ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ލިއޮނަލް މެސީ ހިލޭ ޖެހުމަކުން އާޖެންްޓީނާ އަށް ލީޑުނަގައިދީފައި ވަނިކޮށް ޗިލީން 1-1 އިން އެއްވަރުކޮށްފި އެވެ.
މެޗުގެ 33 ވަނަ މިނިޓްގައި މެސީ ހިލޭ ޖެހުމަކުން ގޯލު ޖެހިއިރު، އެ ބޯޅަ ގޯލަށް ވަނީ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ އަތުގައި ޖެހިފަ އެވެ. މި ގޯލާ އެކު މެސީ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދު ވަނީ 73 އަށް އަރައިފަ އެވެ. ޗިލީން އެއްވަރުކުރީ ދެ ވަނަ ހާފްގަ އެވެ. އެ ޓީމުގެ ގޯލު ޖަހައިދިނީ މެޗުގެ 57 ވަނަ މިނިޓްގައި އެޑޮއާޑޯ ވާގާސް އެވެ.
ޕެނަލްޓީ އަކުން ޗިލީގެ އާޓޫރޯ ވިޑާލް ފޮނުވާލި ބޯޅަ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އަތުގައި ޖެހިފައި ހުރަސްދަނޑީގައި ޖެހިފައި ލިބުމުން ވާގާސް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ޕެނަލްޓީގެ ރީބައުންސް އިން ވާގާސް ގޯލު ޖެހީ އަތުން ކަމަށް ބުނެ އާޖެންޓީނާގެ ކުޅުންތެރިން އެޕީލްކުރުމުން ރެފްރީ ވަނީ ވީއޭއާރް މެދުވެރިކޮށް އެކަން ބެލުމަށް ފަހު ގޯލު ރަނގަޅުކަމަށް ނިންމައިފަ އެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ކޮޕަ އެމެރިކާގައި ޗިލީ އަތުން 2-1 އިން މޮޅުވެ، އާޖެންޓީނާ އިން މުބާރާތުގެ ތިން ވަނަ ހޯދި މެޗުގައި މެސީ އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. މިއީ 14 އަހަރު ތެރޭ މެސީ އަށް ގައުމީ ޓީމުގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ.
ކޮމެންޓު ފޮނުވާ