އެމެޖެންސީ ސިއްޙީ ޚިދުމަތުގެ ދަށުން މިހާރު "100″އަށް ގުޅުމުން އެމްބިއުލަންސް ލިބޭނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
އެސެންޓަރުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ހެލްތު މިނިސްޓްރީއާއި، އެމްއެންޑީއެފް ގުޅިގެން މިހާރު އިމަޖެންސީ މެޑިކަލް ސާވިސް ފޯރުކޮށްދެމުން އަންނަކަމަށެވެ. އަދި މިހާރު ކުއްލ ހާލަތްތަކުގައި "100″އަށް ގުޅުމުން އެމްބިއުލަންސް ލިބޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެމެޖެންސީ މެޑިކަލް ސާވިސް އުފެއްދުމުގެ ވިސްނުމަކީ ފުޅާ ދާއިރާއެއްގައި އެމްބިއުލާންސްގެ ޚިދުމަތަކީ ވަކިކުރެވިފައި އޮންނަ ރިލެޔަބަލް ސާވިސްއަކަށް ހެދުން. ނަމަވެސް މީ ފުރަތަމަ ފޭސް ކަމަށްވާތީ ފޯކަސް ކުރަމުން ގެންދަނީ ކޮވިޑަަށް ޕޮޒިޓިވްވެފައިވާ އިމަޖެންސީ ކޭސްތަކުގެ އެމްބިއުލާންސް ސާވިސްގެ ގޮތުގައި…
– މުޙައްމަދު މަބްރޫކް ޢަޒީޒް
އެމެޖެންސީ ހާލަތްތަކުގައި އެމްބިއުލަންސް ފޯރުކޮށްދިނުމަށް ޚާއްޞާ ނަންބަރަކާއެކު ޚިދުމަތް ފަށާފައި މިވަނީ، ޢުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ ނިޔާވުމުގައި އިހުމާލުތަކެއް އޮތްކަން ހާމަވެފައިވަނިކޮށެވެ. އެގޮތުން މިޝްކާގެ ހާލު ސީރިއަސްވެގެން އެމްބިއުލަންސް ފޮނުވުމަށްއެދި އާއިލާއިން އެޗްއީއޯސީއަށް ގުޅުމުން އެމްބިއުލަންސް ފޮނުވިކަމަށް ބުނެ ދިނީ ދޮގު މައުލޫމާތުކަންވެސް މިޝްކާގެ މަރާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީން އެކުލަވާލި ރިވިއު ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި އެމްބިއުލަންސް ފޮނުވާފައިވަނީ 2 ގަޑިއިރާއި 26 މިނެޓްފަހުން ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ