ހިޔާ ފަލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އަންނަ މަހު 14ގައި

ހިޔާ ފަލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އަންނަ މަހު 14ގައި

Author
މުޙައްމަދު ޖިމީ
15 ޖޫން 2021 07:34
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީންގެ ސަރުކާރުން ޢިމާރާތްކުރި ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަމަހުގެ 14 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ނިންމާ އެކަން އިއުލާންކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޖުލައި 14 އިން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެތަންތަނުގެ އެގްރިމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. މަބްރޫކް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ހިޔާ ފްލެޓް ލިބުނު ހުރިހާ މީހުންގެ ގުރުއަތު ނެގުން ނިންމާނެކަމަށެވެ. އަދި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެއްބަސްވުމާއި ފްލެޓްތަކަށް އަގު ދެއްކުމާ ގުޅޭ ސްކީމްތައްވެސް އާއްމުކުރާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ފައިނަލް ލިސްޓް އެކުލަވާލައި ގުރުއަތު ނެގުމުގެ މަސައްކަތް ފަށާފައިވަނީ އޭޕްރިލްމަހުގެ ތެރޭގައެވެ. ހިޔާ މަޝްރޫޢުގައި ހިމެނޭ 6720 ހައުސިން ޔުނިޓްގެ ތެރެއިން މިހާތަނަށް ގުރުއަތު ނެގުން ނިމިފައިވަނީ 5603 ހައުސިން ޔުނިޓްގައެވެ. ލިސްޓުގައި ބާކީ ހިމެނޭ 1117 މީހުންގެ ނަންވެސް މިހާރު ހައުސިން މިނިސްޓްރީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއަށް ވަނީ ފޮނުވާފައެވެ.

އަގު އަދާކުރުމުގައި ޑައުންޕޭމަންޓާ ނުލާ ފްލެޓަށް ވަދެވޭނެ ސްކީމެއްވެސް ހިމެނެއެވެ. ހިޔާ ފްލެޓްގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 7500 ރުފިޔާއެވެ. އަދި މެނޭޖްމަންޓް ފީގެ ގޮތުގައި 1000 ރުފިޔާ ނަގާނެއެވެ. މި ސްކީމްތަކުގައި ފްލެޓަށް އަގު ދެއްކުމަށް 25 އަހަރަށް ބަހާލެވެއެވެ.

މަބްރޫކް ވިދާޅުވީ ހިޔާ ޔުނިޓްތަކަށް ކަރަންޓު ގުޅުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާކަމަށެވެ. 13 ޓަވަރުގެ ތެރެއިން 9 ޓަވަރުގެ ކަރަންޓުގެ މެއިން ޕެނަލްތައް ވަނީ ހަރުކޮށްފައެވެ. އަދި ފްލެޓްތަކުގައި ކަރަންޓު މީޓަރު ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީހުން ބަދަލުވުމުގެ ކުރިން ފްލެޓްތަކުގައި ހުންނަންޖެހޭ އާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންވަނީ ފަށާފައެވެ.

ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކުރަނީ ވިޔަފާރިތަކާއި އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށެވެ. މިއީ ހިޔާ މަޝްރޫޢުއިން އުނިކުރި 280 ޔުނިޓް ސަރަޙައްދުގައި ހަދާ ތަންތަނެވެ. މީގެތެރޭގައި ކުދި ފިހާރަތަކާއި، ސުޕަރ މާކެޓާއި، ބޯކޮށާ ތަންތަނާއި، ބުކްޝޮޕާއި، ބޭސްފިހާރައާއި، ކްލިނިކާއި، ކެފޭ ރެސްޓޯރަންޓްފަދަ ޚިދުމަތްތަކަށް ޖާގަވަނީ ކަނޑައަޅާފައެވެ.

ހިޔާ މަޝްރޫޢަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ. ހިޔާގެ 6720 ހައުސިންގ ޔުނިޓަށް 25000އަށްވުރެ ބޮޑު އާބާދީއެއް ބަދަލުވާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.