ހައްޖަށް ދިއުމަށް ރިޒާވްކޮށްފައިވާ ޖާގަ ތަރުތީބުން ވަނީ އެއްއަހަރު ފަސްކޮށްފައި: ހައްޖު ކޯޕަރޭޝަން

ހައްޖަށް ދިއުމަށް ރިޒާވްކޮށްފައިވާ ޖާގަ ތަރުތީބުން ވަނީ އެއްއަހަރު ފަސްކޮށްފައި: ހައްޖު ކޯޕަރޭޝަން

Author
މުޙައްމަދު ޖިމީ
13 ޖޫން 2021 10:55
0

މި އަހަރުވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ މީހުންނަށްކަމަށް އެކަނިކަމަށް އެޤައުމުން ނިންމުމާއި ގުޅިގެން، ހައްޖު ކޯޕަރޭޝަނުން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ރިޒާވްކުރި ޖާގަތައް އަންނަ އަހަރަށް ފަސްކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ސައުދީގައި ދިރިއުޅޭ މީހުންނަށް އެކަނި މިއަހަރުވެސް ހައްޖުވުމުގެ ފުރުޞަތު ދޭގޮތަށް އެޤައުމުން ނިންމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން 1442 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ހަމައެކަނި ސައުދި ޢަރަބިއްޔާގައި ދިރިއުޅޭ ފަރާތްތަކަށް ދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމެވުމާއި ގުޅިގެން އެކުންފުނީގެ ފަރާތުން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ޙައްޖު ދަތުރު ކެންސަލް ކުރެވިފައިވާކަމަށެވެ

އަދި އެކުންފުންޏަށް ފައިސާ ދައކައި ޙައްޖު ޖާގަ ރިޒާވްކޮށްފައިވާ ފަރާތްތައް ޖާގަ ދެވޭ އަހަރު، ޖާގަ ރިޒާވްކުރެވިފައިވާ ތަރުތީބުން އެއް އަހަރު ފަސްކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ. މިއަހަރު ހައްޖަށް ދިނުމަށް ކަނޑައެޅި ޖާގަ ދެވިފައިވާ ފަރާތްތަކަށް އަންނަ އަހަރު ފުރުޞަތު ދެވޭނެކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އަދި ހައްޖަށް ދިއުމުގެ ޖާގަ ދެވިފައިވާ ތަރުތީބު އެ ކުންފުނީގެ ވެބްސައިޓުން ފެންނާނެކަމަށްވެސް ބުންޏެވެ.

ސަޢުދި ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވުޒާރާއި ސިއްހަތާއި ބެހޭ ވުޒާރައިން ބުނެފައިވަނީ، މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ބައިވެރިވެވޭނީ އެޤައުމުގައި ދިރިއުޅޭ މީހުންނަށް އެކަނިކަމަށެވެ. އެގޮތުން ސަޢުދީގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް 60،000 މީހުންނަށް ފުރުޞަތު ދޭނެކަމަށްވެސް ސަޢުދީ ސަރުކާރުން ހާމަކުރެއެވެ. އެގޮތުން ޙައްޖުވުމަށް ދަފުތަރު ކުރެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިގު މުއްދަކަށް ބޭސްފަރުވާކުރަންނުޖެހޭ މީހުންނާއި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންންނާއި، މަދުވެގެން 14 ދުވަސްކުރިން ވެކްސިންގެ އެއް ޑޯޒު ޖަހާފައިވާ މީހުންނާއި ކޯވިޑް-19ން ފަސޭހަވުމަށްފަހު ވެކްސިން ޖަހާފައިވާ މީހުންކަމަށްވެސް ސަޢުދީ ސަރުކާރުން ބުނެފައިވެއެވެ.

މިގޮތަށް ނިންމީ ހައްޖަުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަމަށްވެސް ސަޢުދީ ސަރުކާރުން ބުނެފައިވެއެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަންތައް ކުރިަށްދާނީވެސް ކޯވިޑުންރައްކާތެރިވުމުގެ ޚާއްޞަ ފިޔަވަޅުތަކާއެކުކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ އަހަރުވެސް ސައުދީން ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ފުރުޞަތު ދިނީ އެޤައުމުގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ. ކޯވިޑުން ަރައްކާތެރިވުމުގެ ޚާއްޞަ ފިޔަވަޅުތަކާއެކު ކުރިއަށް ގެންދިޔަ އަޅުކަން ނިންމާލިއިރު އެއްވެސް މީހަކަށް ބަލިޖެހިފައެއް ނުވެއެވެ. ހައްޖަުގެ އަޅުކަން ކުރިަށްގެންދިއުމަށް އެޤައުމުން ވަރަށް ފުރިަހަމއަށް ތައްޔާރުވެފައިެވއެވެ.

މުސްލިމުން ޙައްޖު ދުވަހުގެ ގޮތުގައި ބަލަނީ ޙައްޖުގެ އެންމެ މަތިވެރި އަޅުކަން އަދާކުރުމަށް ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވާ ދުވަހެވެ. އެއީ ކޮންމެ އަހަރަކުވެސް ޒުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. ހިޖުރީ ކަލަންޑަރުން ޒުލްޙިއްޖާމަހުގެ 9 އެއް މިއަހަރު ދިމާވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހާއެވެ.

އާންމު ހާލަތުގައި ޙައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް 2.5 މިލިއަނަށްވުރެ ގިނަ މީހުން މައްކާ އާއި މަދީނާއަށް ޒިޔާރަތްކުރެއެވެ. ނަމަވެސް މިދިޔަ އަހަރު ސައުދީގެ ކަމާބެހޭ އިދާރާތަކުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތުދީފައި ވަނީ އެ ގައުމުގައި ތިބި 160 ގައުމެއްގެ ރައްޔިތުން ހިމެނޭހެން 1000 މީހުންނެވެ.

މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައަޅާފައިވަނީ ކޮންޕިއުޓަރު މެދުވެރިކޮށް ގުރުއަތު ނަގައިގެންނެވެ. ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު މީހުންވަނީ މައްކާއަށް ދަތުރުކުރުމުގެ 7 ދުވަސް ކުރިން ގޭގައި އެކަހެރިވެފައެވެ. އަދި މައްކާއަށް އައުމަށްފަހު އެމީހުންވަނީ ވަކި ހޮޓަލެއްގައި ކަރަންޓީނުވެފައެވެ. އަޅުކަމުގެ ކަންކަމަށް އެއްތަނުން އަނެއްތަނަށް ޙައްޖުވެރިން ގެންގޮސްފައިވަނީ ބައިބަޔަށް ބަހައިގެންނެވެ. އަދު ކޮންމެ 50 ޙައްޖުވެރިއަކަށް ޚާއްޞަ ޞިއްޙީ ޚިދުމަތްތެރިއެއް ކަނޑައަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.