ކޮންމެ ސަރުކާރަކުންވެސް ވެރިކަމަށް އަންނަނީ ވެރިކަމުގެ ދައުރުގައި ގައުމުގައި ތަންފީޒުކުރާނޭ މެނިފެސްޓޯއެއް ވިއްކައިގެންނެވެ. ކުރިޔަށް ގެންދާނޭ ތަރައްގީގެ މަޝަރޫޢުތައް ފޮތެއްގައި ލިޔެ، ވައުދުތަކެއްގެ ގޮތުގައި ރައްޔިތުންނަށް ވިއްކައިގެންނެވެ. އަދި އެ ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށް ގެންދާނޭ ގޮތުގެ ޕްލޭންތައްވެސް ކުރައްސަވާ، އެ ތަފްސީލްތައްވެސް ރައްތިޔުންނަށް ހުށަހަޅާ ރައްޔިތުންގެ ތާއީދު ހޯއްދަވައިގެންނެވެ.
އެހެންނަމަވެސް، ފާއިތުވެދިޔަ ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އައުމާއި ހަމައިން އިވެންފަށާ ލަވަތަކެއް އެބަހުއްޓެވެ. ކުރާ އެއް ޝަކުވާތަކެއް އެބަހުއްޓެވެ.
އެއީ އޭރެއްގެ އޮންނަ އިދިކޮޅު ފަރާތްތަކުން ކުރާ ޝަކުވާއެކެވެ. ކިޔާ ލަވައެކެވެ. ގައުމު އަޅުވެތިވާ ކަމުގެ ޝަކުވާއެވެ. ހަރު މުދާ ވިއްކާމުންދާ ކަމުގެ ޝަކުވާއެވެ. ގައުމު ދަރަނިވެރި ވާކަމުގެ ޝަކުވާއެވެ. ދަރީންގެ ދަރީންނަށް ދާންދެން ގައުމު ދަރަނިވެރި ވާކަމުގެ ޝަކުވާއެވެ. ސިއްރުން ޑީލް ހަދާކަމުގެ ޝަކުވާއެވެ. އެހެން ސަރުކާރެއްގެ ހިޔަނީގައި ވެރިކަން ހިމާޔަތް ކުރާކަމުގެ ޝަކުވާއެވެ.
ރައީސް ނަޝީދުގެ ދައުރުގައި ޖީއެމްއާރުން ހުޅުލޭއެއަރޕޯޓު ތަރައްގީކުރަން ރާއްޖެއައުމުން އިވުނީ ހަމަ އެއް ޝަކުވާއެކެވެ. ރައީސް ޔާމިންގ ދައުރުގައި ފާފު އަތޮޅު ތަރައްގީކުރަން ޕްލޭން ހެދުމުންވެސް އިވުނީ ހަމަ އެއް ޝަކުވާއެކެވެ. މިސަރުކާރުން އުތުރު ތިލަފަޅު ތަރައްގީކުރަން ފެށުމުންވެސް އިވުނީ ހަމަ އެއް ޝަކުވާއެކެވެ. ގައުމު ވިއްކާލާ ކަމުގެ ޝަކުވާއެވެ.
ތަފާތަކަށް ފެންނާން އޮތީ ހަމަ އެއްމެ ކަމެކެވެ. މިހުރިހާ ތުހުމަތަކާއި ކުރާ ޝަކުވާއަކީ، އޭރަކު އޮންނަ އިދިކޮޅަކުން ކުރާ ޝަކުވާތަކަކަށް ވާކަމެވެ. ބަދަލުވަނީ އިދިކޮޅުގައި ތިބޭ މީހުންނެވެ.
ފެންނާން އޮތް ހަގީގަތަކީ، ހަގީގީ ހާލަތާމެދު ވިސްނާމީހަކު ރައްޔިންގެ ތެރޭގައި ނެތްކަމެވެ.

އޭރު ޗައިނާ، މިއަދު އިންޑިއާ
ރައީސް ޔާމިން ރައީސްކަމަށް ވަޑައިގެންނެވުމާއެކު، އެ ސަރުކާރުގެ އެންމެ ބޮޑު މިތުރަކަށްވީ، ޗައިނާއެވެ. ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެސަރުކާރުން ކުރިޔަށް ގެންދެވީ ޗައިނާގެ އެހީތެރިކަމާއެކުއެވެ.
ބުރިޖުގެ މަޝްރުއުން ފެށިގެން، ހުޅުމާލެއާއި ހުޅެއާއި ގުޅުވައިދޭ ލިންކު ރޯޑާއި، ހުޅުމާލޭގެ ދެވަނަ ފޭހުގެ މަގުތަކުގައި ތާރަ އެޅުމާއި، އެސަރުކާރުން ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ އިތުރުން އެތައް އެތައް ޕްރޮޖެޓެކެވެ. އަދި އެވަރުންވެސް ފުދުނީއެއް ނޫނެނެވެ.
އޭރުގެ ސަރުކާރުން ވަނީ، ޗައިނާގެ އެކްޒިމް ބޭންކުން ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް ސޮވެރިންގ ގެރެންޓީވެސް ދީފައެވެ. ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގައި އެ ސަރުކާރުން ދިޔައީ އިންތިހާއަށް ޗައިނާއަށް ބަރޯސާ ވަމުންނެވެ.
މިހުރިހާ ތަރައްގީއަކާއި، ލޯނުތައް އޭރުގެ އިދިކޮޅު ފަރާތްތަކުން ސިފަކުރަމުން ދިޔައީ ގައުމު ޗައިނާއަށް ވިއްކާލުމަށް އޭރުގެ ސަރުކާރުން ހަދަމުން ދިޔަ ޑީލްތަކެއްގެ ގޮތުގައެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކައަކީ، ދަރީންގެ ދަރީންނަށް ދަންދެން އެ ސަރުކާރުން ގައުމު ދަރަނިވެރި ކުރާކަމުގެ ވާހަކަތަކެވެ.
ހަމަ އެއާއެކު، ދެން މަޖިލީހަށް އައީ، އެ ސަރުކާރުން ޗައިނާ ސަރުކާރާއެކު ހެދުމަށް މަސައްކަތްކުރި ފްރީ ޓްރޭޑް އެގްރިމަންޓެވެ. އެ ސަރުކާރުން ދެކުނީ މި އެގްރީމަންޓަކީ، ރާއްޖޭގެ މުދާ ބޭރުގެ މާރކެޓްތަކަށް ރަގަޅު އަގުގައި ވިއްކާ، އަދި ރާއްޖެއަށް ޗައިނާގެ ވިޔަފާރީގެ އެތަކެއް ނަފާވެރިކަމެއް ގެނުވާނެ އެއްބަސް ވުމެއްގެ ގޮތުގައެވެ.
އެހެންނަމަވެސް، އޭރުގެ އިދިކޮޅު ފަރާތްތަކުން ދެކުނީ، އެއީ ވިޔަފާރީގެ ގޮތުން ރާއްޖެ އަޅުވެރި ވުމުގެ ފެށުމެއްގެ ގޮތުގައެވެ. ވޯރާ ވިޔަފާރަވެރިން އަބުރާ ރާއްޖެއަށް އަންނަ އައުމެއްގެ ގޮތުގައެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން އައިޝަކުވާތަކާއި، ރައްޔިތުންނަށް ވިސްނާ ދެމުންއައި ކަންކަމުގެ ތަނީޖާ އިދިކޮޅު ފަރާތްތަކަށް ވަރަށްވެސް ފޮންޏެވެ.
ރައްޔިތުންގެ ވޯޓުން ސަރުކާރު ބަދަލު ވީއެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އާދެވި، އޭރުގެ ސަރުކާރުން މިއަދު އިދިކޮޅުގައި ކުޅެން ޖެހުނީއެވެ.
މިއަދުގެ އިދިކޮޅުގެ ފަރާތްތަކުގެ ޝަކުވާއަކީ، މިސަރުކާރުން އިންޑިއާއިން ލޯނު ނަގައިގެން ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަމުން އަންނަކަމުގެ ޝަކުވާއެވެ. އުތުރު ތިލަފަޅު އެއްބަސްވުމުން ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ކަމުގެ ވާހަކަތަކެވެ. އިންޑިއާގެ ހެލިކޮޕްޓަރު ރާއްޖޭގައި އޮތުމުން ދިވެހިން އަޅުވެތި ވާކަމުގެ ވާހަކައެވެ. އައްޑޫގައި ކޮންސިއުލޭޓޭއް ގާއިމު ކުރުމުންވެސް ދިވެހިރާއްޖެ އަޅުވެތި ވާނޭކަމުގެ ވާހަކައެވެ. އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީއަކީވެސް، އިންޑިއާ ސަރުކާރުގެ ނުފޫޒާއި ހަން ފެތުރުމަށް ހިންގާ ޕްރޮޖެކްޓެއްގައި ކަމުގައި މިއަދުގެ އިދިކޮޅު ފަރާތްތަކުން ދެކެއެވެ.
ތަފާތު ވާހަކައެއް ތަފާތު އަޑެއް ނީވެއެވެ. އެއް ޝަކުވާއެކެވެ. އެއް ލަވައެކެވެ.
ކަމުގެ ހަގީގަތަކީ ކޮބައިތޯ؟
ރައީސް ޔާމިންގެ ދައުރުގައި، ފާފު އަތޮޅުގައި ހިންގަން މަސައްކަތް ކުރި، ބިޔަ ބޮޑު މަޝްރޫއަކީ، ގައުމު އަޅުވެތި ކުރުމަށް ހިންގާ މަޝްރޫއެއް ކަމުގައި އޭރު ޝަކުވާކުރަން ތިބީ، ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް ދިވެހިރާއްޖޭގައި އޮތް ހަމައެކަނި ބައިނަލް އަގުވާމީ އެއަރޕޯޓު ދިގުމުއްދަތަކަށް ކުއްޔަށް ދިންފަރާތްތަކެވެ. ޖީއެމްއަރަށް އެއަރޕޯޓު ކުއްޔަށް ދީގެން ގައުމު އަޅުވެތި ނުވާނެ ކަމަށް ދެނުކު ފަރާތްތަކަށް، ރައީސް ޔާމިންގެ ދައުރުގައި، ބޭރުގެ ދައުލަތްތަކާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަރައްގީގެ މަޝްރޫޢުތައް ފެނުނީ ދިވެހި ދައުލަތް އަޅުވެތި ކުރުވާނެ މަޝްރޫޢުތަކެއްގެ ގޮތުގައެވެ.
ފާފު އަތުޅުގައި، ސައުދީ ސަރުކާރަށް 99 އަހަރަށް ދީގެން ހިންގަން އޭރު މަސައްކަތްކުރި މަޝްރޫއަށް ރުހުން ދިން ފަރާތްތަކަށް އޭރު ގައުމު އަޅުވެތިވާތަނެއް އެއްގޮތަކުންވެސް ނުފެނުނެވެ. އެހެންނަމަވެސް، އިންޑިއާ ސަރުކާރުން އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ހަދަން ވީ އެއްބަސްވުމުން މިއަދު ގައުމު އަޅުވެތިވާ މަންޒަރު އެފަރާތަކަށް ވަރަށް ރަގަޅަށް އެބަ ފެނެއެވެ.
އައްޑޫގައި ހަދާ ޕޮލިސް އެކަޑަމީގެ އަމަލީ މަސައްކަތް ފެށިގެންއައީ ރައީސް ޔާމިންގެ ވެރިކަމުގައެވެ. އޭރު އެމަސައްކަތަށް ފާޑުކިޔަން ބޭނުން ނުވި ސިޔާސީ އެތައް ބަޔަކަށް، މިއަދު އެ މަޝްރޫޢުން ގައުމު އަޅުވެތި ވަމުންދާތަން އެބަ ފެނެއެވެ.
އޭރުގެ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކުން ގައުމުގެ ދަރަނިވެރި ވާތަން އޭރުގެ ސަރުކާރުގައި ތިއްބަވައިގެން ފެނިވަޑައި ނުގަތް ސިޔާސީ އެތައް ބަޔަކަށް، މިސަރުކާރުން އިންޑިއާއިން ލޯނު ނަގައިގެން ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔައީމާ، ގައުމު ދަރަނިވެރި ވާތަން އެބަފެނެއެވެ.

އެސަރުކާރުން ޗައިނާއިން ލޯނު ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމުން ފާޑު ކީފަރާތަކަށް، މިއަދު އިންޑިއާއިން ލޯނު ނަގައިގެން ތަރައްގީގެ މަޝްރޫޢުތައް ހިންގުން ރަގަޅު ވެއްޖެއެވެ.
އޭރުވެސް މިހާރުވެސް ސިޔާސީ މީހުން ގޮވަމުންދަނީ އެއް ގޮވެލި ފައްޗެކެވެ. ރައްޔިތުން މިތިބީ، މިވާއެއްޗެއް އަދި ނޭގުނަސް، އެބަޔަކު ތާއީދުކުރާ ފަރާތްތަކުން ގޮވާ މި ގޮވެލި ފަތި، އަޑުއަހާ އެއަށް އަތް ޖަހާށެވެ.
ހޭލާންވީ ރައްޔިތު މީހާ
ހަގީގީ މައްސަލައަކީ، ސިޔާސީ މީހުން ޖަހާހާ ބެރަކަށް ރައްޔިތު މީހާ ނަށާ މައްސަލައެވެ. ހަގީގީ މައްސަލައަކީ، ގައުމު އަޅުވެތި ވުމެއް ނޫނެވެ. ހަގީގީ މައްސަލައަކީ، ސިޔާސީ ލީޑަރުންގެ އަޅުވެތިކަމުގެ ދަށަށް ރައްޔިތު މީހާ ދިއުމެވެ. ހަގީގީ މައްސަލައަކީ ސިޔާސީ ވެރިން އެމީހުންގެ މުށުތެރެއަށް ބާރުތައް ޖަމާ ކުރުމަށް ކިޔަމުންދާ ލަވަތަކަށް ރައްޔިތު މީހާ ނަށާ ނެށުމެވެ.
އެހެން ނޫންކަމަށް ވާނަމަ، އޭރުގެ ސަރުކާރުން އިންޑިއާގެ ހެލިކޮޕްޓަރ ރާއްޖޭގައި އޮޕަރޭޓް ކޮށްގެން ރާއްޖެ އަޅުވެތި ނުވެފައި، އެ ހެލިކޮޕްޓަރ މިއަދު ރާއްޖޭގައި ބޭނުން ކުރުމުން އަޅުވެތިވެގެން ނުވާނެއެވެ. އޭރުގެ ސަރުކާރުން ރާއްޖޭގެ އަތޮޅެއް ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ދޭން ނިންމީމާ، ރާއްޖެ އަޅުވެތިވާތަން ފެންނާންނެތި، މިއަދު އުތުރު ތިލަފަޅު ތަރައްގީ ކޮށްގެން، ހަމަ އެފަރާތްތަކަށް ރާއްޖެ އަޅުވެތި ވާމަންޒަރު ފެނުނީމާ، މިއީ އިތުރަށް ސާފުވާން ޖެހޭ މައްސަލައަކަށް ނުވެ ނުދާނެއެވެ.
އާދޭހެވެ. ފެންނާން ހުރީ ހުސް ގުދޯ ގުދޯ ގޮވަމުންދާ މަންޒަރެވެ. ގައުމަށްޓަކާ ހެޔޮއެދިގެން ކުރާ ޝަކުވާއެއް ފެންނާކަށް ނެތެވެ. މިކަން އާންމު ރައްޔިތު މީހާއަށް ވަޒަން ކުރެވޭނީ ކޮންއިރަކުން ބާވައެވެ. ރައްޔިތު މީހާއަށް މިހަގީގަތް ވަޒަން ކުރެވިގެން މެނުވީ ގައުމަށް ހިންދެމިލެވޭނެ ދުވަހެއް ނާންނާނޭކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ