ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފިންލެންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ފުރަަތަމަ ހާފުގެ ފަހުކޮޅުގައި އެ ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން، ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުމާ އެކު އޭނާގެ ފަރުވާ އަވަސްކުރަން އެންމެ ފުރަތަމަ މެޑިކަލް ޓީމަށް އިޝާރާތްކުރި ކުޅުންތެރިންގެ ތެރޭގައި ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ ހިމެނެ އެވެ.
އެންމެ ފުރަތަމަ އެެރިކްސަން އަށް ފަރުވާ ދިނުމުގައި ވެސް އެހީތެރިވި އެވެ. އެރިކްސަން ދަނޑު މައްޗަށް ވެއްޓުނު ވަގުތު އޭނާ އަށް އަވަހަށް ސީޕީއާރް ދިނުމުގެ ކަންކަން ކުރުމުގައި އަަވަސްވެގަތީ ކިއޭ އެވެ. އަދި އެރިކްސަންގެ ނޭވާ ނުހުއްޓޭގޮތަށް އަނގަ ބަންދުވިޔަ ނުދީ މެޑިކަލް ޓީމު އަންނަންދެން ފަރުވާ ދެމުންދިޔަ އެވެ. އަދި އެރިކްސަންގެ އަނގައިގެ ތެރެއަށް ދޫ ދިޔަ ނުދޭން ވެސް ކިއޭ މަސައްކަތްކުރި ކަމަށްވެ އެވެ. އެރިކްސަންގެ އެންމެ ގާތް އެކުވެރިޔާ، ކިއޭ ވަނީ ރޭ އެރިކްސަން އަށް މި ދިމާވި ކުއްލި ކަންތައްތަކުގެ ތެރޭގައި މުހިއްމު ރޯލުތަކެއް ކުޅެފަ އެވެ.
ޑެންމާކުގެ ނޫހެއް ކަމަށްވާ ބީޓީ އަށް ޑެންމާކުގެ ޓީމު ޑޮކްޓަރު މޯޓެން ބޮއެސަން ދިން އިންޓަވިއުއެއްގައި ބުނީ އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާ ހަަމައިން އޭނާ އަށް މެޑިކަލް ޓީމު ފަރުވާދޭން ފެށުމާ ހަަމައަށް ހިނގި ވަގުތުގައި ވެސް އެރިކްސަންގެ ފުރާނަ ސަލާމަތްކުރަން އޮތީ މުހިއްމު ކަންތައްތަކެއް ކުރެވިފަ އެވެ. އެ ވަގުތު ކިއޭ ކުރި ކަންކަން ހިމެނޭ ގޮތަށް މެޑިކަލް ސާވިސް ދެވިފައި ހުރީތީ ޑރ. ބޮއެސަން ވަނީ ޝުކުރު އަދާކޮށްފަ އެެވެ.
ކިއޭ އަށް ދެން ގިނަ ބަޔަކު ތައުރީފުކުރަމުން އަންނަ އަނެއް ކަމަކީ އެރިކްސަން އަށް ފަރުވާ ދިން ވަގުތު އެ މަންޒަރުތައް ޓީވީ އަށް ނުދެއްކުމަށް ޓީމުގެ ކުޅުންތެރިންނާ އެކު އެރިކްސަން ވަށައިގެން އަތުރާލުމުގައި ބައިވެރިވެ، ފަހުން އެރިކްސަންގެ އަންހެނުން ސަބްރީނާ އަށް އެހީވެދޭން ކުރި މަސައްކަތުންނެވެ. އެރިކްސަން އަށް ދިމާވި ގޮތުން ފުން ހިތާމައެއްގައި ހުރެ ސަބްރީނާ ރޮމުންދިޔައިރު، އޭނާ ހަމައަކަށް އެޅުވުމަށް އެންމެ އިސްކޮށް ހަރަކާތެރިވީ ކިއޭ އެވެ. އެރިކްސަންއާ އެކު ސަބްރީނާ އަށް ހޮސްޕިޓަލަށް ދެވުމާ ހަމައަށް އެ އާއިލާ އަށް އެހީވުމުގައި ކިއޭ ލީޑު ވެސް ނެގި އެވެ.
ކޮމެންޓު ފޮނުވާ