އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ލިބުނީ ދިވެއްސަކަށްކަމަށާއި، ކިތަންމެ ވާދަވެރިނަމަވެސް ރިވެތި ގޮތަކީ މަރުޙަބާ ކިޔުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވީ، ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ކުރެއްވި ޓްވީޓަކަށް ކުރެއްވި ރިޕްލައިއެއްގައެވެ. ދުންޔާ މައުމޫން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކުރުމަށް ކެމްޕެއިންނަށް ދައުލަތުގެ ބަޖެޓުގައި 4،354،772 ރުފިޔާ ކަނޑައަޅާފައިވާކަމަށް ވިދާޅުވެފައެވެ.
ދުންޔާގެ އެ ޓްވީޓައި ގުޅިގެން ޓޮމް ވިދާޅުވީ، އދ. ރިޔާސަތު ލިބުނީ ދިވެއްސަކަށްކަމަށާއި، ރިވެތި ގޮތަކީ ކިތަންމެ ވާދަވެރި ކަމެއް އޮތަސް މަރުޙަބާ ކިޔުންކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ނަމަށްޓަކައިކަމަށާއި، ކުޅިވަރުން ދަސްވި އެއް ފިލާވަޅަކީ އެއީކަމަށްވެސް ޓޮމް ވިދާޅުވިއެވެ.
ރިވެތި ގޮތަކީ ކިތަންމެ ވާދަވެރި ކަމެއް އޮތަސް މަރުޙަބާ ކިޔުމެވެ. އދ. ރިޔާސަތު ދިވެއްސަކަށް ލިބުނީތީއެވެ. ދިވެހިރާއްޖޭގެ ނަމަށްޓަކައެވެ. ކުޅިވަރުން އަޅުގަނޑަށް ދަސްވި އެއް ފިލާވަޅަކީ އެއީއެވެ.
— Ahmed Thariq (@AhmedThaariq) June 10, 2021
ޓޮމް މިހެން ވިދާޅުވެފައިވާއިރު، އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވާ ކުރެއްވި ކެމްޕެއިނަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދިވެހި ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރެއްވިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ޤައުމުގެ އިޤްތިޞާދު ހީނަރުވެފައިވަނިކޮށް، ޝާހިދުގެ ކެމްޕެއިނަށް ބޮޑު ޚަރަދެއްކުރިކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.
އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ. ޢާންމު މަޖިލީހުގެ ރިޔާސަތުގެ ދައުރަކީ އެއް އަހަރެވެ. މި މަޤާމަށް ހޮވިވަޑައިގެންނަވާ ބޭފުޅެއްގެ މަސައްކަތުގެ ތެރޭގައި އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުތައް ބެލެހެއްޓުމާއި ބަހުސްތަކުގައި މެމްބަރު ޤައުމުތަކަށް ވަގުތު ކަނޑައެޅުމާއި ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ރިޔާސަތައް ލިބޭނެއެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.
ކޮމެންޓު ފޮނުވާ