ރަށަށްގޮސް އަލުން ދިރިއުޅުން އާބާދުކުރަން ބޭނުންވާ މީހުންނަށް ދައުލަތުން އެހީވުމަށް ގޮވާލައްވައިފި

ރަށަށްގޮސް އަލުން ދިރިއުޅުން އާބާދުކުރަން ބޭނުންވާ މީހުންނަށް ދައުލަތުން އެހީވުމަށް ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
12 ޖޫން 2021 05:22
0

ރަށްރަށަށް އެނބުރިގޮސް އަލުން ދިރިއުޅުން އާބާދުކުރަން ބޭނުންވާ މީހުންނަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ގޮވާލައްވައިފިއެވެ.

ޢަލީ ޙުސައިން މިކަމަށް ގޮވާލައްވާފައި މިވަނީ، ކޯވިޑާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ޢާމްދަނީއަށް ނުރަނގަޅު އަސަރުކޮށް، މާލޭގައި ދަތި އުނދަގޫ ހާލަތުގައި ބައެއް ފަރާތްތަކުން ދިރިއުޅެމުން އަންނާތީއެވެ. އެފަދަ އެތައް އާއިލާއެއް އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވެފައިތިބިކަމަށް ބައެއް ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވީ، ރަށްރަށަށް އެނބުރިގޮސް އަލުން ދިރިއުޅުން އާބާދުކުރަން ބޭނުންވާ އެތަކެއް ބައިވަރު ޢާއިލާތަކެއް އެބަތިބިކަމަށެވެ. ދައުލަތުގެ ފަރާތުން އެ ފަދަ މީހުން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.

މެންބަރު ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ޖެންޑަރ މިނިސްޓްރީން ވަނީ، ކޯވިޑު-19އިގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން މިހާތަނަށް އެދުނު ފަރާތްތައް ރަށަށް ބަދަލުކުރުމުގެ ޕްރޮގްރާމެއް ފަށާފައެވެ.

ޖެންޑަރ މިނިސްޓްރީން ކުރިން ބުނެފައިވަނީ، ކޯވިޑް-19އިގެ ސަބަބުން ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުޞަތުގައި ބައެއް އާއިލާތަކުން އެކަމަށް އެދިފައިވާކަމަށެވެ. އަދި ޖެންޑަރ މިނިސްޓްރީގެ ސޯޝަލް ސާރވިސް ޑިޕާޓްމަންޓުން އެމީހުންގެ ހާލަތު ދެނެގަތުމަށް އެސެސްމެންޓްތައް ހަދަމުން އަންނަކަމަށާއި އެ އާއިލާތަކަށް ބޭނުންވާ ކަންކަން ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. މިމަސައްކަތްތައް ނިންމާ އެ މީހުން ރަށަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން 500 އާޢިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ޖެންޑަރ މިނިސްޓްރީން ބުންފައިވެއެވެ.

"ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު"ގައި ވާގޮތުން އެހީއަށް އެދޭ ފަރާތްތަކާއި އެހީ ފޯރުކޮށްދެވޭ ފަރާތްތަކުގެ ދަފުތަރެއް ޖެންޑަރ މިނިސްޓްރީން ބަލަހައްޓަންޖެހެއެވެ. މި ޕްރޮގްރާމްގެ ދަށުން އެހީއަށްއެދޭ ޚާއްސަ ފޯމު ހުށަހަޅަން ޖެހެނީ އެހީ އަށް އެދޭ ފަރާތުން ވަޒަންވެރިވާން އެދޭ ރަށުގެ ކައުންސިލަށެވެ.

މި ޤަވާއިދުގެ ދަށުން ދޭ މާލީ އެހީގެ ތެރޭގައި ހިމެނެނީ އެސްޓެބްލިޝްމެންޓު އެލަވަންސްގެ ގޮތުގައި ހަމަސް ވަންދެން އާއިލާއަކަށް 3000ރުފިޔާއެވެ. އަދި ވަޒަންވެރިވުމަށް ދަތުރުކުރާ ރަށަށް ދިޔުމަށް އެއްކޮޅު ޓިކެޓުގެ އިތުރުން އެމީހަކު ބަދަލުވާ ރަށެއްގައި އުޅޭނެ ގެދޮރު މަރާމާތު ކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ޚަރަދުގެ އިންސައްތައާއި އާއިލާގެ ހާލަތަށް ބަލައި ފަރުނީޗަރު ހޯދުމަށް ހިނގާނެ ޚަރަދުގެ ވަކި އިންސައްތައެކެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވަނީ ފަރުނީޗަރުތައް ހޯދުމަށާއި ގެދޮރު މަރާމާތުކުރުމަށްޓަކައި 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރާނެކަމަށެވެ.

އެހީއަށް އެދޭ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރުނުވާ އެއް ކުއްޖަކު އެމީހެއްގެ ބެލުމުގެދަށުގައި ހުންނަން ޖެހެއެވެ. އަދި އެމީހެއްގެ ދިރިއުޅުން އެހެން ރަށަކަށް، ދިގުމުއްދަތަކަށް ބަދަލުކުރަން ބޭނުންވި ނަަމަވެސް އެކަން ކުރެވޭގޮތް ފަހިވެފައި ނެތުމާއި ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެހިފައިވުން ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ހިމެނެއެވެ.

މީގެ އިތުރުން އެ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭތާ މަދުވެގެން އަހަރެއްވެފައިވާ ދިވެއްސަކަށްވެސް ވާންޖެހެއެވެ. މި ޤަވާއިދުގައި ވާގޮތުން މާލީ އެހީ ދޭނަމަ އެމީހަކީ ފަޤީރުކަމުގެ ހާލަތު ދެނެގަތުމާ ގުޅޭގޮތުން އެންސްޕާއިން އާންމުކޮށްފައިވާ ގަވާއިދު ބުނާ މިންވަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވާންޖެހެއެވެ.

މި ޤަވާއިދުގައި ބުނެފައިވަނީ މިޕްރޮގްރާމްގެ ދަށުން ސްކޫލު ކުދިންނަށް ސްކޫލުން ޖާގަ ހޯދައިދިނުމަށާއި ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިވާނަމަ އެކަމަށްވެސް އެހީ ދޭނެކަމަށެވެ. އަދި ސްކޫލަށް ދިއުމަށް އިތުރު މާލީ އެހީ ބޭނުންވާނަމަ އެފަދަ ތަކެތި ގަތުމަށް ލުއި ލޯނު ފަދަ ވަސީލަތްތައް ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވާނެ ކަމަށެވެ.

މި ޤަވާއިދުގެ ދަށުން ބަދަލުވާ ފަރާތްތަކުގެ ހާލަތު އެއް އަހަރުވަންދެން މޮނިޓަރ ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އުދުހޭކޮކާ
ޢަލީ ޙުސައިނަށް ، ވެދުން ސަލާމް. ރަށްރަށުގެ ގިނަ މީހުންނަށް ރަށްރަށުގަ ދިރި ނުއުޅެވެނީ ކީއްވެ؟ ސަރުކާރުން ކުޑަ ލާރިކޮޅެއް ދީފަ ފޮނުވީމަ އެހުސް ވަންދެން އޯކޭ.ރަށް ރަށުގެ އާބާދީއާ މެދު ވިސްނެވިންތޯ؟މާލެ އައިސް ކުރާ މަސައްކަތުން ރަށުގަ ތިބޭ އަނބި ދަރިންނަށް ކާންދެނީ.ރަށުން އާމްދަނީ އެއް ނުލިބޭ.ކިޔަވައި ދިނުމާއި ޞިއްޙީ ކަންކަމަށް ވިސްނެވިންތޯ؟އާބާދީ އެއްފަސް ކުރުމަށް ވިސްނަވާ އެމަސައްކަތް ކުރަންވީ.ބޯގޯސް ވާހަކަ ނދައްކާ.