ކުށް ކުރާ ކުޑަކުދިންގެ ޒާތީ މަޢުލުމާތު ރިޕޯޓް ނުކުރެވޭނެހެން އުސޫލު އެކުލަވާލައިފި

ކުށް ކުރާ ކުޑަކުދިންގެ ޒާތީ މަޢުލުމާތު ރިޕޯޓް ނުކުރެވޭނެހެން އުސޫލު އެކުލަވާލައިފި

Author
ޢަލީ އާދަމް
15 ޖޫން 2021 12:01
0

ކުށްކުރާ ކުޑަކުދިންގެ ޒާތީ މަޢުލުމާތު މީޑިއާގެ އެއްވެސް ޕްލެޓްފޯމެއްގައި ރިޕޯޓް ނުކުރެވޭގޮތް ގޮތުގެ އުޞޫލެއް މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލަވާލައިފި އެވެ.

އެމްއެމްސީން އެކުލަވާލާފައިވާ މި އުޞޫލަކީ ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިއު ކުރުމުގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން އެކުލަވާލި އުޞޫލެކެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައިވާގޮތުން ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެންމެހާ މަރުހަލާއެއް ކަޑައްތުކޮށް މުޖުތަމައަށް ހެޔޮގޮތުގައި ކުއްޖާގެ އެނބުރި ރުޖޫއަވުމާއި ހަމައަށް ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަނާކަމެކެވެ. ކުށެއްކުރާ ކުއްޖާއާ ގުޅުންހުރި އެހެން ފަރާތަކާއި ގުޅޭ މައުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ އެއްވެސް މައުލޫމާތެއް އާއްމުކޮށްގެން ނުވާނެ ކަމަށް ވެސް އެމްއެމްސީން އެކުލަވާލި އުސޫލުގައި ބުނެއެވެ. މި އުޞޫލްގައި ވާގޮތުން ކުޑަކުއްޖާއަކީ ކާކުކަން ދޭހަވެދާނެ ޒާތީ މަޢުލޫމާތެއް ނުވަތަ ފޮޓޯއެއް، އޯޑިއޯ ނުވަތަ ވީޑިއޯ ހާމަކުރުމަކީވެސް މަނާކަމެކެވެ.

ކުޑަކުދިންގެ ޙައްޤަށް އުނިކަން އަންނާނެ ފަދައިން އެކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުވިޔަނުދިނުމަށްވެސް މި އުޞޫލުން ބާރުއަޅައެވެ.

މި އުސޫލާ ޚިލާފުވާ ޚަބަރެއް ނުވަތަ މަޢުލޫމާތެއް ނުވަތަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ހާމަކޮށްފިކަން އެމްއެމްސީގެ ސަމާލުކަމަށް އައުމުން، އެ މައްސަލަ ބަލައި ނިމެންދެން، އެ މަޢުލޫމާތެއް ނެގުމަށް ނުވަތަ ނުފެންނަ ގޮތް ހެދުމަށް އެންގުމުގެ އިޚްތިޔާރު މި އުސޫލުގެ ދަށުން އެމްއެމްސީއަށް ލިބިގެންވެއެވެ.

މީގެ އިތުރުން މި އުސޫލާ ހިލާފުވެއްޖެނަމަ, އެމްއެމްސީގެ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީޑިއާއަކާ މެދު ފިޔަވަޅު އަޅާނެކަމަށްވެސް މީޑިއާ ކައުންސިލުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.