ރާއްޖޭގެ ވައިގެ ބަނދަރުތައް %100 ބޭރުގެ ކުންފުނިތަކުން ހިންގޭ ގޮތައް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޝަހީމް މިކަމަށް ގޮވާލައްވާފައި މިވަނީ، ބޭރުގެ %100 ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ސަރުކާރުން އިޞްލާހުކުރުމާއި ގުޅިގެންނެވެ.
ޝަހީމް ވިދާޅުވީ، ރާއްޖޭގެ ވައިގެ ބަނދަރުތައް %100ބޭރުގެ ކުންފުނިތަކުން ހިނގޭ ގޮތައް ނިންމި ނިންމުމަކީ، ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށެވެ. އެއީ އިޤުތިޞާދީ ނަޒަރުން ބެލި ނަމަވެސް ދިވެހި ދައުލަތައް ގެއްލުންވާނެކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ވައިގެ ބަނދަރުތައް 100% ބޭރުގެ ކުންފުނިތަކުން ހިނގޭ ގޮތައް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލަން. އެއީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމާމެދު ޝައްކެއްނެއް. އިޤުތިޞާދީ ނަޒަރުން ބެލި ނަމަވެސް އެއީ ދިވެހި ދައުލަތައް ގެއްލުންވާނެކަމެއް .
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 14, 2021
ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ގެޒެޓުކުރި އިސްލާހުގައި ބުނެފައިވަނީ، ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ %100 ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެކަމަށެވެ. އަދި އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް%100 ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
ސަރުކާރުން މި އިޞްލާހު ގެނައުމުގެ ކުރިން މިދިޔަ އަހަރު ނެރުނު ޕޮލިސީގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ފްރައިޓް ސާވިސްއާއެކު އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ދެވޭނީ ބޭރުގެ %75 ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
ސަރުކާރުން ގެނައި އިޞްލާހާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރާއްޖޭގެ ވައިގެ ބަނދަރުތައް %100 ބޭރުގެ ކުންފުނިތަކުން ހިންގޭ ގޮތައް ސަރުކާރުން ބަދަލު ގެނެސްފައިވާއިރު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަން އިންޑިއާއަށް ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ