ރާއްޖޭގާއި ކޯވިޑް-19ގެ 6 ވޭރިއެންޓެއް ފެތުރެމުންދާކަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މިއަދު ހާމަކޮށްފިއެވެ.
އެޗްއީއޯސީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ރާއްޖޭގައި ކޯވިޑްގެ 6 ވޭރިއެންޓެއް އުޅޭކަމަށާއި، އޭގެތެރެއިން އެންމެބޮޑަށް ފެތުރިގެން ދިޔައީ އިންޑިއާ ވޭރިއަންޓާއި ޔޫކޭ ވޭރިއެންޓުކަމަށެވެ.
ކޯވިޑް-19ގެ ވައިރަހުގެ ތަފާތު ވައްތަރުތައް ދެނެގަތުމަށް ރާއްޖެއިންވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާ ގުޅިގެން ސީކުއެންސް ސާމްޕްލިންގއަށް 3 ބެޗެއް ފޮނުވާފައެވެ. ޑރ.ނަޒްލާ ވިދާޅުވީ ރާއްޖެއިން ފޮނުވި ސާމްޕަލްތަކުން ހެދި ޓެސްޓުތަކުގެ ނަތީޖާ މިހާރު ލިބިފައިވާއިވާކަމަށާއި، އިނގިރޭސި ވިލާތުގެ ވޭރިއަންޓާއި އިންޑިއާގެ ވޭރިއަންޓު ރާއްޖެއިން ފޮނުވި ސާމްޕަލްތަކުން ފެނިފައިވާކަމަށެވެ.ެ މީގެ އިތުރުން އިތުރު 4 ވައްތަރެއް ފެނިފައިވާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ އިތުރަސް ފޮނުވާ ސާމްޕަލްތައް ފޮނުވުމުގައި ކޮންމެ ބެޗެއްގައި ފޮނުވޭ ސާމްޕަލްތަކުގެ ޢަދަދު އިތުރުކުރަން.
– ޑރ.ނަޒްލާ ރަފީޤު
އެންމެ ގިނަ ޢަދަދަކަށް ފެނިފައިވާ އެއް ވޭރިއެންޓަކީ ސާމްޕަލްތަކުގެ %27 އާއެކު އިންޑިއާ ވޭރިއަންޓް ނުވަތަ ޑެލްޓަރ ވޭރިއެންޓެވެ. ދިވެހިންނާއި ބޭރު މީހުންގެ ފަރާތުންވެސް މިވޭރިއެންޓް ރާއްޖެއިން ފެނިފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ސާމްޕަލްގެ %20 އާއެކު ޔޫކޭގެ އަލްފާ ވޭރިއެންޓްވެސް ރާއްޖެއިންވަނީ ފެނިފައެވެ. މީގެކުރިން ރާއްޖެއިން ޢާއްމުކޮށް ފެނިފައިވާ ޖީ ވޭރިއެންޓް މިފަހަރުގެ ސާމްޕަލްގެ ތެރެއިން %13 ވަނީ ފެނިފައެވެ. މީގެއިތުރުންވެސް ރާއްޖެއިން އިތުރު ވޭރިއެންޓްތައްވަނީ ފެނިފައެވެ. އެހެންކަމުން ރާއްޖެއަށް ދަތުރުކުރުމުގައާއި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައިވެސް ސަމާލުވުމަށް ޑރ.ނަޒްލާވަނީ އިލްތިމާސްކުރައްވާފައެވެ.
ދުނިޔޭގައ ހަލުވިކަމާއެކު ފެތުރޭ ކޯވިޑް-19ގެ ވޭރިއަންޓްގެ ތެރެއިން އިންޑިއާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހޭ މީހުން ބޮޑަށް ބަލިވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ބޮލުގައި ރިއްސުމާއި ރޯގާގެ އަލާމާތްތައްވެސް އެވޭރިއަންޓް ޖެހޭ މީހުންގެ ކިބައިން ފެންނަކަމަށް ޑޮކްޓަރުން ފާހަގަކުރައްވައެވެ.
ކޮމެންޓު ފޮނުވާ