އެމްޑީޕީ ދެބައިވީ، އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި، ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުމުންކަމަށް ވިދާޅުވެ، އެމްޑީޕީ ދެބައިވެއްޖެކަމަށް އެޕާޓީގެ ޗެއަރޕާސަން ޙަސަން ލަޠީފް އެއްބަސްވެވަޑައިގެންފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މިހެން ވިދާޅުވީ، އެމްޑީޕީ ދެބައިވެއްޖެކަމަށް އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) މިއަދު ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ. ބިގޭގެ ވާހަކަފުޅާއި ގުޅިގެން ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމްޑީޕީގެ މެންބަރުން ގެންދަވަނީ ސަރުކާރާއި، ބިގޭއަށް ފާޑުވިދާޅުވެ ރައްދު ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޅިޔަނު ބިގޭއަށް، ރައްދުދެއްވައި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މަސައްކަތް ދެބައިވީ އެމްޑީޕީން ވަޢުދުވި ކަންކަން ސަރުކާރުން ބޭނުން ނުވީމަކަމަށެވެ. އެމްޑީޕީ ދެބައިވީ އެމްއެމްޕީއާރުސީއާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫހާކަން ފެށީމާއި، ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެެވެ. އަދި ޖުމްލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުނީމަކަމަށްވެސް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.
މަސައްކަތް ދެބައިވީ އެމްޑީޕީން ވަޢުދުވި ކަންކަން ސަރުކާރުން ބޭނުން ނުވީމަ. އެމްއެމްޕީއާރުސީއާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫހާކަން ފެށީމަ. ސަރުކާރާ ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ޖުމްލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުނީމަ!
– ޙަސަން ލަޠީފް
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަކީ އެމްޑީޕީގެ މަންމަ ކަމަށާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ގެއްލުންވާނެ އެއްވެސް ކަމަކަށް މާރިޔާ ދީދީ ޖާގަ ނުދެއްވާނެކަމަށް ވިދާޅުވެ ބިގޭ މިއަދު ދެއްކެވި ވާހަކަފުޅަށް ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ގެންދަވަނީ ރައްދު ދެއްވަމުންނެވެ.
މިގޮތުން ރައީސް ނަޝީދާއިމެދު އެހެން ބޭފުޅުން ކުރައްވާ އިތުބާރާއި، އޮތް ވަފާތެރިކަމުގެ ވާހަކަ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ދައްކުމަށްވުރެއް ނުދެއްކެވުން މާ ރަނގަޅުކަމަށް ރައީސް ނަޝީދު ބިގޭއަށް ދެއްވި ރައްދުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބިގޭ މިހާރު ކުރައްވަމުންދާ މަސައްކަތަކީ ސިޔާސީ ގިތުން ލިބެން އޮތް މަންފާއަކަށްޓަކައި ކުރައްވާ މަސައްކަތްތަކެއްކަމަށެވެ. އެފައިދާއަށްކައި އެމަނިކުފާނަށް ވަފާތެރި ބޭފުޅުންނަކީ ކޮބައިކަން ކިޔައިދޭން ނޫޅުއްވުމަށް ރައީސް ނަޝީދުވަނީ ބިގޭއަށް ދަންނަވާފައެވެ.
އަޅުގަނޑުގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެމްބަރަށް އެނގިވަޑައިގަންނަވާނެ އެބޭފުޅާ ސިޔާސީ ފައިދާއަށް ޓަކައި ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް. އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ، ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެބޭފުޅާ ނުދެއްކެވިއްޔާ.
– ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާއަށްފަހު އެމްޑީޕީ ތެރޭގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ މާރިޔާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، މާރިޔާ މަޤާމުން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލަމުންނެވެ. މިކަމާއި ގުޅިގެން ބިގޭ ވިދާޅުވީ ޑިފެންސް މިނިސްޓަރަކަށް މާރިޔާ ހުންނަވައިގެން ރައީސް ނަޝީދަށް ދެރަވާނެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެކަމަށެވެ. އަދި އެއީ ޒާތީ ގޮތުންވެސް އަދި ސިޔާސީ ގޮތުން ބެލި ކަމުގައިވީނަމަވެސް މާރިޔާ، ރައީސް ނަޝީދަށް ދެރަގޮތެއްވާން ނެދޭނެކަމީ ޔަގީން ކަމެއްކަމަށެވެ.
މާރިޔާއަކީ އެމްޑީޕީގެ މަންމަ. ނަޝީދަށް ގެއްލުންވާވަރުގެ ކަމެއް މާރިޔާ ނުކުރާނެ، ސިޔާސީ ގޮތުންވެސް ފަރުދީ ގޮތުންވެސް މާރިޔާ ނުކުރާނެ. ވަޒީރަކު އިސްތިއުފާ ދޭންޖެހޭނީ ތުހުމަތު ކުރެވޭ ކަމެއްގައި ސާފުކޮށް ހެކިހުރެގެން. އަދި ނެތް މާރިޔާ ވަކިކުރަންޖެހޭ ހާލަތެއްވެސް އިސްތިއުފާ ދޭންޖެހޭ ހާލަތެއްވެސް.
– ބިގޭ ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމި ނިންމުމާއިއެކު ބިގޭއަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ. މިނިސްޓަރ މާރިޔާއާއިމެދު ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ބޮޑެތި ތުހުމަތުތަކެއް ކުރަން ފަށާފައިވަނީ މިމައްސަލާގައި ސީދާ މާރިޔާއަށް ކުރީބައިގައި މައުލޫމާތު ދިނުމުންވެސް މާރިޔާ މިކަމަށް އިޖާބާ ނުދިނުން ކަމަށް ބުނެއެވެ.
ކޮމެންޓު ފޮނުވާ