ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އެގޮތުގައި ބާއްވައިގެން ކަންކަން ރަނގަޅުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާލުވެއްޖެއެވެ.
ރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މަސައްކަތްތައް ލަސްވުމަށް އިޝާރާތްކުރައްވާ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، މެޖިސްޓްރޭޓް ކޯޓުތަކުގެ ވާހަކަ އެކަނި ދެއްކުމުގެ ބޭނުމެއް ނެތްކަމަށެވެ. އެކުލަވާޅެވިފައިވާގޮތް ރަނގަޅު ނޫންކަމަށް ބުނި ޖޭއެސްސީ އެގޮތުގައި ބާއްވައިގެން ކަންކަން ރަނގަޅުކުރެވޭނެ ކަމަމަށް ނުފެންނަކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގެ ވާހަކަ ހަމައެކަނި ދެއްކުމުގެ ބޭނުމެއް ނެތް. އެކުލަވާޅެވިފައިވާގޮތް ރަނގަޅު ނޫންކަމަށް ބުނި JSC ހަމަ އެގޮތުގައި ބާއްވައިގެން ކަންކަން ރަނގަޅު ކުރެވޭނެ ކަމަކަށް ނުފެނޭ.
– ޢަލީ ޙުސައިން
ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ނުވަތަ ކޮމްޕޮޒިޝަން ބަދަލުކުރެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ. ނަމަވެސް ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރުވެސް އެކަން ކުރެވިފައިނުވާތީ ބައެއް ފަރާތްތަކުގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ އެކައްޗަކަށް ވެފައިވުންކަމަށާއި، އެގޮތުން ބާރުތައް އެއްވެ މަސްހުނިވެފައިވާކަމަށް ޢަލީ ޙުސައިން މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރައްވާނެކަމަށް ސަރުކާރުން ބުނެފައިވާއިރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެމެ، މިހާތަނަށް އެފަދަ އިޞްލާހެއްވެސް މަޖިލީހަށް ހުށައަޅާފައެއްނުވެއެވެ. ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން އިންނަވައެވެ. ޖޭއެސްސީގެ ރައީސް އަކީ ޙިސާން ޙުސައިންއެވެ.
ޤާނޫނު އަސާސީގައި ބުނާގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެން ވާނީ، މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރުންގެ މައްޗަށް އެކުލެވޭ 10 މެންބަރުންގެ މައްޗަށެވެ.
ކޮމެންޓު ފޮނުވާ