮޑިގެންވާކަން ފާޅުގައި ދޮގުކޮށް، ސެކިއުލާ ވިސްނުން ފެތުރުމަށް ދިވެހިންގެ ތެރެއިން ފާޅުގައި މިއަދުވެސް ބަޔަކު މަސައްކަތް ކުރަމުން ދާކަމެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ފާޅުގައި އިސްލާމް ދީނަށް ގޮންޖަހާ، އިސްލާމީ ޝަރީއަތް ނަފީކޮށް، ތިމަންނާއަކީ ސެކިއުލަރިސްޓެއްކަމުގައި ބުނަމުންދާ މީހުން ދުވަހަކުވެސް ދިވެހި މުޖުތަމަޢުގައި ބަލައި ނުގަންނާނެ ކަމެވެ. އެހެންނަމަވެސް، މިފަދަ މީހަަކާ ދިމާލަށްވެސް ބުނެވޭ ބަހަކުން، ބަސް ބުނާ މީހާގެ މައްޗަށް ޝަރުޢީ ހުކުމެއް އައުމުގެ މަގު ފަހިވެފައި އޮތުމަކީ މަސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އަދި އެއީ، އިސްލާމް ދީން ނަގަހައްޓާ، އެދީން ކުރިއަރުވަންޖެހޭ މުޖުތަމަޢެއްގައި ދީނީ އެއްބައިވަންތަކަން ގާއިމް ކުރެވޭނޭ އުސޫލެއް ނޫކަމަށްވެސް ގަބޫލުކުރަން ޖެހެއެވެ.

ދީނީ އިލްމުވެރިން ވަނީ ނަފްރަތުގެ ބިލް މިހާރު އޮތްގޮތާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފަ

އެހެންކަމަށް ވާނަމަ، މި ބިލުން އުފައްދާ ޚިޔާލުތަފާތު ވުމާއި، އަދި އުފެދިގެންދާ ނަފްރަތު އިންތިހާއަށް ބޮޑެވެ. ބިލުގެ ހަގީގީ މަގުސަދަކީ، ނަފްރަތުގެ އަމަލްތައް ފެތުރިގެން ދިއުން ހުއްޓުމަކަށް ގެނައުން ކަމުގައިވި ނަމަވެސް، ވަކި ބާވަތެއްގެ ނަފްތަރުގެ އަމަލްތައް މިބިލުން ގަދަ ބާރުން ހުއްޓުމަކަށް ގެނެވޭއިރު، އޭގެ އަނެއްކޮޅުން، މިބިލާއި ގުޅިގެން އުފެދިގެންދާ ނަފްރަތު ކުޑަކަމުގައި ދެންނެވޭކަމަށް ނެތެވެ.

ތެދުފުޅެކެވެ. ދީނަށް ފުރައްސާރަ ކުރުމަކީ، މިހާރުވެސް ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކުން މަނާކުރެވިފައި އޮތް ކަމެކެވެ. އެހެންނަމަވެސް، މި ދެންނެވުނު ގާނޫނުވެސް އެކަށިގެންވާ ގޮތުގައި ތަންފީޒު ކުރެވުމުން ނުދާއިރު، ނަފްރަތުގެ ބިލަކީ، މިފަދަ ހުރިހާ ހަރާތަކަށްވެސް ލިބިދެވޭ ހިތްވަރެއްގެ ގޮތުގައި ސިފަކުރެވެމުންދާ ދިއުމާއެކު، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަކާ ނުލާ މިބިލް ވުޖޫދު ކޮށްފިނަމަ، މި ބިލުގެ ޒަރީއާއިން އުފެދިގެންދާ ނަފްރަތުގެ އަލިފާންގަޑު ކުޑަވެދާނެ ކަމަކަށް ނުބެލެއެވެ.

ނަފްރަތުގެ ބިލުން ނަފްރަތު އިތުރަށް ބޮޑުވެ، މިފަ ބިލެއް، ފިތުނަވެރިކަމާއި، ރުޅިވެރިކަމުގެ އަސްލަކަށް ވެގެން ދިއުމަކީ އެއްވެސް ބަޔެއްގެ އެދުމަކަށް ވެގެން ނުދާނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *