ޖިނާއީ ބޮޑެތި މައްސަލަތަކުގައި މިހާތަނަށް އިންސާފާއި ހަމައަށް ގޮސްފައިނުވަނީ މުޅި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ގަސްތުގައި އިޙްމާލުވުމުންކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަށްކޮށްލުމަށް ދިން ހަމަލާއަށް މަހެއް ފާއިތުވެގެން ދިޔައިތުވެސް އެ ހަމަލާގެ ފަހަތުގައި ތިބި މީހުންނާއި ފަންޑުކުރި މީހުން ހޯދިފައިނުވާތީ އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ. މިގޮތުން އިންތިވެސް ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
އިންތި ވިދާޅުވީ، ގިނަ ޖިނާއީ ބޮޑެތި މައްސަލަތަކުގައި މިހާތަނަށް ކޮޅެއްގައި ނުޖެހި "ހަތަރެސްކަން ހަމަވެފައި" ވަނީ މުޅި ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކުން ގަސްތުގައި އިޙްމާލުވުމުންކަމަށެވެ. ރައީސް ނަޝީދަށް ދިން ހަމަލާއަށްފަންޑުކުރި މީހުން ކޮބައިތޯ އާއިލާއާއި ހެޔޮ އެދޭ މީހުން ގޮވާތީ ބޮލަށް އުނދަގޫވާނެ ކަމެއް ނެތްކަމަށްވެސް އިންތި ވިދާޅުވެފައިވެއެވެ.
ގިނަ ބޮޑެތި ޖިނާއީ މައްސަލަ ތަކުގައި މިހާތަނަށް ކޮޅެއްގައި ނުޖެހި "ހަތަރެސްކަން ހަމަވެފައި" ވަނީ މުޅި ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކުން ގަސްތުގައި އިޙްމާލުވުމުން.
ފަންޑުކުރި މީހުން ކޮބައިހޭ އާއިލާއާއި ހެޔޮ އެދޭ މީހުން ގޮވާތީ ބޮލަށް އުނދަގޫވާނެ ކަމެއް ނެތް!
— ???????? ????? (@Imthiyazfahmy) June 14, 2021
މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން، މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައި ވީނަމަވެސް، އެ ހަމަލާ ރޭވުމަށް ފަނޑުކުރި ބަޔަކު ހައްޔަރުކުރިކަމެއް ސަލާމަތީ ޚިދުމަތްތަކުން ހާމަކޮށްފައެއް ނުވެއެވެ. މިއާއެކު ރައީސް ނަޝީދަށް ތާޢީދުކުރާ ބައެއް ފަރާތްތަކުންނާއި، މަޖިލީހުގެ ބައެއް އެމްޑީޕީ މެންބަރުން ގެންދަނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 5 މީހަކު ހައްޔަރުކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިންތާ މިހާރު އެއް މަސްދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ. ނަމަވެސް ހަމަލާއަށް ފަންޑުކުރި މީހުންނާއި، އޭގެ ފަހަތުގައި ތިބި ބަޔަކު ދެނެގަނެވިފައި ނުވާތީ ރައީސް ނަޝީދަށް ތާޢީުކުރާ ފަރާޓްތަކުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ހަމަލާއާއި ގުޅިގެން މިހާތަަނަށް ހައްޔަރުކުރި ހަތަރު މީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ. މީގެތެރެއިން އަދުހަމް އަޙްމަދަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ސައިކަލްގައި ހަރުކޮށްފައި އޮތް ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. ފުލުހުން އާއްމުކުރި ވީޑިއޯ ފުޓޭޖްތަކަށް ބަލާއިރު މީނާ މިކަން ކޮށްފައިވަނީ ރައީސް ނަޝީދަށް ފާރަލައިގެން ފިލާ ހުރެކަން އެގެއެވެ. ދެން މި މައްސަލާގައި ހަރަުކޮށްފައިވާ ތަހްމީނު އަޙްމަދަކީ ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރި ފަރާތެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ހަމަލާދިނުމުގައި ބައިވެރިވި މީހުންގެ އިތުރުން މި ހަމަލާދިނުމުގެ ފަހަތުގައި ތިބެ އެކަމަށް ހަރަދުކުރީ ކޮންބައެއްތޯވެސް ހޯދާނެކަމަށެވެ. އަދި މިކަމަށް ފަންޑުކުރި މީހުން ހޯދުމަށް ރައީސް ނަޝީދުވެސް ވަނީ ގޮވާލައްވާފައެވެ.
ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އަދި އެ ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެއްވުމަށްފަހު ޖަރުމަންވިލާތަށް ވަޑައިގެން އިތުރު ފަރުވާ ވަނީ ހޯއްދަވާފައެވެ. އަދި އަންނަ މަހު އެނބުރި ރާއްޖެ ވަޑައިގެންނެވޭވަރު ވާނެކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ