އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލަންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފި

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލަންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
10 ޖޫން 2021 06:58
0

އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީއޯ)އާއި ހަވާލުކޮށްފިއެވެ. އެސްޓީއޯގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު ނަސީމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، އަލަށް މިގެނެވޭ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އެމްބިއުލާންސްތައް ގެނެވި، އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި، އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އެސް.ޓީ.އޯއާއެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން، އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ޙަވާލުކުރުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.