ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތަށް ބަދަލ ގެނެސްފިއެވެ. އެގޮތުން ކާފިއު ގަޑީގެގޮތުގައި މިހާރު ކަނޑައަޅާފައިވަނީ ހަވީރު 4 އިން ފަތިހު 4އަށެވެ. ކުރިން ކާފިއު ގަޑީގެ ގޮތުގައި އަމަލުކުރީ ހަވީރު 4އިން ހެނދުނު 8އަށެވެ.
ރައީސުލްޖުމްހޫރިްޔާގެ އޮފީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ގެނައި ބަދަލާއެކު ފަތިހު 4 އިން ހެންދުނު 8އަށް ބޭރަށް ނިކުމެވޭނީ އެކަނި ކަސްރަތުކުރާ މީހުންނަށްކަމަށެވެ. އަދި މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުޞަތު އަދި ދެވެންނެތްނަމަވެސް މިސްކިތަށް އެކަނިގޮސް މިހާރު ނަމާދުކުރޭވެނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ލޫންތަކާއި ބޯކޮށާ ތަންތަން އަލުން ހުޅުވާލުމަށްޓަކައި ގައިޑްލައިނަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން ނިންމާފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އެފަދަ ތަންތަން އާއްމުކޮށް ހުޅުވައިގެން ޚިދުމަތްދެވޭނީ އެއްފަހަރާ ކަސްޓަމަރުން ވައްދައިގެން ޚިދުމަތް ދިނުމުގެ ބަދަލުގައި ވަކިވަކިން އެޕޮއިންޓްމަންޓް އުޞޫލުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ސެލޫންތަކާއި ބޯކޮށާ ތަންތަން ހުޅުވަން ހުއްދަދިނުމުގެ ކުރިން އެތަންތަނުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބަލާ އިންސްޕެކްޓްކުރާނެކަންވެސް ޑޮކްޓަރ ފާހަގަކުރެއްވިއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނައި ބަދަލުތަކާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ފުޅާކޮށް، ސަރވައިލަންސްގެ ކަންކަން އިތުރަށް ވަރުގަދަކުރުމަށް މާލޭ ސަރަހައްދުގައި ރެންޑަމް ސާމްޕަލް ނެގުމުގެ ކަންކަން އަލުން ފަށާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތާނގައި އަމާޒަކީ ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ ޓްރޭސިންގެ %80، 24 ގަޑިއިރުގެ ތެރޭގައި ނިންމުންކަމަށާއި، 48 ގަޑިއިރުގެ ތެރޭގައި ހުރިހާ ކޭސްތަކެއްގެ ޓްރޭސިންގ ނިންމުންކަމަށް ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މިހާރު އަޅާފައިހުރި ފިޔަވަޅުތަކަށް މާބޮޑު ލުޔެއް ނުދީ ބައެއް ކަންކަމަށް ލުއި ދިންނަމަވެސް، ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތަކުން އަދިވެސް އަމަލުކުރަންޖެހޭނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ހެނދުނު 8:00އިން ހަވީރު 4:00އަށް ފިހާރަތަކާއި ކެފޭތަކަށް ގޮސް ވިޔަފާރިއާއި ޓޭކް އަވޭގެ ޚިދުމަތް ހޯދިޔަސް، ހަވީރު 4:00އިން ފެށިގެން އެތަންތަނުން ހަމައެކަނި ފޯރުކޮށްދެވޭނީ ޑެލިވަރީގެ ޚިދުމަތެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކަށް މާލޭ ސިޓީ ކައުންސިލުގައި އެދުމުން ހުއްދަދޫކުރާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައ ކޯވީޑްގެ ކޭސްތައް ގިނަވެސް ހަރުކަށި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަމަހުގެ 26ގައެވެ. ނަމަވެސް މިހާރު ވަނީ ކޯވިޑްގެ ކޭސްތައް ދަށްވާން ފަށާފައެވެ. އަދި އިތުރު ލުއިތަށް ދެވޭނީ ކުރިއަށް އޮތް ދެހަފްތާ ފަހުންކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ