މިއަދު ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން ފެނިގެންދަނި ވެރިންނަށް ސަނާކިޔައި، ޚިދުމުހުތާރު ވެރިކަން ދަމަހައްޓާދޭ ވިރާސީ އަޅުވެތި ސިފަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރަމުންދާ އެމްޑީޕީ ތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މިހާލަތުގައިި، އެޕާޓީގެ މަޖިލިސް މެމްބަރުން ދަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އަދި ޕާޓީގެ ލީޑަރޝިޕަށް އަމާޒުކޮށް، ވަހުގެ ހަމަލާތައް ދެމުންނެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ސިޔާސީ މަންފާއާއި، އެދުންތައް ހާސިލް ކުރުމަށް އެއިރެއްގައި ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށް ސަނާކިޔައި، ހެދުމަކީ ހުދުމުހުތާރު ވެރިކަމަކާއި ދިމާލަށް މިސްރާބު ޖަހައި ވިރާސީ އަޅުވެތިކަމަށް ދިއުމުގެ ސިފައެއްކަމަށެވެ.
އެންމެޙާ ހަމްދު ސަނާ ހުރީ ހެއްދެވި ފަރާތައް ކަމަށް ބުނެ ވާހަކަދައްކަން ފަށާ ސިޔާސީމީހާ އޭނާގެ އަމިއްލަ ބޭނުންތައް ފުއްދަން ސަރުކާރުގެ އެކި މަގާމުގައި ތިބޭ ރައްޔިތުންގެ ހާދިމުނަށް ސާނާ ކިއުމުގެ ދަހިވެތި ސިފައަކީ ހުދުމުހުތާރު ވެރިކަން ދަމަހައްޓާދޭ ވިރާސީ އަޅުވެތި ސިފައެކެވެ.
– ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ މިފަދައިން ވިދާޅުވީ މަޖިލިސް ތެރެއިން ސަރުކާރަށް ޖއްސުންކޮށް އުގަނދޫ ކުރާކަމަށް އަލުފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެ ރައީސް ޞާލިހުއަށް ތައުރީފްކޮށް ދެއްވި ވާހަތަކާއި ގުޅިގެންނެވެ. ބޮންޑޭ ވިދާޅުވީ މަޖިލީހުގައި ކުރެވޭ މަސައްކަތަކީ އަންނަ ފޯނު ކޯލަކަށް ނިންމަންޖެހޭ ކަންތައްތަކަކަށް ވެގެން ނުވާނެކަމަށެވެ. އޭގެ ބަދަލުގައި ޑިމޮކްރަޓިކް އުސޫލުން ހާމަކަން ބޮޑުކޮށް ކަންކަން ކުރާނަމަ އެއްވެސް މައްސަލައެއް ދިމާނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާލުތަފާތުވާ ވަގުތު ފޯނު ކޯލަކުން " ވިދާޅުވި" ކަމަށްބުނެ ކޮމިޓިއެއްގެ މަސައްކަތް ނޮޅާލުމުގެ ބަދަލުގައި އަބަދުވެސް ޕާޓީގެ ޕާލަމެންޓްރީގްރޫޕުން މީޑިޔާގެ ކުރިމަތީގައި ރައްޔިތުން ގެ މަސްލަހަތު އިސްކޮށް ޑިމޮކްރަސީގެ އުސޫލްތައް ހިޔާރުކުރާނަމަ އެއްވެސް މައްސަލައެއް ނުނުކުންނާނެއެވެ.
– ބޮންޑޭ ވިދާޅުވިއެވެ.
ބިގޭ ވަނީ މިމައްސަލަތަކާއި ގުޅިގެން ރައީސް ޞާލިހު އަމަލު ކުރައްވައިވަނީ ވަރަށް ހިކުމަތްތެރި ކަމަށާއި އެކުގައިކަމަށް ވިދާޅުވެފައެވެ. ބިގޭގެ ވާހަތަކަށް ތައުރީފް ކުރައްވައި ފަސްޓްލޭޑި މެޑަމް ފަޒުނާވެސް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ރޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބިގޭ ޕާޓީން ބަކި ކުރަން ޖެހިދާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ