ރައްޔިތުންނަށް ފައިދާއާއި، ލާބަހުރި ކޮންމެ މަަސައްކަތެއްގައި އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުމާއި، ތާޢީދު މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީ މެންބަރުން ދެއްވައިފިއެވެ.
ސިޓީ ކައުންސިލްގެ އެމްޑީޕީ މެންބަރުންނެރެފައިވާ ބަޔާނެއްގައިވަނީ، ރައްޔިތުންނަށް ފައިދާއާއި، ލާބަހުރި ކޮންމެ މަަސައްކަތެއްގައި އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުމާއި، ތާޢީދު މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. ޕީޕީއެމްގެ މޭޔަރަކު ހުންނެވިކަމަށްޓަކައި އަދި އޭނާ ހުށަހެޅުއްވި ކަމެއް ވީމާ ދެކޮޅު ހެދުމުގެ އިދިކީލި ސިފައިން އަޅުގަނޑުމެން ނެއްޓި ތިބޭނެކަމުގެ ޔަޤީންކަންވެސް އަރުވާކަމަށާއި، އެމްޑީޕީގެ އަސާސްތަކާއި، އަގުތައް ނަގަހައްޓާ، ޕާޓީގެ މެންބަރުންގެ ބަސް ކަނުލާ އަޑު އަހަމުންކަމަށް ބުނެފައިވެއެވެ. މަޤާމާ ޙަވާލުވެ މި ވޭތިވެދިޔަ ކުރު މުއްދަތުގައިވެސް ޢަމަލުކޮށްފައި ހުއްޓަތީ ފެނިވަޑައިގަންނަވާނީ އެހަމައިގައިކަމަށްވެސް އެމްޑީޕީ ކައުންސިލަރުން ވިދާޅުވިއެވެ.
މީގެއިތުރުން، މާލޭގެ ރައްޔިތުންގެ މަސްލަޙަތުތަކުގެ މައްޗަށް ހުޝިޔާރުކަމާއެކު އަޅުގަނޑުމެން ފާރަވެރިވަމުން ދާނަމުއެވެ. އަދި މާލޭގެ ލޮބުވެތި ރައްޔިތުންނަށް ކައުންސިލު ހިނގާނުހިނގާގޮތާއި ގުޅޭގޮތުން މަޢުލޫމާތު އަރުވަމުން ގެންދާނަމެވެ. މިމަސައްކަތުގައި މާލޭ ރައްޔިތުން އަޅުގަނޑުމެންނާއެކު ތިއްބަވާނެކަމީ ހިތުގައި ޝައްކު ހިނގާ ކަމެއްނޫނެވެ. 18 ކައުންސިލަރުން ތިއްބަވާ މާލޭ ސިޓީ ކައުންސިލްގެ މައިނޯރިޓީކަމުގައި ތިބެމެ، ކައުންސިލްގެ ހިންގާ ޤަވާޢިދަށް ނިމިދިޔަ ހަފުތާގައި އެމްޑީޕީއިން އިސްވެ ހުށަހެޅި ބަދަލުތައް ފާސްވެފައި އެވަނީވެސް މިނަންގަތް މަގުން ޢާންމުންގެ މަދަދުވެރިކަމާއި، އަޑުއުފުލުމުގެ ސަބަބުންނެވެ.
– އެމްޑީޕީ ކައުންސިލަރުން
މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި، އިންސާނީ ވަސީލަތް ނެތުމާއި، ޖާގައިގެ ދަތިކަން ހިމެނޭކަމަށާއި، ސިޓީއެއް ހިންގުމަށް އަސާސީގޮތުން ބޭނުންވާ ޢިލްމާއި، ތަމްރީނު ލިބިފައިވާ ފަންނީ މުއައްޒަފުން އަމުދުން ކައުންސިލެއްގައި ނެތްކަން ފާހަގަކޮށްފައިވެއެވެ. ކޮންމެ ކައުންސިލަރަކަށް ގޮނޑި، މޭޒާއި، ކޮންޕިއުޓަރު ނެތްކަމަށާއި، ކައުންސިލްގެ ޚިދުމަތްތަކާއި، މުއައްޒަފުންނާއި، ސެކްޝަންތަކާއި، ޑިޕާޓުމަންޓުތައް ހުރީ މާލޭގެ އެތައްމިތަނުގައިކަމަށްވެސް އެމްޑީޕީ ކައުންސިލަތުން ފާހަގަކޮށްފައިވެއެވެ.
އެއް ފުރާޅެއްގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދެވޭނެ މަގަކުން، މާލޭ ސިޓީ ކައުންސިލާ އެކަށީގެންވާ، ހުރިހާ ކައުންސިލަރުންނަށްވެސް އިށީނދެ، ބައްދަލުވެ، މަސައްކަތް ވެވޭނެ ޖާގަ ހުރި ޢިމާރާތަކުން ސިޓީ ކައުންސިލްގެ ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހޭން ޖެހެއެވެ. އަދި އާރބަން ޕްލޭނަރުންނާއި، އިންޖިނިއަރުންނާއި، ސަރވެޔަރުންނާއި، އައި.ޓީ ސްޕެޝަލިސްޓުންނާއި، އެހެނިހެން ފަންނީ، ސަޕޯޓް ސްޓާފުންވެސް ހަމަޖެހޭން ޖެހެއެވެ. އެކަންކަން ހަމަޖެއްސުމުގައި އަޅުގަނޑުމެން މިދަނީ މާލޭގެ މޭޔަރާއިއެކު މަސައްކަތްކުރަމުންނެވެ. އެމަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަޤީންކުރަމެވެ.
– އެމްޑީޕީ ކައުންސިލަރުން
އެ ކައުންސިލަރުން ވަނީ މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލެވުމުގެ ބޮޑު މަސައްކަތް ފެށިފައިވާކަން ފާހަގަކޮށް،. ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ “މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އޮންލައިން ބައްދަލުވުން”ގައި ގިނަ ބަޔަކު ބައިވެރިވުމަށްވެސް އެދިވަޑައިގެންފައެވެ. އަދި ބޯހިޔާވަހިކަމާއި، ތޮއްޖެހުން ހިމެނޭގޮތުން މާލޭގެ މަގުތަކާއި، ޢާންމު ޖާގަތަކާއި، ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި މައްސަލަތައް ޙައްލުކޮށް، ކަންބޮޑުވުންތައް ފިލުވުމުގައި މުރާލިކަމާއި، ފަރުވާތެރިކަމާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް ދެއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ