ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ކޯޓާ ލިބިއްޖެނަމަ، މީހުން ގެންދިއުމުގެ ފުރުޞަތު ދޭނީ ހައްޖު ކޯޕަރޭޝަނަށްކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ، ޙައްޖަށް މީހުން ގެންދިއުމަށް ކޯޓާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ސަޢުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއަށާއި ސަރުކާރުގެ ކަމާއި ގުޅޭ ފަރާތްތަކަށް ޙައްޖު ކޯޓާ ހޯދުމަށް އެދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއަށް ކޯޓާ ލިބޭނެކަމަށް އުއްމީދުކުރެއްވި ނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް ކޯޓާގެ އަދަދު މަދުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ފަހުވަގުތުގައި ކޯޓާ ލިބުނު ނަމަވެސް ރާއްޖެއިން މީހުން ޙައްޖަށް ފޮނުވާނެ ކަމަށާއި ނަމަވެސް އެކޯޓާގައި ޙައްޖަށް ފޮނުވާނީ ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންކަމަށް މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ. އެގޮތަށް ނިންމެވީ، ވަގުތު ކުޑަތަންވުމުގެ ސަބަބުން ޖަމާއަތްތަކަށް އެ ފުރުޞަތު ދީގެން ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
އެހެން އަހަރުތަކުގައި ރާއްޖެއަށް ލިބޭ ކޯޓާގެ ދެބައިކުޅަ އެއްބައި މިދެނީ އަމިއްލަ ޖަމާއަތްތަކަށް. އެހެންނަމަވެސް މިއަހަރުގެ މި ދަނޑިވަޅަށް ބަލައި ވަގުތުވެސް ކުޑަތަންވެފައި ވުމުގެ ސަބަބުން ޖަމާއަތްތަކުގެ ބެލުމުގެ ދަށުން ޙައްޖަށް ދާން އުނދަގޫވާނެ. ކުރީ އަހަރުތަކުގައި ލިބޭ ވަރަށްވުރެވެސް މަދުން މިފަހަރު ކޯޓާ ލިބުނަސް ލިބޭނީ..
– އިސްލާމިކް މިނިސްޓަރ
ޙައްޖަށް ދާން ބޭނުންވެގެން 2500 އެއްހާ މީހުން ފައިސާގެ 75 އިންސައްތަ އެކޯޕަރޭޝަނަށްވަނީ ދައްކާފައިކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ކޯޓާ ރާއްޖެއަށް ލިބިއްޖެނަމަ އިސްކަންދޭނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށްކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި 1000 ކޯޓާ ލިބެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ކޯވިޑްގެ ސަބަބުން ރާއްޖެއިން އެއްވެސް ބަޔަކު ހައްޖަކަށް ގޮސްފައެއް ނުވެއެވެ.
ކޯޓާލިބިއްޖެނަމަ ފުރުޞަތު ދޭނީ ހައްޖު ކޯޕަރޭޝަނަށް އެކަނިކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، ސަޢުދި ޢަރަބިއްޔާއިން ވަނީ މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރެވޭނީ ކޯވިޑް-19 އިން ރައްކާތެރިކުރުމަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އެކަނި ކަމަށް ކަނޑައަޅާފައެވެ.
ސައުދީގެ ހެލްތު މިނިސްޓްރީން ބުނީ މިއަހަރު ޙައްޖުގެ އަޅުކަމަށް ތައްޔާރުވާނަމަ އެންމެ ފުރަތަމަ ކުރަން ވީ ކަމަކީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުން ކަމަށެވެ. އަދި ވެކްސިން ނުޖަހާ މައްކާ އާއި މަދީނާއަށް އެއްވެސް މީހަކަށް އެތެރެ ނުވެވޭނެ ކަމަށްވެސް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަހަރުގެ ޙައްޖަކީ ކޯވިޑްގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވީ ފަހުން އަންނަ 2 ވަނަ ޙައްޖެވެ. މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އިން ފުރުސަތު ދިނީ ހަމައެކަނި އެގައުމުގައި ދިރިއުޅޭ މީހުންނަށެވެ.
ޙައްޖުގެ އަޅުކަން އަދާކުރަން ބޭނުންނަމަ ކޯވިޑުން ރައްކާތެރިވުމުގެ ވެކްސިން ޖެހުމަށް ސައުދީގެ ހެލްތު މިނިސްޓްރިން އެންގި ނަމަވެސް، އެގައުމުން ބޭރުގެ މީހުނަށް ޙައްޖުވުމުގެ ފުރުސަތު ދިނުމާމެދު ސައުދީން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މުސްލިމުން ޙައްޖު ދުވަހުގެ ގޮތުގައި ބަލަނީ ޙައްޖުގެ އެންމެ މަތިވެރި އަޅުކަން އަދާކުރުމަށް ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވާ ދުވަހެވެ. އެއީ ކޮންމެ އަހަރަކުވެސް ޒުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. ހިޖުރީ ކަލަންޑަރުން ޒުލްޙިއްޖާމަހުގެ 9 އެއް މިއަހަރު ދިމާވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހާއެވެ.
އާންމު ހާލަތުގައި ޙައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް 2.5 މިލިއަނަށްވުރެ ގިނަ މީހުން މައްކާ އާއި މަދީނާއަށް ޒިޔާރަތްކުރެއެވެ. ނަމަވެސް މިދިޔަ އަހަރު ސައުދީގެ ކަމާބެހޭ އިދާރާތަކުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތުދީފައި ވަނީ އެ ގައުމުގައި ތިބި 160 ގައުމެއްގެ ރައްޔިތުން ހިމެނޭހެން 1000 މީހުންނެވެ.
ކޮމެންޓު ފޮނުވާ