އެޕޯލޯއިން ހުޅުމާލޭގައި އަޅާ 1000 ފްލެޓްގެ މަސައްކަތް ފަށައިފި

އެޕޯލޯއިން ހުޅުމާލޭގައި އަޅާ 1000 ފްލެޓްގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
15 ޖޫން 2021 07:49
0

ދިވެހި ކުންފުންޏަކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ހައުސިންގ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައި، ފްލެޓްތަކުގެ އަގުތައް ޢާންމުކޮށްފިއެވެ.

އެޕޯލޯ ހޯލްޑިން އާއި ހަވާލުކޮށްގެން ހުޅުމާލޭގައި ޢިމާރާތްކުރާ 1000 ހައުސިން ޔުނިޓްތަކުގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިން އަދި މިޑް ރޭންޖުގެ ހައުސިން ޔުނިޓްތަކެވެ. ޖުމްލަ 9 ޓަވަރު ހިމެނޭ މި މަޝްރޫޢުގެ ދަށުންފުރަތަމަ ޓަވަރުގެ ޢަމަލީ މަސައްކަތުގެ ތެރެއިން 20 އިންސައްތަ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިމޭނެކަމަށްސަރުކާރުން ލަފާކުރެއެވެ.

މި މަޝްރޫޢު އިފްތިތާހުކުރުމަށް ބޭއްވިރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ މީގެކުރިން ޢަމަލުކުރެވެމުން އައި އުސޫލުގެ ދަށުން އެންމެ ފަގީރު މީހާއަށްވެސް އަދި އެންމެ މުއްސަނދި މީހާއަށްވެސް ގެދޮރުވެރިކުރުމުގައި ބެލިފައި އޮތީ އެއްއަގެއްކަމަށެވެ. އެއީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ވިދާޅުވެ މިނިސްޓަރ އަސްލަމް ވިދާޅުވީ މިސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުތަކުގެ އަގުތަށް ކަނޑައަޅާނީ ރައްޔިތުންގެ ޢާމްދަނީއަށް ރިޢާޔަތްކޮށްގެންކަމަށެވެ.

މިސަރުކާރުން ޢިއުލާންކޮށްފައިވާ 5000 ހައުސިންގ ޔުނިޓުގެ ތެރެއިން 1000 ޔުނިޓުގެ މަސައްކަތް އެޕޯލޯ ކުންފުންޏާ ޙަވާލުކޮށްގެން ޢަމަލީ މަސައްކަތް މިހާރުވަނީ ފަށަފައެވެ. ބާކީ 4000 ހައުސިންގ ޔުނިޓުގެ ތަރައްޤީކުރުމަށް ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައިވީނަމަވެސް ކޯވިޑްގެ ސަބަބުން މަޝްރޫޢަށް ބޭނުންވާ ބަޖެޓު ހަމަޖެހުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

މިމަޝްރޫޢޫގެ އިތުރުންވެސް ގެދޮރު ބިނާކުރުމުގެ 5 މަޝްރޫޢެއްގެ މަސައްކަތް ހުޅުމާލޭގައި އަންނަނީ ކުރަމުންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ،  ސިޓީ ކައުންސިލް މެދުވެރިކޮށް ކުއްޔަށް ދޫކުރެވޭ ކައުންސިލް ހައުސިންގެ ދަށުން ދެ ކޮޓަރީގެ 60 ޔުނިޓާއި ތިން ކޮޓަރީގެ 60 ޔުނިޓު ދޫކުރެވޭނެކަމަށެވެ. އަދި ވަކި ވަރަކަށްވުރެ އާމްދަނީ މަދުން ލިބޭ އާއިލާތަކަށް އަމާޒުކޮށްގެން ކުއްޔަށްދޭ ދެ ކޮޓަރީގެ ޔުނިޓަކަށް މަހަކު 5،500 ރުފިޔާ ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ ޔުނިޓެއްގެ ކުއްޔަކީ 7،000 ރުފިޔާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.