ފްރާންސްގެ ސަޕޯޓަރުންނަށް މިހާރު ޔޫރޯ 2020 ވެސް އެގައުމަށް ކާމިޔާބު ކުރެއްވިއްޖެހެން ހީވާ ކަމަށް ކޯޗު ޑީޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.
ޑިޝޭމްޕްސް ވަނީ ފްރާންސަަށް މުބާރާތް ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބުނެ، ސަޕޯޓަރުންގެ އުންމީދު ކޮންމެވެސް ވަރަކަށް ދަށް ކޮށްލައިފައެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ފައިނަލަށްވެސް ފްރާންސް ވަނީ ދަތުރުކޮށްފައެވެ. ކާމިޔާބީގެ އަހަރުތަކާއެކު ފްރާންސުން މިފަހަރުގެ ޔޫރޯ ކާމިޔާބު ކުރާނެ ކަމަށް މީޑިއާގައި އަޑުތައް ވަނީ ގަދަވެފައެވެ.
"ސަޕޯޓަރުންނަށް ބައެއް ފަހަރު ހީވޭ ފްރާންސަށް ޔޫރޯ ނެގިއްޖެހެން. އެއީ ގެންގުޅެން ބޭނުންވާ އެޓިޓިއުޑެއް ނޫން. ދަނޑަށް ނާރާ މުބާރާތް ނެގިއްޖެ ކަމަށް ނުވިސްނޭނެ." ޑިޝޭމްޕްސް ބުނިއެވެ. ޔޫރޯ ފަދަ މުބާރާތެއް ނެގުމަށް ކޮލިޓީ ކުޅުންތެރިންގެ އިތުރުން ބައެއް އެހެން ކަންކަން ބޭނުންވާ ކަމަށް ބުންޏެވެ. ޑިޝޭމްޕްސް ފާހަގަކޮށްފައި ވަނީ މުބާރާތެއް ނެގުމަށް ކުޅުންތެރިންގެ ހިތްވަރާއި ރޫހު މުހިންމުވާނެ ކަމަށެވެ.
ފްރާންސުން ޔޫރޯގެ ފުރަތަމަ މެޗުގައި ނުކުންނާނީ ޖޫން 16 ވަނަ ދުވަހު ޖަރުމަނާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ